އިންޑިއާގެ ދެކުނުގެ ސަރަޙައްދަށް ކުރިމަތިވި ފެންބޮޑުވުމުގެ ހިތާމަވެރި ހާދިޘާގައި، އެތައް ބަޔަކު މަރުވެ، އެސަރަޙައްދުގެ ގިނަ ބަޔަކަށް ގެއްލުން ލިބުމާ ގުޅިގެން، އެކަމުގެ ހިތާމައިގައި، އިންޑިއާގެ ބޮޑުވަޒީރު ހިޒް އެކްސެލެންސީ ނަރެންދްރަ މޯދީއަށް، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، މި ޚަބަރު އެއްސެވީ ވަރަށް ފުން ހިތާމައާއެކު ކަމުގައި ވިދާޅުވެފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، މި ހިތާމައިގައި އެމަނިކުފާނާއި ރާއްޖޭގެ ރައްޔިތުންގެ ފަރާތުން، އިންޑިއާގެ ބޮޑުވަޒީރަށާއި، އިންޑިއާގެ ސަރުކާރަށާއި، ފެންބޮޑުވުމުގެ ސަބަބުން ގެއްލުން ލިބުނު ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ވިދާޅުވެފައިވާ ކަމަށް ރައީސް އޮފީހުން ހާމަކުރެ އެވެ.
އެ އޮފީހުން ހާމަކުރާ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، މި ޙާދިޘާގެ ސަބަބުން ދިމާވި ގެއްލުންތަކުން އަރައިގަތުމަށް ކުރެވެމުންދާ މަސައްކަތްތަކުގައި އެޤައުމުގެ ރައްޔިތުން ދައްކަމުން ގެންދާ އެއްބައިވަންތަކަމާއި ހިތްވަރު ފާހަގަކުރައްވައި، އެ މަސައްކަތް ކާމިޔާބު ވާނެކަމަށް އެދިވަޑައިގަންނަވާ ކަމުގައި ވިދާޅުވެފައިވެއެވެ.
މިމެސެޖުގައި، މިޙާދިޘާގައި މަރުވި މީހުންގެ ޢާއިލާތަކަށް ތަޢުޒިޔާ ރައްދުކޮށްދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފައިވާ ކަމަށްވެސް ރައީސް އޮފީހުން ވިދާޅުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް