ރޮނާލްޑޯ ޕޯޗުގަލް ޤައުމީ ޓީމަށް ކުޅުން ހުއްޓާލައިފި

ޕޯޗުގަލް ޤައުމީ ޓީމަށް 234 މެޗު ކުޅެ 146 ލަނޑު ޖެހި ރޮނާލްޑޯ، 23 އަހަރުގެ ޤައުމީ ކެރިއަރު ނިންމައިލީކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ހާމަކޮށްފިއެވެ.

05 Nov 2026 | 11:27
ކްރިސްޓިއާނޯ ރޮނާލްޑޯ --

ކްރިސްޓިއާނޯ ރޮނާލްޑޯ --

ފުޓުބޯޅައިގެ ތާރީޚުގައި ޤައުމީ ޓީމެއްގައި އެންމެ ގިނަ ލަނޑު ޖެހި އަދި އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ ޕޯޗުގަލްގެ ޤައުމީ ޓީމުން ރިޓަޔާ ކުރާކަން މިއަދު އިއުލާނުކޮށްފިއެވެ.

ސޯޝަލް މީޑިއާގައި ޝާއިޢުކުރި ވީޑިއޯ ޕޯސްޓެއް މެދުވެރިކޮށް ރޮނާލްޑޯ ވަނީ ޤައުމީ ޓީމާ އެކު ހޭދަ ކުރި 23 އަހަރު ދުވަހުގެ ކެރިއަރު ނިންމައިލީކަން ހާމަކޮށްފައެވެ. އެ ނިންމުމާ ބެހޭ ގޮތުން ރޮނާލްޑޯ ބުނީ "މިއީ ފަސޭހަ ނިންމުމެއް ނޫން ކަމަށާއި ބައެއް ނިންމުންތަކަކީ ހަމައެކަނި ސިކުނޑިން ނިންމާ ނިންމުންތަކެއްގެ ބަދަލުގައި ހިތުންވެސް ނިންމާ ނިންމުންތައް ކަމަށެވެ.

ރޮނާލްޑޯ އިތުރަށް ބުނީ "އަހަރެންގެ ސަބަބުން ދުވަހަކުވެސް އުފާވެރިކަމެއް ލިބިފައިވާ ނަމަ، އަހަރެންގެ ގޯލަކުން ގާތް މީހެއްގެ ގައިގައި ބައްދައިލެވިފައިވާ ނަމަ، ހާސްކަމެއް ހަނދާން ނެތިފައިވާ ނަމަ، ނުވަތަ ޤައުމާ މެދު ފަޚުރުވެރިވެވިފައިވާ ނަމަ، އެ ހުރިހާ ކަމެއް އެއީ ބޭކާރު ކަމެއް ނޫން" ކަމަށެވެ. އެ ވީޑިއޯގެ ކެޕްޝަނެއްގެ ގޮތުގައި ރޮނާލްޑޯ ލިޔެފައިވަނީ "ޕޯޗުގަލް އަބަދުވެސް ވާނީ އަހަރެންގެ ބައެއް ކަމުގައި" މިހެންނެވެ.

ރޮނާލްޑޯ ވަނީ އާއިލާ އާއި ޕޯޗުގަލްގެ ރައްޔިތުންނާއި، ޤައުމީ ޓީމުގައި އެކީ މަސައްކަތްކުރި ކުޅުންތެރީންނާއި ކޯޗުންނާއި ސްޓާފުންނަށް ޝުކުރު އަދާކޮށްފައެވެ.

ޕޯޗުގަލް ޤައުމީ ޓީމުގެ ކެޕްޓަން ބޭންޑު އެޅި ރޮނާލްޑޯ ވަނީ އެ ޓީމަށް 234 މެޗު ކުޅެ 146 ލަނޑު ޖަހައިފައެވެ. ރޮނާލްޑޯގެ ކެޕްޓަނެއްގެ ގޮތުގައި ޕޯޗުގަލް ވަނީ ޔޫރޯ 2016 ކާމިޔާބުކޮށް އެ ޤައުމުގެ ތާރީޚުގައި ފުރަތަމަ ބޮޑު ތަށި ހޯދައިފައެވެ.

އޭގެ އިތުރުން 2019 ވަނަ އަހަރާއި 2025 ވަނަ އަހަރުގެ ނޭޝަންސް ލީގު ވެސް ޕޯޗުގަލް ކާމިޔާބުކުރީ ރޮނާލްޑޯ ޓީމުގައި ހުރެގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް