ވާހަކަ: ޑައިރީ – ފަސްދޮޅަސް އަށްވަނަބައި

ކުރީގެ އަދަދާއި ގުޅޭ... ނާޒިމާ އެ ވަގުތުހުރީ ހަދާނެގޮތް ހުސްވެ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. ނާޒިމާގެ ލޮލުން ކަރުނަތައް ފައިބަމުން ދިޔައެވެ. ކޯސްޓްދަޅު ގަނެގެން ރާއިފު ގެއަށް އައިއިރު ކޮޓަރި ތެރެއި...

03 Dec 2024 | 07:40

ކުރީގެ އަދަދާއި ގުޅޭ...

ނާޒިމާ އެ ވަގުތުހުރީ ހަދާނެގޮތް ހުސްވެ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. ނާޒިމާގެ ލޮލުން ކަރުނަތައް ފައިބަމުން ދިޔައެވެ.

ކޯސްޓްދަޅު ގަނެގެން ރާއިފު ގެއަށް އައިއިރު ކޮޓަރި ތެރެއިން ވަރަށް ބާރަށް ޒާރާ ރޯ އަޑު އިވެއެވެ. ރާއިފު ކޯސްޓްދަޅު މޭޒުމަތީގައި ބެހެއްޓުމަށްފަހު ކޮޓަރިއަށް ދިޔައިރު އައިލީން ޒާރާ ހުއްޓާލެއްވޭތޯ މަސައްކަތް ކުރަމުން ގެންދަނީއެވެ.

"ކިހިނެތްވީ ބޭބީ މާ ބޮޑަށް ރޮނީ...؟ ބަނޑުހައިވީ ކަންނޭނގެ...! ބުއްޕުޅި ދީބަލަ...!" އެނދުމަތީގައި ޒާރާ ގޮވައިގެން އިން އައިލީންގެ ކައިރީގައި ގޮސް އިށީންނަމުން ރާއިފު ބުންޏެވެ.

"ނުބުޔޭ...! ބުއްޕުޅި ބޯނެތަ މީނަ ދެން...! އެހެން އެއްޗެއް ބޯންދޭއިރު..." ރުޅިއައިސް ރަތްވެފައި އިން އައިލީން ތަންކޮޅެއް ބާރަށް ބުންޏެވެ.

"ކޯޗެއް ބޯންދެނީ...؟ ކާކު...؟ ކީކޭ އައިލީން ތިކިޔަނީ...؟ ތަންކޮޅެއް ސާފުކޮށް ތި ކިޔާ އެއްޗެއް ކިޔާބަލަ...!" ރާއިފު ޙައިރާންވެފައި އިނދެ އެއްފަހަރާ އެތައް ސުވާލެއް ކުރިއެވެ.

"މަށަކަށް ނޭނގެ..! އެ ނާޒިމާ...! ނޭނގެ ކިހާދުވަހެއްކަމެއް މިވީ އެ ނާޒިމާ އެ ކަމެއް ކުރާތާ...! ބުއްޕުޅި ނުބޯންވެގެން މި ވަރުދައްކަނީ...! ބޭބީ ދެކެ މާ ލޯބިވާ ކަމަށް ހެދިގެން ކުރާކަންތައް..." ރޮއިރޮއި އޮތް ޒާރާ ނަގާ ކޮނޑުގައި ބާއްވާލަމުން އައިލީން ބުންޏެވެ.

"އައިލީން ކީކޭތަ ތިކިޔަނީ...؟ ތި ރުޅިމަޑުކޮށްފަ ވީ ގޮތެއް ނިކަން ބުނެބަލަ...! ކުދިކުދި ކަންކަންތަކާ އެހާ އަވަހަށް ރުޅިއަންނަ އެއްޗެއް ނޫނޭ...! މާބޮޑަށޭ އައިލީން ތި ރުޅި އަންނަނީ..." އައިލީން އުރައިގެން އިން ބޭބީގެ ބުރަކަށީގައި ފިރުމާލަމުން ރާއިފު ބުންޏެވެ.

"ކުޑަކަމެއްގެ ވާހަކައެއް ނޫނޭ މަ މިދައްކަނީ...! މަށަކަށް ނޭނގެ މިވާހަކަ ދައްކާނެ ގޮތެއްވެސް..." ޒާރާ ރޯވަރުން ޒާރާ ގޮވައިގެން އެނދުން ތެދުވަމުން އައިލީން ބުންޏެވެ.

"ބަލަ ކިހިނެތްހޭ ވީ...؟ ވީ ގޮތެއް ބުނެބަލަ...؟ ތިހެން ރުޅިއަޔަކަސް ވީ ގޮތެއް މަށަކަށް ނޭނގޭނެދޯ...؟ މަށަށްވެސް އެނގޭނީ ތި ވީގޮތެއް ބުނީމަތާ...! ބުނެބަލަ ދެން..." ރާއިފުވެސް އެނދުން ތެދުވަމުން ބުންޏެވެ.

"އަހަރެން ގެއަށް އައިސް އެއްޗިހި ބަދަލުކޮށްލައިގެން ޒާރާ ބަލާ ނާޒިމާގެ ކޮޓަރިއަށް ދިޔައިރު ނާޒިމާ އިނީ... ނާޒިމާ އިނީ... ޒާރާއަށް ގާތުން... ގާތުން ދޭން...!" އައިލީން އަށް ވާހަކަ ދެއްކެނީ އަޅައަޅައި ގަންނަމުންނެވެ.

"ކީކޭ...؟ ކިހިނެތް...؟ ނާޒިމާ ކިހިނެތް ގާތުން ދޭނީ...؟ ގާތުން ދެވޭނީ ވިހައިގެން އުޅޭ މީހުނަކަށް ނޫންތް...؟" ހައިރާން ވެފައި ހުރެ ރާއިފު ބުންޏެވެ.

"ތިޔެއް އަހަންނަކަށް ނޭނގެ...! މިއީ މިއަދު އަހަރެންގެ ލޮލުން އަހަންނަށް ފެނުނު މަންޒަރެއް...! ތަނަކުން ހަމަ މީހަކު ފެންނަ އިރަށް އެއީ ކާކުތޯވެސް ބަލާނުލާ ރާއިފު ވޭވިއްޔަ ގެޔަށް ގެންނަން...! އެ ނާޒިމާއަކީ ކޮންތާކު އުޅުނު ކާކުކަން ރާއިފުއަށް އެނގޭތަ...؟ ހަމަ މިއަދު އޭނަ މިގެއިން ބޭރުކުރޭ...! އަހަރެން ނުދެކެން އެވަރުގެ ގޮތްކުޑަ އަންހެނެއް...!" އައިލީން ހުރީ ރުޅި އައިސް ރަތްވެފައެވެ.

"ކިހިނެތް ނާޒިމާއަށް އެވަރުގެ ބޮޑު ކަމެއް ކުރަން ކެރުނީ...! އެހެން ނޫނަސް ތިބުނާހެން ނާޒިމާއަށް ކީއްވެ ގާތުން ދެވެންވީ...؟" ކޮޓަރިން ބޭރަށް ނުކުންނަން ހިނގައިގަންނަމުން ރާއިފު ބުންޏެވެ.

"އޭ... އޭ... ކޮންތާކަށް ތިދަނީ...؟ މަޑުކޮށްބަލަ...! އޭތް...! މަޑުކޮށްބަލަ...!" ރާއިފު ނުކުންނަން ހިނގައިގަތުމާއެކު ރާއިފު މަޑުކުރުމުގެ ގޮތުން އައިލީން ބުންޏެވެ.

"މިދަނީ ނާޒިމާ މިގެއިން ފޮނުވާލަން...! އޭނައަކަށް ދެން މިގެއަކު ނުހުރެވޭނެ...! ނާޒިމާ ހީކުރަނީ އޭނަ ހިތުހުރިހާ ގޮތަކަށް ކަންތައް ކުރެވިދާނެއޭތަ...؟ އެހެނެއް ނުހެދޭނެ..! އޭނައަށް އެނގޭތަ އޭނަ އެކުރިކަންތައް...! ތި ދަރިފުޅުގެ މަންމައަކީ އައިލީން އޭ...! އޭނައަށް އެވަރު ނޭނގިގެންތަ އެ އުޅެނީ...! އެވަރު ނޭނގެންޏާ އަހަރެން ބޭނުން އެކަންވެސް އޭނައަށް ހަނދާންކޮށްދޭން...! ޒާރާގެ ބުއްދަޅޫ ހުސްނުވެ ގިނަދުވަސްވާ ސަބަބު މި އެނގުނީތާ...!" ރުޅިއައިސްފައިހުރި ރާއިފު ވާހަކަ ދެއްކިއެވެ.

"ރާއިފު މަޑުކުރޭ...! އެކަމާ އަހަރެން ނާޒިމާއާ ވާހަކަ ދައްކާނީ...! އަހަރެންވެސް ރުޅި އައިސްފަހުރިވަރުން މާބޮޑު އެއްޗެއް ނުބުނެ ޒާރާ ގޮވައިގެން ކޮޓަރިއަށް މިއައީ...! ރާއިފު އިހަށްދޭ ތި ތެމިފަހުރި އެއްޗިހި ބަދަލުކުރަން...! އެހާއިރަށް މި މަންޖެވެސް ނިދާނެ..." ރާއިފު އާ ދިމާއަށް ބަލަން އިނދެ އައިލީން ވާހަކަ ދެއްކިއެވެ.

އެވަގުތުން ފެށިގެން ނާޒިމާ ކޮޓަރިއަކުން ނުނިކުމެއެވެ. ބާލީސް މޫނުގައި އަޅައިގެން އެދުމަތީގައި ރޯން އޮތެވެ. އައިލީން ގޮސް ކޮޓަރީގެ ދޮރުގައި ހިފާލުމަށްފަހު ދޮރުގައި ދެފަހަރު ޓަކި ޖެހިއެވެ. އެހެން ނަމަވެސް ކޮޓަރީގެ ދޮރެއް ނުހުޅުވައެވެ. ދޮރުގައި ޓަކި ޖަހާއަޑު ނާޒިމާއަށް އިވުނަސް ތެދުވެގެން ގޮސް ދޮރުހުޅުވާނެހާ ހިތްވަރެއް ނާޒިމާގެ ނެތެވެ. ކޮޓަރީގައި ޓަކި ޖަހަނީ އައިލީން ކަމާއި، އައިލީން ކޮޓަރީގައި ޓަކި ޖަހަނީ ކޮން ބޭނުމެއްގައިކަންވެސް ނާޒިމާއަށް އެނގެއެވެ.

"ކޮބާ ކިހިނެތްވީ...؟ ކީކޭ އޭނަބުނީ...؟" ނާޒިމާގެ ކޮޓަރިއަށް ގޮއްސަ އައިލީން އައިސް ކާމޭޒު ދޮށުގައި އިށީނުމާއެކު ރާއިފު ސުވާލުކޮށްލިއެވެ.

"ނޭނގެ..! ނިދާފަ ކަންނޭނގެ...! ކޮޓަރީގެ ދޮރު ތަޅުލާފަހުރީ...! ދެފަހަރު ޓަކި ޖަހާލީމަވެސް ޚަބަރެއްނުވި..." ރާއިފުގެ ތައްޓަށް ބަތްއަޅާދެމުން އައިލީން ބުންޏެވެ.

"ހުރިހާ ނުބައިކަމެއް ކޮށްފަ، ކޮޓަރިއަށްވަދެ އެހެން ފިލާ އޮވެވޭތަ...؟ ގޮސް ދޮރު ވައްޓާލާފަ އޭނަ ނެރޭ...! އެހެން ފިލައެއް ނޯވެވޭނެ...! އައިލީންއަށް ނުކެރެންޏާ އަހަރެންގޮސް ދޮރުވައްޓާލާފަ އޭނަ ނެރެދާނަން...!" ރުޅިއައިސްފައި އިން ރާއިފު ބުންޏެވެ.

"އެހެން އަބަދަކު ތަޅުލައިގެން ބޭރަށް ނުނިކުމެ އޭނައަކަށްވެސް ނޯވެވޭނެތާ...! ގައިމު ބަނޑުހައި ވެގެން ކާން ނުކުންނާނެ އެއްނު...! ނުކައި ކިހިނެތް އަބަދު ކޮޓަރީގައި އޮންނާނީ..! އޭނަ ބޭރަށް ނުކުތީމަ އަހަރެން މިރޭ އޭނައާ ވާހަކަ ދައްކާނަން..! އަހަރެން ދެން ބޭނުމެއްނޫން އޭނަ މިގޭގަ ބަހައްޓާކަށް...!" ރުޅިއައިސްފައި އިން ރާއިފުގެ ރުޅި މަޑުކުރެވޭތޯ އައިލީން މަސައްކަތް ކުރިއެވެ.

"މިރޭ މަންމައާ ވާހަކަ ދައްކާފަ، މާދަން މަންމަ މިގެއަށް ގެންނާނަން...! އަހަންނަށް ފެންނަނީ ޗުއްޓީ ލިބެންޏާ އައިލީންވެސް ދުވަސްކޮޅަކަށް ޗުއްޓީއެއް ނަގައިގެން ޒާރާ ބޭބީ ގާތުގައި ގޭގައި މަޑުކޮށްލަން...!" ރާއިފުއަށް ފެންނަ ޚިޔާލު ރާއިފު ދިނެވެ.

"ބޭބީ އަށްޓަކައި އަހަރެން ވަޒީފާއިން ކެނޑިގެންވެސް ގޭގަ ހުރެދާނަން...! އަހަރެން ނޫޅެން ބޭބީގެ ކަންކަން ކުރަން ބޮޑުވެގެން މީހުންނާ ހަވާލުކޮށްގެން ކުރާކަށް...! އެ ނާޒިމާ ބޭބީއާ ހެދި އެހާވަރު ހުންނާތި ނާޒިމާއާ ހަވާލުކޮށްފަ އޮފީހަށްދާންވެސް ފެށީ...! އެހެންނޫނީ އަހަރެން ގަސްދުކޮށްގެންހުރީ ބޭބީ ގޮވައިގެން މާލެ އައިސް އޮފީހުން ކެނޑެން...!" އައިލީން ރާއިފުއާ ދިމާއަށް ބަލަން އިނދެވާހަކަ ދެއްކިއެވެ.

"މިރޭ ޖެހޭނެ ކޮންމެހެންވެސް ނާޒިމާއާ އެ ވާހަކަ ދައްކަން...! ހާދަ ގޮތެއްވެސް ނެތް އަންހެނެކޭ އެއީ...!" ކައި ނިމިގެން ރާއިފު ތެދުވަމުން ބުންޏެވެ.

ރޭގަނޑުގެ ވަގުތެވެ. ރާއިފު އާއި އައިލީން ތިބީ ކޮޓަރީގައެވެ. ނާޒިމާ ކޮޓަރީގައި އޮވެ ބަނޑުހައިވެގެން އެންމެފަހުން ތެދުވެގެން މަޑުމަޑުން ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު ބޭރުބަލާލީ ބޭރުގައި އެއްވެސް މީހަކު ފެންނަން ހުރިތޯ އެވެ. މިއަދު ކަންތައްވީ ގޮތުން އައިލީން ކުރިމައްޗަށް އަރާހާ ހިތްވަރެއް ނާޒިމާގެ ނެތެވެ. ދޮރު ހުޅުވާލިއިރު ބޭރުގައި އެއްވެސް މީހަކު ފެންނަން ނެތުމާއެކު ނާޒިމާ މަޑުމަޑުން ކޮޓަރިން ބޭރަށް ނުކުތެވެ. އަދި ފިޔަވަޅުގެ އަޑު ނީވޭވަރަށް މަޑުމަޑުން ހިނގާފައިގޮސް ބަދިގެއަށް ވަނެއެވެ. ބަދިގެއަށް ވަދެ ތައްޓެއް ނަގައިގެން އެތައްޓަށް ބަތްކޮޅަކާއި ރިހަފޮދެއް އަޅައިގެން އައިސް ކާމޭޒުދޮށުގައި އިށީނދެ އަވަސް އަވަހަށް ކަމުން ގެންދިޔައެވެ.

"ނާޒިމާ ބޭރަށް ނުކުތީ ކަންނޭނގެ...! ކޮބާ...! މަ ބުނީމެއްނު މާގިނައިރަކު ފިލާ އެހެން ކޮޓަރިއަކު ނޯވެވޭނެއޭ...! ބަނޑުހައިވީމަ ޖެހޭނީ ހަމަ ނުކުންނަން...!| ބަދިގެ ތެރޭގައި ތަށިތައް ތަޅުވާއަޑު އިވުމުން އެނދުން ތެދުވަމުން ރާއިފު ބުންޏެވެ.

"އުހުން...! ރާއިފު ދާނެ ކަމެއްނެތް...! މަޑުކުރޭ...! އަހަރެން ދާނީ...! އަހަރެން ގޮސް ނާޒިމާއާ އެ ވާހަކަ ދައްކާނީ...!" އެނދުން ތެދުވެ ތެދުވެ އޮތް ރާއިފުގެ އަތުގައި ހިފެހެއްޓުމަށްފަހު އައިލީން ބުންޏެވެ.

"އެންމެ ރަނގަޅު...! އަހަރެން މިތާ އޮވެދާނަން...! އެކަމަކު އައިލީން ގޮސް ހުރިހާ ކަމެއް އަހައިގެން ރަނގަޅަށް ސާފުކުރާތި...! ހިތު ހުރިހާ ގޮތަކަށް ކަންތައް ކޮށްފަ ދެން އޭނައަކަށް މިގެއަކު ނުހުރެވޭނެ...! އެވާހަކަވެސް ބުނާތި..." ހިތްހަމަ ނުޖެހިފައި އޮތް ރާއިފު ބުންޏެވެ.

"އަހަރެން ތި ހުރިހާ ވާހަކައެއްވެސް ދައްކާނަމޭ...! އަހަރެންވެސް ބޭނުމެއްނޫނޭ އެވަރުގެ ބޮޑުކަމެއް ކޮށްފަހުރި، ކާކުކަން ނޭނގޭ މީހަކު މިގޭގަ ބަހައްޓާކަށް...! މިހާ ދުވަސްވީއިރު އެއީ ކާކު ކަމެއްވެސް އަހަރުމެންނަކަށް ނޭނގުނެއްނު...! މިގޭގައި ހުރިއްޔާ އަނެއްކާ ދެން ނޭނގެ އޭނަ އެމަންޖެއަށް ހަދާނީ ކިހިނެތް ކަމެއްވެސް...!" އެނދުން ތެދުވެގެން ބޭރަށް ނުކުންނަށް ހިނގައިގަންނަމުން އައިލީން ބުންޏެވެ.

ނާޒިމާ ކާންއިންދާ ކުއްލިއަކަށް އައިލީންގެ ކޮޓަރި ދޮރުހުޅުވުމާއެކު ނާޒިމާ ދިޔައީ ސިއްސައިގެންނެވެ. އަވަސްއަވަހަށް ދޮރާދިމާއަށް ބަލާލިއިރު އައިލީން ކޮޓަރިން ނުކުންނަނީއެވެ. އައިލީން ނާޒިމާއާ ދިމާއަށް ބަލަހައްޓައިގެން ހުއްޓަސް އައިލީން އާ ހަތަރުކަޅި ހަމަކުރާކަށް ނާޒިމާއަކަށް ނުކެރުނެވެ. ނާޒިމާ މަޑުމަޑުން އިސްޖަހާލީ އެގެންވެއެވެ. ނާޒިމާ ކާން އިންތަން ފެނުމުން އައިލީން ނިކުމެގެން އައިސް އިށީނީ ސިޓިންގ ރޫމްގެ ސޯފާގައެވެ. ނާޒިމާ ކައިނިމޭނެ ވަގުތަކަށް އިންތިޒާރު ކުރާށެވެ. ނާޒިމާ މަޑުމަޑުން ކަމުން ގެންދިޔައެވެ. އިރުއިރުކޮޅާ ސިއްރުސިއްރުން އައިލީން އާ ދިމާއަށް ބަލާލައެވެ. އައިލީން އިނީ ފޯނާއި ކުޅެލަކުޅެލަ އެވެ. ނާޒިމާ ކައި ނިމިގެން މަޑުމަޑުން ތެދުވެ ކާމޭޒުމަތި ސާފުކޮށްލުމަށްފަހު ސިންކް ކައިރިއަށްގޮސް ތަށިތައް ދޮވެލުމަށްފަހު އިސްދަށަށް ޖަހައިގެން ހުރެ ކޮޓަރިއަށް ދިޔުމަށްޓަކައި ހިނގައިގަތެވެ.

"ނާޒިމާ މިކޮޅަށް އައިސް މިތާ އިށީނދެބަލަ...!" ނާޒިމާ ހިނގައިގަތުމުން އައިލީން، ނާޒިމާއާ ދިމާއަށް ބަލާލުމަށްފަހު ތަންކޮޅެއް ބާރަށް ބުންޏެވެ.

ނާޒިމާގެ މެޔަށް ހީވީ ފިނި ފެންއެއްޗެއް އޮއްސާލިހެންނެވެ. ނާޒިމާގެ ދެފައި ބިންމަތީގައި ތާށިވި ކަހަލައެވެ. އައިލީން އާ ހަތަރުކަޅި ހަމަކުރާނެ އެއްވެސް ހިތްވަރެއް ނާޒިމާގެ ނެތެވެ. ކިތަންމެ ބޭނުން ނުވިޔަސް މި ވަގުތަކީ ވަރަށް އަވަހަށް އަންނާނެ ވަގުތެއްކަން ނާޒިމާއަށް އެނގެއެވެ. ނާޒިމާގެ ފިޔަވަޅު ހުއްޓުނެވެ.

"ތި ތަނުގަ މަޑުކުރާށެކޭ ނޫނެއްނު މަ މިބުނީ...! މިތަނަށް އައިސް މިތާ އިށީންނާށޭ މަ މި ބުނީ...!" އަމުރުވެރި ރާގަކަށް އައިލީން ވާހަކަ ދެއްކިއެވެ.

ނާޒިމާ މަޑުމަޑުން ހިނގާފައި އައިސް އިސްޖަހައިގެން އިނދެ، ޖެހިގެން ހުރި ސޯފާގައި އިށީނދެ އައިލީން އާ ދިމާއަށް ބަލާލިއެވެ.

"ނާޒިމާ ކީއްވެ އެހެން ކަންތައް ކުރީ...؟ މަ މިއަހަނީ ކީއްވެހޭ އެހެން ކަންތައްކުރީ...؟" ނާޒިމާ އެއްވެސް އެއްޗެއް ނުބުނެ އިނުމުން އައިލީން ރުޅިވެރިކަމާއެކު އެ ސުވާލު ދެވަނަ ފަހަރަށް ތަކުރާރު ކޮށްލިއެވެ.

"ބަލަ ކަލެއަކަށް މަ މިދައްކާ ވާހަކައެއް އަޑެއް ނީވޭތަ...؟ ބުނޭ...؟ ކަލޭ ޖެހޭނީ އަހަރެން މިރޭ މިކުރާ ސުވާލުތަކަށް ޖަވާބު ދޭން...! މިރޭ މީ ކަލޭ މިގޭގައި ހުންނާނެ އެންމެ ފަހު ރޭ...! އިރުއެރުމާއެކު ކަލޭ މިގެއިން ނުކުމެގެން ދާން ޖެހޭނެ..! ކަލޭ ހީކުރީ ހެއްދެވިހާ ހުރިހާ ނުބައިކަމެއްކޮށްފަ ތިހެން އަނގަ މަޑުންލައިގެން ހުރެވިދާނެ ކަމަށްތަ...؟" އަޑަށް ބާރުލާފައި އައިލީން ވާހަކަ ދައްކަމުން ގެންދިޔައެވެ.


ނުނިމޭ... ވާހަކައިގެ އާ ބައެއް، 05 ޑިސެމްބަރ، ބުރާސްފަތި ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް