ފުރިހަމަ ޑައިޓް ޕްލޭންތަކުން ދާއިމީ ފައިދާ ނުކުރާ ސަބަބުތައް!

05 Nov 2026 | 10:16
ފުރިހަމަ ޑައިޓް ޕްލޭންތަކުން ދާއިމީ ފައިދާ ނުކުރާ ސަބަބުތައް!

ކެއުމުގެ ފުރިހަމަ ތާވަލެއް ތައްޔާރުކުރިޔަސް، ދިރިއުޅުމުގެ ހާލަތާ ނުގުޅޭނަމަ އެ ޕްލޭނަކުން ދާއިމީ ފައިދާއެއް ނުކުރާ ކަމަށް ތަޖުރިބާކާރުން ބުނެފިއެވެ.

ކެއުމުގެ ރަނގަޅު އާދަތައް ހިފެހެއްޓުމަކީ ހީކުރާހާ ފަސޭހަ ކަމެއް ނޫނެވެ. ވަޒީފާގެ ގަޑިތަކާއި، ޢާއިލީ ޒިންމާތަކާއި، ދަތުރުފަތުރާއި، މާލީ ހާލަތާއި، ކެއުމުގެ ޒާތީ ތަފާތުތަކާ ހެދި، ކަރުދާހެއްގައި ފުރިހަމައަށް ފެންނަ ޕްލޭނެއް ޙަޤީޤީ ދިރިއުޅުމެއްގައި ދެމެހެއްޓުން ވެގެންދަނީ ގޮންޖެހުމެއް ކަމުގައި. އެވެ.

ހާއްސަކޮށް ރޭގަނޑު މަސައްކަތްކުރާ މީހަކަށް ވަކި ގަޑިތަކެއްގައި ކެއުން ބެލެހެއްޓުމަކީ ދަތިކަމެއް ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. ހަމައެހެންމެ، ޢާއިލާއަށް ވަކި ކެއުމެއް އަދި އަމިއްލައަށް ވަކި ކެއުމެއް ތައްޔާރުކުރުމަކީ ގިނަ ބަޔަކަށް ކުރަން ވަރަށް ބުރަ ކަމަކަށްވެ އެވެ.

މަޝްހޫރު ނިއުޓްރިޝަނިސްޓެއް ކަމަށްވާ އަންލިމިޓްރުގެ ކޯ ފައުންޑާ އަދި ސީއީއޯ ޑރ. ރުޗިކާ ގުޕްތާ ފާހަގަކުރެއްވި ގޮތުގައި ދެމެހެއްޓެނިވި ކެއުމުގެ ރޭވުން ބިނާ ވާންޖެހެނީ ހަރުކަށި ކެއުމުގެ ޤަވާއިދުތަކެއްގެ ބަދަލުގައި، ދިރިއުޅުމުގެ ޙަޤީޤީ ހާލަތްތަކަށް ފެތޭ ގޮތަށް ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ކަރުދާހުގައިވާ ފުރިހަމަ ޑައިޓްތަކުގެ މައްސަލައަކީ، އާންމުކޮށް ބޮޑަށް ސަމާލުކަން ދެވެނީ ބޭނުންވާ ނަތީޖާއަށް ކަމަށްވެފައި، އެ ނަތީޖާއަށް ވާސިލުވެވޭނެ ޢަމަލީ މަގެއް ކޮށައި ނުދެވޭތީ ކަމަށެވެ. އެއީ ކޮންމެ މީހެއްގެ ކެއުން ބައްޓަންކުރާންޖެހޭ ގޮތް ތަފާތުވާތީ ކަމަށް ވިދާޅުވި އެވެ.

ޢުމުރާއި، ހެލިފެލިވެ އުޅޭ މިންވަރާއި، ޞިއްޙީ ފަސްފަހަތާއި، ހަކުރުބަލި ނުވަތަ ތައިރޮއިޑް ފަދަ ބަލިތަކަށް ބެލުމެއް ނެތި ޢާންމު ނަސޭހަތެއް ދިނުމުން ކޮންމެ މީހަކަށް އެ ނަސޭހަތުން ފައިދާ ކޮށްފާނެ ކަމެއް ނޭނގެއެވެ.

2024 ވަނަ އަހަރު އޮބީސިޓީ ރިވިއުސްގައި ޝާއިޢުކުރި ދިރާސާއެއްގައި، 14 ޤައުމެއްގެ 19,670 ބައިވެރިން ހިމެނޭ 46 ތަޖުރިބާއެއް ބެލިއިރު، ޓެކްނޮލޮޖީ ބޭނުންކޮށްގެން ޒާތީ ކެއުމުގެ ލަފާ ދިނުމާ މެދު ޝައުޤުވެރިކަން އިތުރުވަމުންދާކަން ފާހަގަވި ނަމަވެސް، ހަމައެކަނި ޑިޖިޓަލް ޕްލެޓްފޯމެއް ބޭނުންކުރުމުން ރަނގަޅު ނަތީޖާ ކަށަވަރެއް ނުވާ ކަމަށް އެ ދިރާސާއިން ދައްކާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ދެމެހެއްޓެނިވި ކެއުމުގެ އާދައެއް ބައްޓަންކުރުމުގެ މުހިންމު ވިސްނުމަކީ، ހަތް ދުވަހު ފުރިހަމައަށް ޑައިޓެއް ފޮލޯ ކުރެވުނުތޯ ބެލުމެއް ނޫނެވެ. ބަލަންވީ މަސްތަކެއް ނުވަތަ އަހަރުތަކެއް ވަންދެން އެ ކެއުމުގެ ވައްޓަފާޅި ދެމެހެއްޓޭތޯ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް