"ހުމް އަޑުއަހާ.. މީ އިޒްވާ! އަހަރެންގެ ޝިވަންގެ ވާން އުޅޭ އަނބިމީހާ.. " ރައިހާނާ އިއުލާން ކޮށްލިއެވެ. ޝިވަން ހިނިތުންވެލަމުން އިސްޖަހައިލިއެވެ. ޖަނާން އިޒްވާއަށް ބަލައިލީ އެއީ ތެދެއްހޭ އަހާ ފަދަ ގޮތަކަށެވެ. އިޒްވާ ހިނިތުންވާން މަސައްކަތްކުރަމުން ބޯޖަހައިލިއެވެ. އަރްހާންއަށް ވީގޮތެއްވެސް ނޭނގުނެވެ. އަތުތެރެއިން ސަމްސާ ދޫވެއްގެން ތަށިތެރެއަށް ވެއްޓުނެވެ. ދެލޯ ފެންކަޅިވެގެން ދިޔައީ އެއްވެސް އިޚްތިޔާރަކާ ނުލައެވެ. އެހިނދު ކައިލްއަށް އަރްހާނާ ދިމާލަށް ބަލައިލެވިއްޖެއެވެ. ކަންތައްތައް ގޯސްވާން އުޅޭ ކަހަލަ އިހުސާސެއް ކުރެވި އޭނާގެ ހިތް ނުތަނަވަސް ވިއެވެ.
"މަރުހަބާ މަރުހަބާ.. ފައިނަލީ ޝިވަން ދޮންބެ މެރީ ކުރަނީ ދޯ.. ތިކަން ވާނެ ދުވަހެއްގެ އިންތިޒާރުގައި ހުންނަތާ ކިތަންމެ ދުވަހެއް.. " އަލައިކާ ބުނެލިއެވެ.
"ޝިވަންގެ ހޮވުން ހަމަ އެއްވަނަ.. އިޒްވާއަކީ މިލިއަނަކުން އެކެއް.. " ފާރިހާ އިޒްވާ ކައިރިއަށް ޖެހިލާ އޭނާގެ އަތުގައި ހިފައިލިއެވެ.
"މިއަދު ފަޒްނާ ދައްތަ ދުނިޔޭގައި ހުރިނަމަ އުފަލުން ފޮޅޭނެ.. ޝިވަންގެ ކައިވެނި ނިކަން ކުލަގަދަ ކޮށް ފާހަގަ ކުރާނެ.. " ފާރިހާގެ ދެލޮލުން ކަރުނަ ފާއްދައިލިއެވެ. ފަޒްނާ އެއީ ކާކުބާއޭ އިޒްވާގެ ހިތަށް އެރިނަމަވެސް އެސުވާލު ކުރާކަށް އޭނާއަކަށް ނުކެރުނެވެ.
"ފަޒްނާއްތަ ބޭނުންވާނެ ގޮތަށް އިރާދަކުރެއްވިއްޔާ އަހަރެން ޝިވަންގެ ކައިވެނި ކުރުވާނީ.. " ޝިވަންގެ ބޮލުގައި ފިރުމާލަމުން ރައިހާނާ ބުންޏެވެ. ޝިވަން ހިނިތުންވެލަމުން ރައިހާނާގެ އަތުގައި ހިފަހައްޓާލިއެވެ.
ކައި ނިމިގެން އެންމެން ސޯފާއަށް ޖަމާވިއެވެ. އެކަހަލަ ރެއެއްގައި އެންމެން އެކުގައި ކޮންމެވެސް ކުޅިވަރެއް ކުޅިލުމަކީ އާދައެކެވެ. އަރްހާން ކޮޓަރިއަށް ދާން އުޅުމުން ހުއްޓުވީ ރައިހާނާއެވެ. އެންމެން ތިއްބާ ކޮޓަރިއަށް ދިއުމަކީ ރަނގަޅު ކަމެއް ނޫނޭ ބުނެ ރައިހާނާ އަރްހާންއަށް ނަޞޭހަތް ދިނެވެ. ދެބަޔަށް ބެހިލުމަށްފަހު މައިމިންގް ކުޅެން ތައްޔާރުވެލިއެވެ. މިރޭގެ ކުޅުމުގައި ދައްކައިދޭން ޖެހޭނީ ކޮންމެވެސް އަދަބީ ބަހެކެވެ. ގަނޑުކޮޅުތައް މާކުރިން އީލާކް ހުރީ ތައްޔާރުކޮށްފައެވެ. އެއް ގުރޫޕުގައި ރައިހާނާއާއި ޝިވަން އަދި ކައިލްއާއި އިޒްވާގެ އިތުރުން ޖަނާން އިނެވެ. އަނެއް ޤުރޫޕުގައި އަރްހާންއާއި ފާރިހާ އަދި އަލައިކާއާއި އީލާކް އަދި އޭނާގެ ފިރިމީހާއެވެ.
ފޯރީގައި ކުޅެމުން ދިޔައިރު އެއްވެސް މީހަކަށް ނޭނގުނީ އިޒްވާގެ ކޮންމެ ހަރަކާތަކަށް އަރްހާންގެ ނަޒަރު ހުއްޓިފައިވާކަމެވެ. އިޒްވާ ފެނުނީއްސުރެން އޭނާއަށް ވަމުން ދިޔަ ގޮތުން ޙުދު އަރްހާނަށް ވެސް ވަނީ ހައިރާންކަމެއް ލިބިފައެވެ. ހުރިހާ އިހުސާސްތަކެއް އެކުވެފައިވާ ކަހަލައެވެ. ޚާއްސަ ގޮތެއްގައި ޝިވަންއާއި އިޒްވާގެ ކައިވެނީގެ ވާހަކަ ދެކެވުނީއްސުރެން އޭނާގެ ހިތުގައި ނުފިލާ ރިހުމެއްވިއެވެ.
ކުޑަ ކުޑަ ކައިވާ ޖަނާން ކޮނޑުމަތީގައި އޮވެ ނިދުމުން ދާން ވަންދެން އެގޭ ކޮޓަރިއެއްގައި ބާއްވައިލުމަށް ރައިހާނާ އެދުނެވެ. ޖަނާން އިންތަނުން ތެދުވީ އިޒްވާގެ ވެސް އަތުގައި ހިފައިގެންނެވެ. ދިމާނުވާތާ އެތަކެއް ދުވަސްވެފައިވުމުން ދައްކާނެ ބައިވަރު ވާހަކަތައް އެބަހުރި ކަމުގައި ބުނަމުންނެވެ.
"ޖަންނަ ތިހެން ހެދީމަ ޝިވަން ދޮންބެ ކިހާ ދެރަވާނެ.. " އީލާކް ސަމާސާ ރާގެއްގައި ބުންޏެވެ.
"ދެން އިރާދަކުރެވިއްޔާ ކުރިއަށް ތަނުގައި ޝިވަންބެ ކައިރީގައެއްނު އަބަދު އިޒީ ހުންނާނީ... މިރޭ އިޒީ އަހަރެންނަށް.. " މިހެން ބުނެ އިޒްވާގެ އަތުގައި ހިފައިގެން ޖަނާން ހިނގައިގަތެވެ.
ކޮޓަރިއަށް ވަދެ ޖަނާން ކައިވާ އެނދުގައި ބާއްވައިލިއެވެ. އިޒްވާ ގޮވައިގެން އޭނާ ނިކުތީ އެކޮޓަރިން ނިކުމެވެން ހުންނަ ބެލްކަންޏަށް ނިކުތެވެ.
" އަހަރެން އިޒީ ހޯދަން ހާދަ މަސައްކަތެއް ކުރީމޭ.. ކުރީގެ ބައެއް ކްލާސްމޭޓުން ކައިރީވެސް އެހިން.. އެމީހުންނަކަށްވެސް ނޭނގޭ އިޒީވެސް ކައިސަންވެސް އުޅޭތަނެއް.. އައި މިސްޑް ޔޫ ސޯ މަޗް އިޒީ.." ޖަނާން ބުންޏެވެ.
" އަހަރެންވެސް ވަރަށް މިސްވި.. އަސްލު މެރީ ކުރިފަހުން ވަރަށް ގެއިން ނުނިކުންނަން ކައި އާ އެކު ނޫނީ.. އެހެންވެ ކަންނޭނގެ... އަހަރެންވެސް ވަރަށް މިސްވި ޖާނޫ މަތިން.. ކައި ނިޔާވި ދުވަހު ހިތަށް އެރި ޖާނޫ އަހަރެން ކައިރީ ހުރި ނަމައޭ.. "
" ހުމް ދެން ބުނެބަލަ.. އިޒީ ކިހިނެއްތަ؟ ޝިވަންބެއާ އިންނަން ތިއުޅެނީ ހަމަ ބޭނުންވެގެންތަ؟ " ޖަނާން އެހިއެވެ. އިޒްވާ އިސްޖަހައިލިއެވެ. ޖަނާންއަށް ޖަވާބު ލިބުނު ކަހަލައެވެ.
" އޭރުވެސް އެނގޭ އެހާ އަވަހަށް ކައިސަން މަތިން ހަނދާން ނުނެތޭނެކަން އިޒީ.. ޝިވަންބެއާ އިންނަން ތި ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއްހެން ހީވޭތަ " ޖަނާން ބުންޏެވެ.
" އަހަރެން ކައިސަން މަތިން ދުވަހަކުވެސް ހަނދާނެއް ނުނެތޭނެ.. އެކަމަކު ކައިވެންޏަށް ފަހު އަނތްބެއްގެ ވާޖިބު އެންމެ ފުރިހަމަ ގޮތުގައި އަދާކުރާނަން.. މުޖުތަމައުގައި އަހަރެން ކަހަލަ އަޅާލާނެ މީހުން ނެތް ކުދިންނަށް އޮތް ނުރައްކާ ބޮޑު.. އެކަނިމާއެކަނި މުސްކުޅި މާމައެއް ގޮވައިގެން އުޅުމަކީ ވަރަށް ދަތިކަމެއް ޖާނޫ.. އަހަރެންގެ އިއްފަތްތެރިކަންވެސް ސަލާމަތްވީ ހަމަ ކިރިޔާ.. އެވެސް ޝިވަންގެ ސަބަބުން.. ޝިވަން އަހަރެންނަށް ދެރަ ގޮތެއް ހަދާނޭ އަހަރެންގެ ހިތެއް ނުބުނޭ.. " އިޒްވާ ދުރަށް ނަޒަރު ހުއްޓާލައިގެން ހުރެ ބުންޏެވެ.
" އިއްފަތްތެރިކަން ނަގާލަން އުޅުނީއޭ.. ކޮން މީހާގަނޑެއް.. ހުވާ އޭނާގެ ދުވަސް ދުއްވާލާނަން.. " ޖަނާން ރުޅިއައެވެ.
" ޖާނޫއަށް ޤަބޫލެއްވެސް ނުކުރެވޭނެ... ކައިސަންގެ އެންމެ ގާތް އެކުވެރިޔާގެ ގޮތުގައި ހުރެ އޭނާގެ ހުވަފަތް އަނބިމީހާއާ މެދު އެފިރިހެނާ ހިންގީ ވަރަށްވެސް މުޑުދާރު އަމަލެއް... " އިޒްވާގެ މޫނުމަތިން ރުޅިވެރިކަން ފެނުނެވެ.
" އައިދަން........... " އިޒްވާ ބުނުމަކާ ނުލާ ޖަނާންއަށް އެނގިއްޖެއެވެ. އޭނާގެ މޫނުމަތިން ފެންނަމުން ދިޔައީ އިންތިހާއީ ހައިރާން ކަމެވެ. އިޒްވާ އައިދަންގެ ހުރިހާ ވާހަކައެއް ޖަނާންއަށް ކިޔައިދިނެވެ.
" ޝިވަންބެ ކަންތައް އެކުރީ ރަނގަޅަށް.. އަހަރެން ހިޔެއްވެސް ނުކުރަން އައިދަން އެފަދަ ކަމެއް ކޮށްފާނެ ކަމަކަށް... " ޖަނާން ބުންޏެވެ.
" ހުމް ދެން އެވާހަކަ ބާއްވާ.. އަހަރެން ވާހަކައެއް އަހާލަންތަ؟ އެމީހުން އެދެއްކީ ކޮން ފަޒްނާއެއްގެ ވާހަކަތަ؟ އެވާހަކަ ދައްކާފަ އެމީހުންގެ ލޮލުން ކަރުނަ އައި.. " އިޒްވާ އެހިއެވެ.
" ޝިވަން ކިޔައެއް ނުދޭތަ؟ " ޖަނާން އެހިއެވެ.
" ކައިވެނީގެ ވާހަކަ ދެކެވުނު ފަހުން އަދި ވާހަކަ ދައްކާލާނެ ފުރުސަތެއް ނުލިބޭ.. " އިޒްވާ އިސްޖަހައިލިއެވެ. އޭނާ އެހުންނަނީ ޝިވަންއާ ކުރިމަތިލާން ފަސްޖެހިފައެވެ. އެފަދަ ނަޒަރަކުން ޝިވަން ބަލައިގަންނަން އޭނާއަށް އުނދަގޫވަނީއެވެ.
" ފަޒްނާއްތަ އަކީ އަހަރެންގެ މައިދައިތައާއި ރައިހާނާއްތަގެ އެއްބަނޑު އެއްބަފާ އެންމެ ބޮޑު މީހާ.. ޝިވަންގެ މަންމަ... ޝިވަން ވިހޭތާ ހަފްތާއެއްފަހުން ފަޒްނާއްތަ ދުނިޔެ ދޫކުރީ.. އެފަހުން ޝިވަން ބަލައި ބޮޑުކުރީ ރައިހާނާއްތަ.. އެހެންވެ ޝިވަން ރައިހާނާއްތައަށް މަންމަ ކިޔަނީ... " ޖަނާން ކިޔައިދިނެވެ.
" ދެން ކޮބާ ޝިވަންގެ ބައްޕަ؟ " އިޒްވާ އެހިއެވެ.
" ނޭނގެ.. ޝިވަންއަކީ ނަހަލާލަށް ވިހޭ ކުއްޖެއް ކަމަށް ވަނީ.. އަހަރެންނަށްވެސް މިވާހަކަތައް ކިޔައިދިނީ ކައިލް.." ޖަނާން ބުންޏެވެ. އިޒްވާގެ ފޯނު ރިންގުވާން ފެށީ އެވަގުތުއެވެ. ގުޅަނީ ނަދީމާ ކަން އެނގުމާއެކު އިޒްވާ ފޯނު ނަގައިފިއެވެ. މިރޭ މިގެއަށް އަންނަ ވާހަކަ ނަދީމާ ކައިރީ ނުބުނެވެއެވެ. އާންމު ކޮށް މިގަޑީގައި ވާހަކަ ދައްކާލުމަށް ނަދީމާ އެގެއަށް އަންނާނެއެވެ.
އިޒްވާ ފޯނު ނެގުމާއެކު އޭނާގެ މޫނު ހުދުވެގެން ދިޔަތަން ޖަނާން ދުއްޓެވެ. ތުރުތުރު އަޅާ އަތުން ފޯނު ތިރިކޮށްލިއިރު އިޒްވާގެ ލޮލުން ކަރުނަ އާދެއެވެ. އެހެން ހުރެފާ ކުއްލިއަކަށް ކޮޓަރިން ނިކުންނަން ދުއްވައިގަތެވެ. ފަހަތުން ކިހިނެއްވީތޯ އަހަމުން ޖަނާންވެސް ދިޔައެވެ.
ރޮމުން ކޮޓަރިން ނިކުމެގެން އައި އިޒްވާގެ ފަހަތުން ސުވާލު ކުރަމުން ނިކުތް ޖަނާންގެ އަޑަށް ސޯފާގައި ތިބި މީހުންގެ ނަޒަރު އެދިމާލަށް ހުއްޓުނެވެ.
" އިޒްވާ! އިޒްވާ ކިހިނެއްވީ؟ " އިޒްވާ ގައިގާ ހިފެހެއްޓީ ރައިހާނާއެވެ.
" އަހަރުމެންގެ ގެ.. ގޭގައި އަލިފާން ރޯވެގެން...... އަހަރެން ދާން ވެއްޖެ ޕްލީޒް ދޫކޮށްލާ.. ކައިސަންގެ ހުރިހާ ހަނދާންތަކެއް ހުރީ އެތަނުގައި.. " އިޒްވާ ކިޔަމުން ދިޔައެވެ.
" މަންމާ! އިޒްވާ އެދޭ ގޮތަށް ކަންތައް ކުރޭ.. ހިނގާ އިޒްވާ އަހަރެންވެސް ދާނަން އިޒްވާއާ އެކު.. " ޝިވަން ބުންޏެވެ. " ކައިލްއާ ޖަންނަވެސް އަންނަންވީނު.. ޖަންނަ ހުރީމަ އިޒްވާ ކޮމްފަޓެބްލް ވާނެ.. "
" މަންމާ އޯކޭ ދޯ.. ކައިވާ.. " ފާރިހާ ބަލައިލަމުން ޖަނާން ބުންޏެވެ.
" އާނ އަވަހަށް ދޭ.. ދަރިފުޅުމެން އަންނަންދެން މަންމަ މިގޭގަ މަޑުކުރާނީ.. އަލައިކާއާއި މަންމަ ކައިވާ ކައިރީ ތިބޭނަން.. " ފާރިހާ ބުންޏެވެ.
" އަހަރެންވެސް ދާނަން.. " އެހެން ބުނެލި އަރްހާންއަށް އެންމެންގެ ނަޒަރު ހުއްޓުނެވެ. ޝިވަން ބޯޖަހައިލުމުން އަރްހާން އެމީހުންގެ ފަހަތުން ހިނގައިގަތެވެ. މިރޭ އޭނާއަށް މިވަނީ ކީއްކަމެއް ޙުދު އޭނާއަކަށްވެސް ނޭނގެއެވެ.
" މަގޭ ކައިސަން.. މަގޭ ގެ.. " މަރިޔަމް ރޯން ފެށި އަޑަށް ރައިހާނާ މަރިޔަމް ކައިރިއަށް ޖެހިލިއެވެ. އަރްހާންގެ ފިޔަވަޅުތައް ހުއްޓުނީ އިޚްތިޔާރަކާ ނުލައެވެ. ޝިވަންއާއި އިޒްވާވެސް އެނބުރި ބަލައިލިއެވެ. މަރިޔަމް ކައިރިއަށް ދާން އުޅުނު އިޒްވާ ހުއްޓުނީ އެދިމާލަށް ދިޔަ އަރްހާން ފެނިފައެވެ.
އަރްހާން ގޮސް މަރިޔަމްގެ ކުރިމަތީގައި ކުޑަ ކަކޫ ޖަހައިގެން އިށީނެވެ. ވަރަށް ލޯބިން މަރިޔަމްގެ އަތްތިލައިގާ ހިފާލިއެވެ.
" މާމަގެ ކައިސަންގެ ގެއަށް އިރާދަކުރެއްވިއްޔާ ގޮތެއް ނުވާނެ.. ކަމެއްވިޔަސް އެކަން ރަނގަޅުކުރަން އަހަރެން މިހުރީނު.. މާމަ ކަންބޮޑުނުވޭ.. އެހެންނޫނަސް ހަނަފަސް ސަހަރާއެއްގައި ތިއްބަސް އާއިލާ މީހުން އެކުގައި ތިބިއްޔާ އެވާނީ ހަމަ ގެ ކަމުގައި.. މުހިންމީ ގެއެއް ނޫން.. އާއިލާ އެކުގައި ތިބުން.. " އަރްހާން ބުނެލިއެވެ. އެހިސާބުން މަރިޔަމް ރުއިން ހުއްޓާލަމުން ބޯޖަހާލައިފިއެވެ. ހައިރާންވި ވަރުން ކިޔާނެ ބަހެއް ރައިހާނާއަކަށް ނޭނގުނެވެ. ކުރިމަތިން އެފެންނަނީ ހަމަ އޭނާގެ އަރްހާން ބާއޭ ހިތަށް އެރިއެވެ. އަރްހާނަށް ސިހުމެއް ލިބުނީ ޝިވަން ގޮވައިލުމުންނެވެ. ދެކެވުނު ވާހަކައާ މެދު ވިސްނާލެވުނީ ދެނެވެ. ދެވަނަ ފަހަރަށް ޝިވަން ގޮވައިލުމުން އަރްހާން ތެދުވެގެން އެމީހުންނާ އެކު ހިނގައިގަނެފިއެވެ.
******
ކާރުގައި އިން އިޒްވާގެ ސިކުނޑި ހިޞާރުކޮށްފައިވީ އަރްހާންގެ ވާހަކަތަކުންނެވެ. މިވަގުތު ފިކުރުކުރަން ޖެހޭނީ ގެއާ މެދުގައި ވިޔަސް އަރްހާން މަރިޔަމް ކައިރީ އިނދެ ދެއްކި ވާހަކަ އޭނާގެ ހިތުން ނުފިލައެވެ. އަރްހާން އެދެއްކި ވާހަކަ ތަކަކީ އޭނާއަށް އަލަށް އިވިފައިވާ ވާހަކަތަކެއް ނޫނެވެ. ކުރިންވެސް އޭނާއަށް ވަނީ އެފަދަ ވާހަކަތަކެއް އިވިފައެވެ. ކައިސަންގެ ފަރާތުންނެވެ. ތަފާތު ދެމީހެއް ވިޔަސް ކައިސަން އާއި އަރްހާންގެ އެއްގޮތް އެތައް ކަމެއް ހުރިކަމުގައި އިޒްވާއަށް އިހުސާސްވިއެވެ. އެ ދެމީހުންނަށްވެސް އެންމެ ކަމުދާ ކަމުގައި ވަނީ އެއް ކެއުމެކެވެ. އަނެއްކޮޅުން އަރްހާން ހެދުން އަޅައިގެން ހުރިގޮތްވެސް ކައިސަންއާ އެއްގޮތެވެ. އަނެއްކާ އަރްހާން މަރިޔަމް ކައިރީ ދެއްކި ވާހަކަތަކެވެ. މިފަދަ ވިސްނުމެއްގައި އިނދެ އިޒްވާއަށް ކާރުގެ ލޯގަނޑުން ކުރީ ސީޓުގައި އިން އަރްހާންއަށް ބަލާލެވިއްޖެއެވެ. އެހިނދު މުޅި ހަށިގަނޑަށް ފިނިގަނޑެއް އަރައިގެން ދިޔައެވެ. އަރްހާންގެ ލޯވެސް ހުރީ ސީދާ އިޒްވާއަށް އަމާޒުވެފައެވެ. އިޒްވާގެ ހިތް ތެޅިގަތީ އެޔެއް މިޔެއް ބަލާފައެއް ނޫނެވެ.
ނުނިމޭ... ވާހަކައިގެ އާބައެއް، އިންޝާﷲ، ހަތެއް ޑިސެމްބަރު ވާ ބުދަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ....
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް