ތޫފާން އޯޗީގައި ޖެހި އެމްޓީސީސީގެ ބާޖެއް ހިލަތަކަކާއެކު އަޑިއަށް

ތޫފާން އޯޗީގައި ޖެހި އެމްޓީސީސީގެ ބާޖެއް ހިލަތަކަކާއެކު އަޑިއަށް ގޮސްފައިވާކަމުގައި އެމްޓީސީސީއިން ބުނެފި އެވެ. ބައެއް މީޑިއާތަކަށް މައުޅޫމާތު ދެމުން އެމްޓީސީސީން ބުނެފައިވަނީ ބަންޑުން ޖަހާލައި އަޑިއަ...

05 Dec 2017 | 10:11

ތޫފާން އޯޗީގައި ޖެހި އެމްޓީސީސީގެ ބާޖެއް ހިލަތަކަކާއެކު އަޑިއަށް ގޮސްފައިވާކަމުގައި އެމްޓީސީސީއިން ބުނެފި އެވެ.

ބައެއް މީޑިއާތަކަށް މައުޅޫމާތު ދެމުން އެމްޓީސީސީން ބުނެފައިވަނީ ބަންޑުން ޖަހާލައި އަޑިއަށް ގޮސްފައިވަނީ 3300 ޓަނުގެ ބޮޑު ހިލަ ބަރުކޮށްގެން ޓަގު ބޯޓު "ޓެންގޯ 575 އާއެކު ދަތުރުކުރި "ކުރިމަގު 7" ބާޖެވެ. އެމްޓީސީސީން ހާމަކޮށްފައިވާގޮތުގައި މި ބާޖު އަޑިއަށް ގޮސްފައިވަނީ މިދިޔަ ހުކުރު ދުވަހު އެވެ.

އެމްޓީސީސީން ހާމަކޮށްފައިވާގޮތުގައި އެ ޓަގު ބޯޓާއި ބާޖު ރާއްޖެއަށް ދަތުރުކުރަމުން ދިޔައީ އިންޑިއާގެ ޓުޓިކޮރިން ބަނދަރުން ބޮޑު ހިލަ ބަރުކޮށްގެންނެވެ. ބަންޑުން ޖަހާލައި ބާޖު އަޑިއަށް ދިޔައީ ކުޅުދުއްފުއްޓާއި 157 ނޯޓިކަލް މޭލު ދުރުގައި ކަމަށްވެސް އެމްޓީސީސީން ބުނެފައި ވެ އެވެ.

އެމްޓީސީސީން އިތުރަށްބުނެފައިވަނީ އެ ހާދިސާ ހިނގި އިރު "ޓެންގޯ 575" ގައި ޖުމުލަ 11 ފަޅުވެރިން ތިބި ކަމަށާއި ތޫފާނުގައި ޖެހި ގެއްލުން ލިބުމުން އެކަން އެމްއެންޑީއެފަށް އެންގި ކަމަށެވެ. އަދި ބާޖު އަޑިއަށް ދިއުމުން ޓަގު ބޯޓު މިމަހުގެ ދެވަނަ ދުވަހު ކުޅުދުއްފުއްޓަށް ދަތުރު ފަށައި މިމަހުގެ ތިން ވަނަ ދުވަހުގެ 15:00 ގައި ކުޅުދުއްފުށީ ސަރަހައްދީ ބަނދަރަށް ވަދެފައި ކަމުގައިވެސް އެމްޓީސީސީން ބުނެފައި ވެ އެވެ.

އެމްޓީސީސީން ހާމަކޮށްފައިވާގޮތުގައި ޓެންގޯ 575 އަދި ކުރިމަގު 7 ވެސް ވަނީ އިންޝުއާ ކުރެވިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް