ކްލަބް ވޯލްޑް ކަޕަކީ ކޮން މުބާރާތެއް؟
ނަމުންވެސް އެނގޭނެ ފަދައިން ކްލަބް ވޯލްޑް ކަޕަކީ ދުނިޔޭގެ ޗެމްޕިއަން ކްލަބް ކަނޑައަޅާ މުބާރާތެވެ. މިއީ ފީފާއިން އިންތިޒާމުކޮށްގެން ކޮންމެ އަހަރެއްގެވެސް ޑިސެމްބަރު މަހުގެ ތެރޭގައި ބާއްވާ މުބާރާތެކެވެ. މި މުބާރާތް ވަނީ މީގެ ކުރިން ތަފާތު އެކިއެކި ފޯމެޓަށް ކުރިއަށް ގެންގޮސްފައެވެ.
ކްލަބް ވޯލްޑް ކަޕްގެ ކުރިން 1960 ން 2004 ގެ ނިޔަލަށް އިންޓަކޮންޓިނެންޓަލް ކަޕްގެ ނަމުގައި މުބާރާތެއް ކުޅެވުނެވެ. އެ މުބާރާތް އޭރު ކުޅެވުނީ ޔޫރަޕް ސަރަހައްދުގެ (ޔުއެފާ ޗެމްޕިއަންސް ލީގުގެ) ޗެމްޕިއަން ޓީމާއި، ދެކުނު އެމެރިކާ ސަރަހައްދުގެ (ކޮޕާ ލިބަރްތަދޯރެސްގެ) ޗެމްޕިއަން ޓީމާ ދެމެދުގައި ކުޅެވޭ ފައިނަލް މެޗެއްގެ ގޮތުގައެވެ.
ފީފާއިން ކްލަބް ވޯލްޑް ކަޕް ތަޢާރަފު ކުރީ 2000 ވަނަ އަހަރުގައެވެ. އެކަމަކު އެތެރޭގެ ބައެއް މައްސަލަތަކާހުރެ ދެ ވަނަ މުބާރާތެއް ނުބޭއްވި މެދުކެނޑުމެއް އައެވެ. އަލުން މި މުބާރާތް ފެށުނީ 2005 ވަނަ އަހަރުގައެވެ. އެ އަހަރުން ފެށިގެން އިންޓަކޮންޓިނެންޓަލް ކަޕާއި އެއްކޮށްލައިގެން އެއް މުބާރާތެއްގެ ގޮތުގައި ފީފާ ކްލަބް ވޯލްޑްކަޕް ތަޢާރަފު ކުރެވި ބޭއްވެމުން އަންނައިރު، ކޮންމެ ބައްރެއްގެވެސް ޗެމްޕިއަނުން މި މުބާރާތުގައި ވާދަކުރެއެވެ.
މި އަހަރުގެ މުބާރާތަށް ކޮލިފައިވީ ކޮން ޓީމުތަކެއް؟
މި މުބާރާތުގައި މި އަހަރު ވާދަކުރާ ޓީމުތަކުގެ ތެރެއިން ގިނަ ބައެއްގެ ލޯ އަމާޒު ވާނީ ޔޫރަޕްގެ ގަދަބާރު ރެއަލް މެޑްރިޑަށެވެ. މި މުބާރާތުގެ މިހާރުގެވެސް ޗެމްޕިއަން ޓީމު ކަމަށްވާ ރެއަލް މެޑްރިޑް ޖެހިޖެހިގެން ދެ ވަނަ ފަހަރަށް މުބާރާތަށް މި އަންނަނީ އަނެއްކާވެސް ޔޫރަޕް ސަރަހައްދުގެ ޗެމްޕިއަނުން ކަނޑައަޅާ ޔުއެފާ ޗެމްޕިއަންސް ލީގު ފާއިތުވި ސީޒަންގައި ކާމިޔާބު ކޮށްގެންނެވެ.
2016 ވަނަ އަހަރު އޮތް ކްލަބް ވޯލްޑް ކަޕްގެ ތަށި ރެއަލް މެޑްރިޑުން އުފުލާލީ މެކްސިކޯގެ ކްލަބް އެމެރިކާ ސެމީ ފައިނަލްގައި ބަލިކޮށް އަދި ފައިނަލް މެޗުގައި ކަޝިމާ އެންޓްލާސް ބަލިކޮށްފައެވެ. އެ މެޗުގައި ޕޯޗުގަލްގެ ތަރި ރޮނާލްޑޯ ހެޓްރިކެއް ހެދިއެވެ. މިއީ ކްލަބް ވޯލްޑް ކަޕް އެއް އަހަރު ކާމިޔާބު ކުރުމަށްފަހު، ދެން ޖެހިގެން އަންނަ އަހަރުގެ މުބާރާތެއް އަނެއްކާވެސް އެ ޓީމަކުން (ކުރީ އަހަރުގެ ޗެމްޕިއަން ޓީމު) ވާދަކުރާނެ ފުރަތަމަ ފަހަރެވެ.
މި މުބާރާތުގައި ވާދަކުރާ އަނެއް ޓީމަކީ އަލް ޖަޒީރާ އެވެ. މިއީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ ޔޫއޭއީގެ ނޭޝަނަލް ލީގުގެ ޗެމްޕިއަން ޓީމުގެ ހައިސިއްޔަތުން މުބާރާތުގައި ވާދަކުރާ ކްލަބެކެވެ.
މީގެ އިތުރުން ދެން ފެށިގެން ދާނެ ޓީމުތަކަކީ އުތުރު އެމެރިކާގެ ޗެމްޕިއަން ޓީމު ޕަޗޫކާ، އޯޝޭނިއާ ސަރަހައްދުގެ ޗެމްޕިއަން ޓީމު އޯކްލޭންޑް ސިޓީ، އެފްރިކާ ސަރަހައްދުގެ ޗެމްޕިއަން ކްލަބް ވީޑެޑް އެތުލެޓިކް ކްލަބް، ދެކުނު އެމެރިކާ ސަރަހައްދުގެ ޗެމްޕިއަން ގްރެމިއޯ އަދި އޭޝިޔާގެ ޗެމްޕިއަން ޓީމު ކަމަށްވާ އުރާވާ ރެޑް ޑައިމަންޑްސްއެވެ.
މުބާރާތް ބާއްވަނީ ކޮން ގައުމެއްގައި؟
މި އަހަރުގެ މުބާރާތް އޮންނާނީ ޔުނައިޓެޑް އަރަބި އެމިރޭޓްސްގައެވެ. މުބާރާތް ކުރިއަށް ދާނީ އެ ގައުމުގެ އަބޫ ދާބީ ސިޓީގެ ޒަޔެދު ސްޕޯޓްސް ސިޓީ ސްޓޭޑިއަމް އާއި އަލް އައިން ސިޓީގެ ހައްޒާ ބިން ޒަޔެދު ސްޓޭޑިއަމް ގައެވެ.
މީގެ ތެރެއިން ޒަޔެދު ސްޕޯޓްސް ސިޓީ ސްޓޭޑިއަމް އަކީ ޔޫއޭއީގައި ހުރި އެންމެ ބޮޑު ފުޓްބޯޅަ ސްޓޭޑިއަމެވެ. މި ސްޓޭޑިއަމަށް 43000 (ސާޅީސް ތިން ހާސް) މީހުނަށްވުރެ ގިނައިން ވަދެވޭއިރު، 2009 އަދި 2010 ވަނަ އަހަރުގެ ކްލަބް ވޯލްޑް ކަޕްގެ ފައިނަލް މެޗު ކުޅުނީވެސް މި ސްޓޭޑިއަމްގައެވެ.
2014 ވަނަ އަހަރު ހުޅުވި ހައްޒާ ބިން ޒަޔެދު ސްޓޭޑިއަމް އަކީ 22717 (ބާވީސް ހާސް ހަތް ސަތޭކަ ސަތާރަ) މީހުންގެ ޖާގައިގެ ސްޓޭޑިއަމް އެކެވެ.
ކްލަބް ވޯލްޑް ކަޕްގެ މެޗުތައް ކުރިއަށް ދާނެގޮތުގެ ތާވަލް:
ޕްލޭއޯފް ރައުންޑް
| # | ތާރީޚް | މެޗު | ގަޑި (ދިވެހިރާއްޖެ) |
| 1 | 6 ޑިސެމްބަރ | އަލްޖަޒީރާ - އޯކްލޭންޑް ސިޓީ | 22:00 |
ކުއާޓާ ފައިނަލް
| # | ތާރީޚް | މެޗު | ގަޑި (ދިވެހިރާއްޖެ) |
| 2 | 9 ޑިސެމްބަރ | ޕަޗޫކާ – ވީޑެޑް އެތުލެޓިކް ކްލަބް | 18:00 |
| 3 | 9 ޑިސެމްބަރ | މެޗް 1 ން މޮޅުވި - ރެޑް ޑައިމަންޑްސް | 21:30 |
ފިފްތު-ޕްލޭސް ޕްލޭއޮފް
| # | ތާރީޚް | މެޗު | ގަޑި (ދިވެހިރާއްޖެ) |
| 4 | 12 ޑިސެމްބަރ | މެޗް 2 ން ބަލިވި - މެޗް 3 ން ބަލިވި | 19:00 |
ސެމީ ފައިނަލް
| # | ތާރީޚް | މެޗު | ގަޑި (ދިވެހިރާއްޖެ) |
| 5 | 12 ޑިސެމްބަރ | ގްރެމިއޯ - މެޗު 2 ން މޮޅުވި | 22:00 |
| 6 | 13 ޑިސެމްބަރ | މެޗު 3 ން މޮޅުވި - ރެއަލް މެޑްރިޑް | 22:00 |
ތާޑް-ޕްލޭސް ޕްލޭއޮފް
| # | ތާރީޚް | މެޗު | ގަޑި (ދިވެހިރާއްޖެ) |
| 7 | 16 ޑިސެމްބަރ | މެޗު 5 ން ބަލިވި - މެޗް 6 ން ބަލިވި | 19:00 |
ފައިނަލް މެޗު
| # | ތާރީޚް | މެޗު | ގަޑި (ދިވެހިރާއްޖެ) |
| 8 | 16 ޑިސެމްބަރ | މެޗު 5 ން މޮޅުވި - މެޗު 6 ން މޮޅުވި | 22:00 |
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް