"ދެން ގޮސްލަނީ. އިޒްވާ ހިތްހަމަނުޖެހޭ ވާހަކައެއް ދެއްކުނިއްޔާ އެކަމަށް ނިހާޔަތަށް މާފަށް އެދެން.. ފީ އަމާނިއްﷲ” އައްސަލާމް އަލައިކުމް..” މިހެން ބުނެ އިޒްވާ އާއި މަރިޔަމް އަށް ހީލުމަށްފަހު ރައިހާނާ އެގެއިން ނިކުންނަން ހިނގައިގަތެވެ. އިޒްވާ އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ޝިވަން އޭނާއާ ކައިވެނިކުރަން ބޭނުންވެދާނެ ކަމަށް ފަހަރެއްގައިވެސް ހީކުރެވިފައެއް ނެތެވެ.
************
ރައިހާނާ ދެއްކި ވާހަކަތައް އިޒްވާ ހިއްސާކުރީ ނަދީމާއާއެވެ. ނަދީމާގެ ހިޔާލުވެސް ހުރީ ރައިހާނާއާ އެއްކޮޅަށެވެ.
" ރައިހާނާ އެއީ ކޮންކަހަލަ މީހެއްކަން އެނގޭތީ ދައްތަ މިހެން މިބުނަނީ.. އެއީ ވަރަށް ގަދަރުވެރި އާއިލާއެއް.. އެހާމެ ދީންވެރި ބައެއް.. އެމީހުން އިޒްވާއަށް ގޮތެއް ހަދާފާނޭ ދައްތަގެ ހިތެއް ނުބުނޭ.. އަނެއްކާ އެމީހުން އެތިބީ މާމަ ވެސް ބަލަން ތައްޔާރަށް.. " ނަދީމާ ބުންޏެވެ.
" އެކަމަކު ދައްތާ.. އަހަރެން ކިހިނެއް މިހާ އަވަހަށް އެހެން ކައިވެންޏެއް ކުރާނީ.. ކައިސަން ނޫން މީހަކާ މެދު އެފަދަ ނަޒަރަކުން ދެކެން އަހަރެންނަށް ވަރަށް އުނދަގޫ.. " އިޒްވާ އިސްޖަހައިލިއެވެ.
" ތިވިސްނުން ދޫކޮށްލަ އިޒްވާ.. ފިރިމަރުވުމަކީ ދެން ދުވަހަކުވެސް މީހަކާ އިނުމުގެ ހުއްދަ ނެތުމެއް ނޫން.. އިޒްވާގެ އުމުރުން އަދި ކިހާ ވަރެއްވީ.. ތިހެން އޭނަގެ ހަނދާނުގައި ހުންނަން ހުދު ކައިސަންވެސް ބޭނުންނުވާނެކަން ޔަގީން. އިޒްވާ ދަރިފުޅާ! ތިގޮތަށް ނަސީބު އައިސް އަތުގައި ހިފާނީ މަދުފަހަރެއްގަ. ކޮންމެ ކަމެއްވެސް ވާނީ އެންމެ ރަނގަޅަކަށޭ ބުނެއެއްނު.. " ނަދީމާ ބުންޏެވެ. ދެކެވުނު ވާހަކަތަކާ މެދު އިޒްވާ ވިސްނައިލިއެވެ. އެންމެ އިތުބާރު ކުރި މީހާވެސް އޭނާއަށް ބޭވަފާތެރިވެއްޖެކަން އެނގޭނީ އޭނާއަށް އެކަންޏެވެ. ކައިސަންގެ އެވާހަކަތައް މަރިޔަމް އަދި ނަދީމާއަށް ސިއްރުކުރީ ﷲ އަށްޓަކައެވެ. މީހެއްގެ ސިއްރު ހިފަހައްޓައިފިނަމަ ﷲ އެމީހެއްގެ ސިއްރުތައް ހިފަހައްޓަވާނެއެވެ. އޭނާ ކައިސަންގެ ދެކެ ކިތަންމެ ލޯބިވިނަމަވެސް ކައިސަންއަށް އޭނާއަށް މަކަރުހަދާ އޮޅުވާލީއެވެ. އެފަދަ މީހަކަށްޓަކައި އުމުރު ހުސްކޮށްލުމަކީ އެންމެ ރަނގަޅު ގޮތް ހެއްޔޭ އިޒްވާގެ ހިތަށް އެރިއެވެ.
*************
އާރްވާން ވިލާ އިން އިވެމުން ދިޔައީ ހުނުމާއި ސަކަރާތުގެ އަޑެވެ. ރޭގަނޑުގެ ކެއުމަށް އާއިލާގެ އެންމެން ޖަމާވެފައި އޮތެވެ. ރައިހާނާގެ އެއްބަނޑު އެއްބަފާ ކޮއްކޮ ފާރިހާ އާއި އޭނާގެ ދަރިން ކައިލް، އަލައިކާ އަދި އީލާކެވެ. އީލާކްގެ ފިރިމީހާ އަދި ފަސްއަހަރުގެ ދަރިފުޅުވެސް އެތަނުގައި ތިއްބެވެ. ކައިލްގެ އުރުގައި އޭނާގެ އެއް އަހަރުގެ ދަރިފުޅު ކައިވާ އިނެވެ. ވަކިން އެންމެންނާ ދުރުގައި ހުރި ގޮނޑިއެއްގައި ފޯނާ ކުޅެން އަރްހާން އިން އިރު އޭނާގެ މޫނުމަތިން ފެންނަމުން ދިޔައީ ފޫހިކަމެވެ. އެތަނުގައި ތިބި އެއްވެސް މީހަކާ އޭނާ ވާހަކަ ދައްކަން ބޭނުންނުވާ ފަދައެވެ. ރައިހާނާއާއި ފާރިހާ ވާހަކަ ދައްކަން ތިބިއިރު އެމީހުން ކައިރީގައި އިސްޖަހާލައިގެން ޝިވަން އިނެވެ. ދެއަތް ގުޅުވާލައިގެން އިން ގޮތުން އޭނާ އެވިސްނަނީ އިޒްވާއާ މެދުގައި ކަން ރައިހާނާ އަށް އެނގުނެވެ.
" އެހާ ވަރަށް ފިކުރު ނުކުރޭ ދަރިފުޅާ.. އިޒްވާ އަންނާނެކަން މަންމައަށް ޔަގީން... " ޝިވަންގެ އަތުގައި ހިފާލަމުން ރައިހާނާ ބުންޏެވެ.
" ދައްތާ! އަރްހާން ހާދަ ބަދަލެއް ވެއްޖޭ ދޯ.. މިކަހަލަ ރެއެއްގައި އަރްހާން އެހެންނެއް ނީންނާނެ ކުރިއަކުން.. އަބަދުވެސް ސަކަރާތް ޖެހުމުގައި އުޅޭނީ.. މުޅި ތަނުގައި ގުގުމާލާފައި ހުންނާނީ އަރްހާންގެ އަޑު. އެނގޭ އަރްހާން ބަލިވިފަހުން އޭނަ ވަރަށް މަޑުމަޑުން ހުންނަން ފެށިކަން. އެކަމަކު އަހަރެން ހީކުރީ އޮޕަރޭޝަނަށް ފަހު ކުރީގެ އަރްހާން އަހަރުމެންނަށް ލިބޭނެ ކަމަށް.. އަނެއްކާ ބަލާލަބަލަ ހެދުން އަޅާފައި ހުރި ގޮތް.. މީގެ ކުރިން ދުވަހަކު ވެސް އަރްހާން އަތް ދިގު ގަމީހެއްގައި އިންދާ އަހަރެން ނުދެކެން.. މުޅިންވެސް އޭރުގެ އެންމެ ފެޝަނަށް ހެދުން އަޅާ ކުއްޖާ އޭނީ ކިހިނެއްވެފަ ބާއޭ އަހަރެންގެ ހިތަށް އަރާ.. " ފާރިހާ ބުންޏެވެ.
" ފާރިއަށް ތިފެންނަނީ އަދި ކުޑަ ބަދަލެއްނު.. މިހާރު ގަޑިން ގަޑިއަށް ނަމާދުކުރޭ.. އަބަދު މިއުޒިކު ޖަހާފައި ހުންނަ ކޮޓަރިން މިހާރު އެއްގޮތަކަށްވެސް އެއަޑެއް ނީވޭ.. ބޭކާރު ގޮތުގައި ބޭރަށްވެސް ދިއުން ހުއްޓާލައިފި.. އޭރު ގެންގުޅުނު އެކުވެރިންތައްވެސް ދޫކޮށްލީ ކަންނޭނގެ.. އަބަދުވެސް މަޑުމޮޅިވެފަ އިންނަނީ... އަރްހާނަށް ވަރަށް ބޮޑު ބަދަލުތަކެއް އައިސްފިކަން ޔަގީން.. އެކަމަކު އެބަދަލުތަކައްޓަކާ އަހަރެން ޝުކުރުވެރިވަން. އެކަމަކު ކައިލްއާ ގުޅުން ކުޑަކޮށްލީތީ އަހަރެންވެސް ދެރަވޭ.. އެދެމީހުން ކިހާ އެކީގައި ކުރިން އުޅުނީ.. މިކަހަލަ ރެއެއްގައިވެސް ހީވާނީ އެކަތި ގަނޑެއްހެން." އަރްހާންއަށް ބަލަހައްޓައިގެން އިނދެ ރައިހާނާ ބުންޏެވެ. ދެމީހުންވެސް ބަލައިލީ ކައިލްގެ އުރުގައި އިން ކައިވާ ކުސްތަޅާފައި ރޯންފެށި އަޑަށެވެ.
" ކައިލް ގުޅާބަލަ ޖަންނައަށް.. މަންމަ ކައިރިއަށް ދާން ކަންނޭނގެ އެމަންޖެ އެރޮނީ.. " ފާރިހާ އެބުނީ ކައިލްގެ އަންހެނުން ޖަނާންގެ ވާހަކައެވެ.
" މެސެޖް ކުރީމަ ބުނީ ދެންމެ ކޮލެޖުން ނިކުތް ވާހަކަ.. އަންނާނެ އިރުކޮޅަކުން.. " ކައިވާ މަސަލަސް ކުރަން މަސައްކަތް ކުރަމުން ކައިލް ބުންޏެވެ.
" މަންމާ! އިޒްވާ ނައެއްނު.. އޭނަގެ ޖަވާބަކީ ނޫނެކޭ......... " ޝިވަންއަށް ބުނެވުނީ އެވަރަށެވެ. ދޮރުން ވަދެގެން އަންނަ އިޒްވާ ލޮލުގައި އަޅައިގަތުމާއެކު އޭނާގެ ބަސްހުއްޓުނެވެ. ރައިހާނާގެ ތުންފަތްމަތިން ފެނިގެން ދިޔައީ އުފާވެރިކަމުގެ ހިނިތުންވުމެކެވެ. އެހެން އެންމެން އިޒްވާއާއި މަރިޔަމްއާ ދިމާލަށް ބަލަހައްޓައިގެން ތިބީ ހައިރާންވެފައެވެ.
އެންމެންގެ ހަމަހިމޭންކަން އިހުސާސްވެ އަރްހާންވެސް އިސް އުފުލާލާފައި ބަލައިލިއެވެ. އޭނާގެ ހިތް ތަފާތު ގޮތަކަށް ތެޅިލިކަން އިހުސާސްވެ މޭގައި އަތް އަޅައިލެވުނެވެ. އެހިތަށް ވަމުން ދިޔައީ މީގެ ކުރިން ދުވަހަކުވެސް ނުވާ ފަދަ ގޮތެކެވެ. އެތައް ދުވަހަކަށްފަހު އެހިތަށް ހަމަޖެހުމެއް ލިބުނުހެންވެސް ހީވިއެވެ. ލަސް ހަރަކާތަކާއެކު އަރްހާން އިންތަނުން ތެދުވީ އޭނާގެ އަމިއްލަ އިޚްތިޔާރަކު ނޫނެވެ. ނުވެސް އެނގި ހުއްޓާ އިޒްވާއާ ދިމާލަށް ހިނގައިގަނެވިއްޖެއެވެ.
" އިޒްވާ!! " ހުރިހާ ދަތްތަކެއް ފެންނަވަރަށް ހީލައިގެން ހުރެ ރައިހާނާ ގޮވައިލިއެވެ. އެހިނދު އަރްހާންގެ ފިޔަވަޅުތައް ހުއްޓުނެވެ. ރައިހާނާގެ ދުލުން އިވުނު ނަން އަރްހާނަށް ކިޔައިލެވުނެވެ. ކުރިން އެތައް ފަހަރަކު އިވިފައިވާ ނަމެއްހެން ހީވިއެވެ.
" އަހަރެން ވަރަށް އުފާވެއްޖެ!! އަހަރެންނަށް އެނގޭ އިޒްވާގެ ފަރާތުން ލިބޭނީ އަހަރެމެން ހިތްހަމަޖެހޭ ފަދަ ޖަވާބެއްކަން.. " ރައިހާނާ ގޮސް އިޒްވާ ގައިގައި ބައްދާލިއެވެ. އިޒްވާ ހިނިތުންވެލަމުން ބޯޖަހައިލިއެވެ. އިޒްވާގެ އަތުގައި ރައިހާނާ ހިފައިލި ހިނދު ޝިވަން އައިސް މަރިޔަމްގެ ގޮނޑި އިޒްވާ އަތުން އަތުލިއެވެ. ރައިހާނާ އިޒްވާގެ ގޮވައިގެން ހިނގައިގަތްއިރު އެމީހުންނާ އެއްވަރަށް މަރިޔަމް ގޮވައިގެން ޝިވަން އާދެއެވެ.
އެންމެންގެ ލޯތައް އިޒްވާއަށް ހުއްޓިފައިވީއިރު ކައިލްގެ ނަޒަރު ހުއްޓިފައިވީ އަރްހާންގެ ހަރަކާތްތަކަށެވެ. އިޒްވާ އެގެއަށް ވަން ހިނދުން ފެށިގެން އަރްހާން އުޅެމުން ދިޔަ އޭނާ ރަނގަޅަށް ދުއްޓެވެ. އަރްހާން އިޒްވާއަށް ބަލަހައްޓައިގެން ހުރިގޮތުން އެތަކެއް ސުވާލެއް ކައިލްގެ ހިތުގައި އުފެދުނެވެ. އޭނާގެ އެބެލުމުގައިވަނީ ޙުދު ކައިލް އޭނާގެ އަންހެނުން ޖަނާންއަށް ބަލާލާއިރު ހުންނަ ފަދަ އަސަރުތަކެކެވެ.
" ދައްތާ މީ ކޮންކުއްޖެއް؟ " އިޒްވާ ގޮވައިގެން އައިސް ކައިރިއަށް ހުއްޓުމުން ފާރިހާ އެހިއެވެ.
" އަދި އެނގޭނެ..! ޖަންނަ އަންނަންދެން މަޑުކޮށްލަމާ.. " ރައިހާނާ ބުންޏެވެ.
" އެބުނާހެން. ހާދަ ލަސްވެއްޖޭ ކައިލް.. ބުނި ނަމަ މިގޭ ކާރު ފޮނުވުނީހެއްނު.. " ފާރިހާ ބުނެލިއެވެ.
" ދައްތާ .. ކާނާ ރެޑީވެއްޖެ.. " އެތަނަށް އައިސް ހުއްޓުނު ސާލިހާ އިއްވާލިއެވެ.
" ތޭންކް ގޯޑް.. އަވަހަށް ކާން ހިނގާ ބަނޑުހައިވެގެން ހުރެވެނީއެއް ނޫން.. " ކާމޭޒާ ދިމާލަށް ހިނގައިގަންނަމުން އަލައިކާ ބުންޏެވެ. އޭނާގެ ފަހަތުން އެހެން މީހުންވެސް ކާމޭޒާ ދިމާލަށް ހިނގައިގަތެވެ. ރައިހާނާ އިޒްވާ ގޮސް ބޭންދީ އޭނާގެ ގޮނޑިއާ އެންމެ ކައިރިން ހުރި ގޮނޑީގައެވެ. ރައިހާނާގެ އަނެއްފަރާތުން އިޒްވާއާ ކުރިމަތިވާ ގޮތަށް އިށީނީ ޝިވަންއެވެ. ޝިވަންއާ ޖެހިގެން ކައިލް އިން އިރު ކައިލް ކައިރީގައި އަރްހާން އިނެވެ. އޭނާގެ ނަޒަރު އެންމެ ހިނދުކޮޅަކަށްވެސް އިޒްވާއާ ވަކި ނުވެއެވެ.
" ހިތް ކީތަ؟ " އަރްހާންގެ ކަންފަތް ދަށައް ގުދުވެލަމުން ސިއްރުން ކައިލް އަހައިލިއެވެ. އަރްހާން ސިހިފައި ކައިލްއަށް ބަލައިލިއެވެ. އެބެލުމުގައި ހުރީ ވެރިއެއް ވަގަކު ހިފުމުން އެވަގުގެ ހުންނަ ފަދަ ބެލުމެކެވެ. މިމަންޒަރު ފެނި ކައިލްއަށް ހެވުނެވެ.
" މަޖަލެއް ނޫން. ކައިލްއަށް ހީވޭތަ އެކަހަލަ އަންހެންކުދިންނަށް އަހަރެންގެ ހިތްކިޔާ ފާނެހެން.. " އަރްހާން ބުންޏެވެ.
" ކުރީގެ އަރްހާންގެ ހިތް ނުކިޔާނެ އެކަހަލަ އަންހެންކުދިންނަށް.. އެކަމަކު ތީ މިހާރު އެހެން އަރްހާންއެއްނު.. އެހެންވީމަ ގޮތެއް ބުނާކަށް މިހާރު އެއްގޮތަކަށްވެސް ނޭނގޭ.. " ކައިލް ބުންޏެވެ. އަރްހާން ވަކި އެއްޗެއް ނުބުނެ ތައްޓަށް ބަތް އަޅަން ފެށިއެވެ. އެއަށްފަހު ކަނޑުކުކުޅު ތަށިން އެތިކޮޅެއްވެސް ތައްޓަށް ލައިފިއެވެ. އިޒްވާއަށް އެމަންޒަރު ފެނުމުން ހަނދާންވީ ކައިސަން މަތިންނެވެ. ކައިސަންއަށްވެސް އެންމެ މީރީ ކަނޑުކުކުޅާ ބަތާއެވެ.
" މޭޒުމަތީގަ ހުރި އެހެން އެއްޗެއްސާ ހާދަ ނުގުޅޭ އެއްޗެއް.. އަރްހާންއަށް ކޮންއިރަކު މިކަހަލަ ކެއުން ކަމުދާން ފެށީ... " ތައްޓަށް ސްޕެގެޓީ އަޅައިގެން ކަމުން ދިޔަ އީލާކް ބުންޏެވެ.
" ނޭނގެ.. އަރްހާން ކާހިތުން ބުނެގެން ސާލިހާ ލައްވާ ތައްޔާރުކުރީ.. " ރައިހާނާ ޖަވާބުދިނެވެ.
" ސޮރީ ސޮރީ ލަސްވީ... " ދުވަމުން ކަހަލަ ގޮތަކަށް ވަދެގެން އައި ޖަނާންގެ އަޑަށް އެންމެން އެދިމާލަށް ބަލައިލިއެވެ.
" ސޮރީ ކާއެއްޗެހި ހުސްވެއްޖެ.. " އަލައިކާ ސަމާސަ ކޮށްލިއެވެ. ޖަނާންގެ ސޫރަ ފެނުމާއެކު އިޒްވާ ސިހުނެވެ. އެތައް ދުވަހަކަށްފަހު އެސޫރަ ފެނުމުން އިޒްވާގެ ލޮލުން ކަރުނަ ނީރާލިއެވެ.
" ޖާނޫ " އިޒްވާއަށް ބުނެވުނެވެ. އެހިނދު އެދިމާލަށް އައި ޖަނާންގެ ފިޔަވަޅުތަކެއް ހުއްޓުމެއް އައެވެ. މިދުނިޔޭގައި އެނަމުން އޭނާއަށް ގޮވާ ހުންނާނީ އެންމެ މީހެކެވެ. ކުރިމަތިން ފެންނަން އެހުރީ އޭނާއަށް ގެއްލިފައިވާ އޭނާގެ އެންމެ ގާތް އެކުވެރިޔާ އިޒްވާކަމަށް އޭނާއަށް ޤަބޫލެއް ނުކުރެވުނެވެ. ޖަނާންއާއި އިޒްވާ ޔަތީމުހާނާއެއްގައި އުޅެ ބޮޑުވީ އެކުއެކީގައެވެ. އިތުރަށް ކިޔެވުމަށް ލިބުނު ފުރުސަތާ ގުޅިގެން ޖަނާން ރާއްޖެއިން ބޭރަށް ކިޔަންވަން ދިއުމާއެކު ގުޅުން ކެނޑުނީއެވެ. ޖަނާން ދުވަމުން އައިސް އިޒްވާ ގައިގާ ބައްދައިފިއެވެ. އިޒްވާއަށް ރޮވުނީ ބޭއިޚްތިޔާރުގައެވެ. އެހިނދު ޖަނާންގެ ލޮލުންވެސް ކަރުނަ ނީރާލިއެވެ. އެދެމީހުންގެ ހަރަކާތްކަކަށް ބަލަހައްޓައިގެން އެހެންމީހުން ތިބީ ހައިރާންވެ އަންތަރީސްވެފައެވެ.
" ހުމްމް.. މިހާރު ވަރަށް ކިއުރިއަސްވެއްޖެ.. އިޒްވާއަކީ ކޮން ކުއްޖެއްތޯ ބަލާހިތުން ކެތްމަދު ވެއްޖެ.. " ކައިލް ބުނެލިއެވެ. އެހިނދު އިޒްވާ އާއި ޖަނާން ދުރުވެލިއެވެ.
" ކައި އަށް އަބަދުވެސް ކިޔައިދެމެއްނު ލޯންގް ލޮސްޓް ފްރެންޑެއްގެ ވާހަކަ.. މީ އޭނައަކީ.. އިޒްވާ.. އެނގޭތަ؟ އަހަރެންގެ ދަރިފުޅަށް ނަންވެސް ދިނީ އިޒީއާ ގުޅުވައިގެން... ކައިވާ... މިދުނިޔެމަތީގައި އަހަރެން އެންމެ ލޯބިވާ ދެމީހުންނާ ގުޅުވާފަ.. " ޖަނާން ބުންޏެވެ. ފާރިހާގެ އުނގުގައި އިން ކައިވާއަށް އިޒްވާ ބަލައިލިއެވެ.
" މީ ޖާނޫގެ ތަ؟ މާޝާﷲ... " އިޒްވާ ގޮސް ކައިވާ އުރާލިއެވެ.
" މިއިނީ ކައިސަންގެ މާމަ ދޯ.. ތިދެމީހުން މެރީކުރީތަ؟ ކޮބާ ކައިސަން ނާދޭތަ؟ " އެންމެންތެރޭ ހޯދައިލަމުން ޖަނާން އެހިއެވެ. އެހިނދު އިޒްވާގެ ދެލޯ ފެންކަޅިވިތަން ފެނުނެވެ. ކައިސަންގެ ނަން އަޑުއިވުމާއެކު މަގޭ ކައިސަންއޭ ކިޔާ މަރިޔަމް ރޯންފަށައިފިއެވެ. އެހިނދު މަރިޔަމް ކައިރިއަށް ޖެހިލީ ރައިހާނާއެވެ. ޖަނާން ހައިރާންވެފައި ހުރީ ވާނުވާ ނޭނގިފައެވެ.
" ޖަނާން.. އިޒްވާގެ ފިރިމީހާ ނިޔާވިތާ ހަ މަސް ވެއްޖެ.. " އެހެން ބުނެލީ ޝިވަން އެވެ. ޖަނާން ސިހިފައި އަނގަމަތީގައި އަތް އަޅައިލެވުނެވެ. އިޒްވާ ގައިގާ ބައްދައިލީ އޭނާ ދެރަވާނެވަރު ހިތަށް އަރާފައެވެ.
" އަހަރެން ހީކުރީ އަހަރެން ކަމަށް އެންމެންނަށް ސަޕްރައިޒް ދޭނީ.. އެކަމަކު ޖަންނަ އަހަރެމެންނަށް މިދިނީ މާބޮޑު ސަޕްރައިޒެއްނު.. " ރައިހާނާ ބުންޏެވެ.
" ހުމް ދެން ދައްތަވެސް ބުނަންވެއްޖެއްނު.. ހަމަގައިމުންވެސް އެނގޭ ދައްތައަށް އިޒްވާ ވަރަށް ޚާއްސަކަން.." ފާރިހާ ބުންޏެވެ.
" ހުމް އަޑުއަހާ.. މީ އިޒްވާ! އަހަރެންގެ ޝިވަންގެ ވާން އުޅޭ އަނބިމީހާ.. " ރައިހާނާ އިއުލާން ކޮށްލިއެވެ. ޝިވަން ހިނިތުންވެލަމު އިސްޖަހައިލިއެވެ. ޖަނާން އިޒްވާއަށް ބަލައިލީ އެއީ ތެދެއްހޭ އަހާ ފަދަ ގޮތަކަށެވެ. އިޒްވާ ހިނިތުންވާން މަސައްކަތްކުރަމުން ބޯޖަހައިލިއެވެ. އަރްހާންއަށް ވީގޮތެއްވެސް ނޭނގުނެވެ. އަތުތެރެއިން ސަމްސާ ދޫވެއްގެން ތަށިތެރެއަށް ވެއްޓުނެވެ. ދެލޯ ފެންކަޅިވެގެން ދިޔައީ އެއްވެސް އިޚްތިޔާރަކާ ނުލައެވެ.
ނުނިމޭ... ވާހަކައިގެ އާ ބައެއް، އިންޝާﷲ، ފަހެއް ޑިސެމްބަރ 2022 ގައި ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް