ކ. މާފުށި -- ފޮޓޯ: ޓްރިޕް އެޑްވައިޒަރީ
ރާއްޖޭގައި ލޯކަލް ޓޫރިޒަމް އެންމެ ކުރިއަރާފައިވާ ކ. މާފުށީގައި ޣައިރު މުސްލިމުން ފާހަގަ ކުރާ ހަރަކާތެއް ކަމަށްވާ ހެލޮވީން ފާހަގަކޮށްފި އެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއިން ފެންނަނީ ތަފާތު ބިރުވެރި ވައްތަރު ޖަހާގޮތަށް ތައްޔާރުކޮށްފައިވާ އެއްޗިއްސާއި ތައްޔާރުވެގެން ތިބި މީހުން ބައިވެރިވެގެން ބޮޑު ޕާޓީއެއް އެ ރަށުގެ ޓުރިސްޓު ސަރަހައްދުގައި ކުރިޔަށް ގެންދާތަނެވެ. އެ ވީޑިއޯއިން އެތަނުގައި ކުރިޔަށް ގެންދިޔަ ޑީޖޭ މިއުޒިކާއި ކެއުންތައް ފެނެ އެވެ.
މި ވީޑީއޯއާއި ގުޅިގެން ސުވާލު ކުރުމުން މާފުށީ ކައުންސިލްގެ ރައީސް އަލީ ޝަމޫން ވިދާޅުވީ އެފަދަ ހަރަކާތެއް ކުރިޔަށް ގެންދަން ކައުންސިލުން ހުއްދަ ދީފައި ނުވާނެ ކަމަށާއި ހުއްދައަށް އެދިފައިވެސް ނުވާ ކަމަށެވެ. ކައުންސިލް ނައިބު ރައީސް ހުސައިން އާމިލް ވަނީ ދައުރުވަމުން ދަނީ މިއަހަރުގެ ވީޑީއޯއެއްތޯ ބެލުމަށް އެދިވަޑައިގެން މިއަހަރު އެފަދަ ހަރަކާތެއް ކުރިޔަށް ގެންދިޔަކަން ނޭނގޭ ކަމަށް ވިދާޅުވެފައި އެވެ.
އާމިލް ވިދާޅުވީ ކޮންމެ އަހަރެއްގެވެސް ކްރިމަސް އާއި ދިމާކޮށް އެ ހަރަކާތް ފާހަގަ ނުކުރުމަށް ދުރާލާ ކައުންސިލުން އަންގާ ކަމަށާއި މިއަހަރުވެސް އެކަން ކުރާނެ ކަމަށެވެ. އަދި ކްރިސްމަސް ފާހަގަ ކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވި އެވެ.
ހެލޮވީން ފާހަގަ ކުރި މައްސަލައިގަ "ދުވަސް" އަށް މައުލޫމާތު ދިން މާފުށީ މީހަކު ބުނީ އެ ހަރަކާތް ކުރިޔަށް ގެންދިޔައީ މިދިޔަ ހަފްތާ ބަންދުގައި ކަމަށެވެ. ކޮންމެ އަހަރަކުވެސް އެ ރަށުގައި އެ ހަރަކާތް އެކި ސިފަސިފައިގަ ބާއްވާ ކަމަށާއި އެކަން ހުއްޓުވަން ކައުންސިލުން މަސައްކަތް ނުކުރާ ކަމަށެވެ.
އެމީހާ ބުނީ މިއަހަރުގެ ހަރަކާތްވެސް ބޭއްވީ ކައުންސިލްގެ އިސްވެރިންނަށް އެނގިގެން ކަމަށެވެ. ނަމަވެސް ނުފޫޒުގަދަ ގެސްޓްހައުސް ވިޔަފާރިވެރިންނާއި ދެކޮޅަށް ކައުންސިލަށް މަސައްކަތް ކުރަން ނުކެރެނީ ކަމަށް އޭނާ ބުންޏެވެ.
މިއަހަރުގެ ހަރަކާތް ބާއްވާފައިވަނީ ހަފްތާއެއްހާ ދުވަސް ކުރިން އިޝްތިހާރުކޮށް ހެދުމަށް ފަހުކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
މިކަމާއި ގުޅިގެން ފުލުހުންނާއި އެލްޖީއޭއިން ބުނީ މައުލޫމާތު ހޯދުމަށް ފަހު ޖަވާބެއް ދޭނެ ކަމަށެވެ. އިސްލާމިކް މިނިސްޓްރީން ޖަވާބެއް ނުދެއެވެ.
ރާއްޖޭގެ ގާނޫނުތައް ބުނާގޮތުގައި މީހުން ދިރިއުޅޭ ރަށްރަށުގައި ލޯކަލް ޓޫރިޒަމް ހިންގިޔަސް ރާއްޖޭގެ ގާނޫނު ހުއްދަ ނުކުރާ އެއްވެސް ހިދުމަތެއް ދީ ޣައިރު ދީންތަކުގެ ދުވަސްތައް ފާހަގަ ކުރުމަކީ ގާނޫނާއި ހިލާފު ކަމަށެވެ. އެގޮތުން މީގެ ކުރިންވެސް މާފުށީގައި ކްރިސްމަސް ޓްރީ ބަހައްޓައިގެން ކްރިސް މަސް ފާހަގަ ކުރަން ކުރި މަސައްކަތް ހުއްޓުވާފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް