މިއަދު ކުރި ވިއްސާރައިގާ މާލޭގައި ފެންބޮޑުވެފައިވާއިރު 160 އާއިލާއަކުން އެހީތެރިކަމަށް އެދިފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިޙް މިހެން ވިދާޅުވީ މާލޭގެ މަގުތަކުގައި ހެދިފައިވާ ފެން ހިންދުމަށް ސިފައިން ކުރިއަށްގެންދާ އޮޕަރޭޝަންގެ ކަންކަން ބައްލަވާލެއްވުމަށް ކަޅުތުއްކަލާ ކޮށްޓަށް ޒިޔާރަތް ކުރައްވާ، ދައުލަތުގެ މީޑީއާ ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައެވެ.
ރައީސް ވިދާޅުވީ ފެންބޮޑުވިއިރު ވަގުތުން އެޓެންޑު ނުވެވުނީ ފެން ހިންދުމަށް ބޭނުންކުރާ ޕަމްޕު ތައް ހަލާކުވެފައި ހުރުމުން ކަމުގައި އެމްއެންޑީއެފުން މައުލޫމާތު ދިން ކަމަށެވެ. ނަމަވެސް މިހާރު 14 ޕަމްޕު ސްޓޭޝަނެއްގައި ފެން ހިންދުމުގެ މަސައްކަތް ކުރަމުން ގެންދާއިރު އެހީތެރިކަމަށް އެދުނު އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާކަމުގައިވެސް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ މިރޭގެ 10:00ގެ ފަހުން އެކި ވަގުތުތަކުގައި ވާރޭ ވެހޭނެކަމަށް މޫސުމާއިބެހޭ ގައުމީ އިދާރާއިން މައުލޫމާތު ދީފައިވާކަމަށާއި އެހެންކަމުން އެކަމަށް ހުރިހާ ބޭފުޅުންވެސް ސަމާލުކަން ދިނުމަށްވެސް ރައީސް އިލްތިމާސް ކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް