ސަލާމަތީ ފިޔަވަޅު ތަކާއެކު ކުޑަކުދިންނަށް ހާއްސަ މެސެންޖާއެއް ފޭސްބުކުން ލޯންޗުކޮށްފި

ސަލާމަތީ ވަރުގަދަ ފިޔަވަޅު ތަކަކާއެކު އުމުރުން 13 އަހަރުން ދަށުގެ ކުޑަކުދިންނަށް ހާއްސަ މެސެންޖާ އެޕްލިކޭޝަނެއް ފޭސްބުކުން ލޯންޗް ކޮށްފި އެވެ. މި އެޕްލިކޭޝަން އަދި ލޯންޗުކޮށްފައިވަނީ އެޕަލްގެ ޑިވައިސް...

05 Dec 2017 | 01:28

ސަލާމަތީ ވަރުގަދަ ފިޔަވަޅު ތަކަކާއެކު އުމުރުން 13 އަހަރުން ދަށުގެ ކުޑަކުދިންނަށް ހާއްސަ މެސެންޖާ އެޕްލިކޭޝަނެއް ފޭސްބުކުން ލޯންޗް ކޮށްފި އެވެ. މި އެޕްލިކޭޝަން އަދި ލޯންޗުކޮށްފައިވަނީ އެޕަލްގެ ޑިވައިސް ތަކަށް އެކަންޏެވެ. އަދި އެމެރިކާއަށް އެކަނިވެސް މެ އެވެ.

ފޭސްބުކުން ބުނެފައިވަނީ 13 އަހަރުން ދަށުގެ ކުދިން މި އެޕްލިކޭޝަން ބޭނުންކުރުމަށް "މެސެންޖާ ކިޑްސް" އެޕްލިކޭޝަން އިންސްޓޯލް ކުރުމަށްފަހު ރަޖިސްޓްރީ ވާން ފޯނު ނަމްބަރެއް ބޭނުމެއް ނުވާނެ އެވެ. އޭގެ ބަދަލުގައި އެކައުންޓެއް ހުޅުވައިދެވޭނީ ބޮޑު މީހަކަށް (ބެލެނިވެރިއަކަށް) އެމީހެއްގެ ކޮންޓްރޯލްގެ ދަށުން ކަމަށް ބުނެފައި ވެ އެވެ.

ފޭސްބުކުން ހާމަކޮށްފައިވާގޮތުގައި މި އެޕްލިކޭޝަން އުފައްދާފައިވަނީ އަދި ބޭނުންކުރަން ފަށާފައިވަނީ އެމެރިކާގެ ފެޑެރަލް ޓްރޭޑް ކޮމިޝަންގެ ގަވާއިދުތަކާއި އުސޫލުތަކަށް ފެތޭ ގޮތަށެވެ.

ސަލާމަތީ ފިޔަވަޅުތަކެއްގެ ގޮތުން ހާއްސަ ފިލްޓަރުތަކެއް ހިމަނާފައިވާނެ ކަމަށް ފޭސްބުކުން ހާމަކޮށްފައިވާއިރު ނޭދެވޭ ފޮޓޯއެއް އިތުރު ފަރާތަކާއި ހިއްސާ ކުރާނަމަ އެ އެކައުންޓެއް އޮޓޯއިން ޑިއެކްޓިވޭޓް ކުރެވޭނެ އަދި ބެލެނިވެރިއަކަށް އެކަން އެނގޭނެ ނިޒާމެއް އެކުލަވާލާފައިވާކަމުގައި ފޭސްބުކުން ބުނެފައި ވެ އެވެ. މީގެ އިތުރުން ކޮންޓެކްޓް ލިސްޓް މެނޭޖް ކުރުމުގެ ފުރިހަމަ ބާރު އޮންނަނީ ބެލެނިވެރިޔާ އަށެވެ.

މި އެޕްލިކޭޝަން އަދި ބޭނުން ކުރެވެނީ ހަމަ އެކަނި އެމެރިކާގައި އެވެ. އެހެން ގައުމުތަކަށް މި އެޕްލިކޭޝަން ދޫކޮށްލާނެ ތާރީހެއް އަދި މި އެޕްލިކޭޝަންގެ އެންޑްރޮއިޑް ވާސަން ނެރޭނެ ތާރީހެއްވެސް ފޭސްބުކުން އަދި އިއުލާނު ކޮށްފައެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް