ނައިބު ރައީސް -- ފޮޓޯ: ރައީސް އޮފީސް
މަންވެލްތް ވަރުގަދަވީ ޤައުމުތަކުގެ އަމިއްލަ ބާރާއި ޤާބިލުކަމުގެ މައްޗަށް ބިނާވެ ކުރިއެރުމަށް މަގުފަހިކޮށްދޭ ޖަމާޢަތަކަށް ކޮމަންވެލްތް ވުމުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފު ވިދާޅުވެއްޖެ އެވެ،
އެމަނިކުފާނު މިހެން ވިދާޅުވީ އެންޓީގާ އެންޑް ބާބިޔުޑާގައި މިހާރު ކުރިއަށްދާ ކޮމަންވެލްތު ޤައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައި ކުރިއަށްދިޔަ އެގްޒެކެޓިވް ސެޝަން 2 ގައި ވާހަކަފުޅުދައްކަވަމުންނެވެ. އެ ބައްދަލުވުމުގައި އެމަނިކުފާނު ވަނީ ކޮމަންވެލްތުން ވިލުންތެރި ބައިވެރިވުންތަކަށް އިސްކަންދޭނެ ތިން ދާއިރާއެއް ފާހަގަ ކުރައްވާފައި އެވެ.
އޭގެ ތެރޭގައި އުމުތަކުގެ އަމިއްލަ ބާރާއި ޤާބިލުކަމުގެ މައްޗަށް ބިނާވެ ކުރިއެރުމަށް މަގުފަހިކޮށްދިނުމުގެ އިތުރުން މުއައްސަސާތަކުގެ ޤާބިލުކަން އިތުރުކޮށް އިސްނަގައިގެން މަސައްކަތްކުރުމަށް މީހުން ބާރުވެރިކުރުވުން ހިމެނޭ ކަމަށެވެ. ޤައުމީ ލަނޑުދަނޑިތަކަށް އިޙްތިރާމްކުރުމާއެކު އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ޤާބިލުކަން އަށަގެންނެވުމާއި، އަދި ކުރިމަތިވާ ގޮންޖެހުންތައް ޙައްލުކުރުމަށް އެންމެން ގުޅިގެން ޢަމަލީ މަސައްކަތްތަކަކަށް ބަދަލުކުރުމެވެ.
ވަގުތީ ބޭނުންތަކުގެ އިތުރުން ދެމެހެއްޓެނިވިގޮތެއްގައި ޤާބިލުކަން އިތުރުކުރުމާއި އެއްބާރުލުން ދިނުމުގައި ޤައުމީ މަޞްލަޙަތުތަކަށް އިޙްތިރާމްކުރެވި، ކޮންމެ މެންބަރު ޤައުމަކަށްވެސް އެޤައުމެއްގެ ތަރައްޤީގެ މިސްރާބު އަމިއްލައަށް ކަނޑައެޅުމުގެ އިޚުތިޔާރު އޮންނަންވާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މޫސުމީ ވިލުންތެރިކަމުން ފެށިގެން ޑިޖިޓަލް ޓްރާންސްފޮމޭޝަނާއި ހަމައަށް ހުރި ގޮންޖެހުންތަކަށް ޙައްލު ހޯދުމަށްޓަކައި ތަޖުރިބާ ޙިއްޞާކުރުމާއި، ޢަމަލީގޮތުން އެހީތެރިކަން ފޯރުކޮށްދިނުމާއި އަދި ގުޅިގެން ޙައްލުތައް ހޯދުމުގައި އެއްބާރުލުން އިތުރުކުރުމަށްވެސް އެމަނިކުފާނު ގޮވާލެއްވިއެވެ.
ނައިބު ރައީސް ވިދާޅުވީ 2040 ވަނަ އަހަރުގެ ނިޔަލަށް ދިވެހިރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަކީ އަމާޒެއް ކަމަށެވެ. އެ އަމާޒަށް ވާސިލްވުމަށް 2030 ވަނަ އަހަރުގެ ނިޔަލަށް ޑިޖިޓަލް އިގުތިސާދަކީ ޖީ.ޑީ.ޕީ ގެ 15 އިންސައްތައަށް ހެދުމަށާއި 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ހަކަތައިގެ 33 އިންސައްތައަކީ އިޢާދަކުރަނިވި ހަކަތައަށް ހެދުމަށް ސަރުކާރުން ކަނޑައަޅާފައިވާ ކަމަށް ވިދާޅުވި އެވެ.
މި ލަނޑުދަނޑިތަކަކީ އިތުރަށް ވިލުންތެރި ރާއްޖެއެއް ބިނާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރުގެ ބައެއްކަން ބަޔާންކުރައްވަމުން، ޤައުމީ ތަރައްޤީގެ އެންމެ ބޮޑު ބާރަކީ އަދި އޭގެ މަންފާ ޙައްޤުވާ ބަޔަކީ ރައްޔިތުން، އަދި ޚާއްޞަކޮށް ޒުވާނުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެއިތުރުން ޒުވާނުންނަށް ހުނަރާއި، ޢިލްމާއި، ފުރުޞަތުތައް ފަހިކޮށްދިނުމަކީ މި ތަޞައްވުރު ޙަޤީޤަތަކަށް ހެދުމަށް ކުރެވޭ ވުނަކުރުމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އަދި ބޭރުން އަންނަ ގޮންޖެހުންތައް، ޚާއްޞަކޮށް ދުނިޔޭގެ ސަޕްލައި ޗޭނަށް އަރާ ބުރޫތަކާއި އިޤްތިޞާދީ ނުރައްކާތަކުގެ ސަބަބުން، ދުރުރާސްތާގެ ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށާއި ވުނަކުރުމަށް ޤައުމުތަކަށް އޮތް ފުރުޞަތު ހަނިވަމުންދާކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި ވިލުންތެރިކަން އިތުރުކުރަނިވި ބައިވެރިވުންތަކުގެ ތެރެއިން، ޤައުމުތަކުގެ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގައި ކޮމަންވެލްތަށް މުހިންމު ދައުރެއް އަދާކުރެވޭނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް