ބްރެޒިލްގައި ކުޅުނު ފުޓުބޯޅަ މެޗެއްގަ 53 ރަތް ކާޑު ދައްކައި، ދުނިޔޭގެ ރެކޯޑު ހަދައިފި

05 Nov 2026 | 11:04
އެ މެޗުގެ ތެރެއިން ހިނގި ހަމަނުޖެހުންތަކެއް --

އެ މެޗުގެ ތެރެއިން ހިނގި ހަމަނުޖެހުންތަކެއް --

ބްރެޒީލުގެ މިނާސް ޖެރައިސް އަންޑާ 20 ޗެމްޕިއަންޝިޕުގެ ސެމީ ފައިނަލް ފުރަތަމަ ލެގުގައި އުބެރްލެންޑިއާ އާއި މަމޮރީ ކިޔާ ދެ ޓީމު ބައްދަލުކުރި މެޗުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ޖުމްލަ 53 ރަތް ކާޑު ދައްކައި ދުނިޔޭގެ ރެކޯޑެއް ޤާއިމުކޮށްފިއެވެ.

ދެ ވަނަ ހާފުގެ 54 ވަނަ މިނެޓުގައި މެޗުގެ ސްކޯ 3-1 އިން މަމޮރީ ކުރީގައި އޮއްވައި، އެ ޓީމުގެ ދާވީ ނަމަކަށް ކިޔާ ކުޅުންތެރިޔަކު އިދިކޮޅު ބެންޗާ ދިމާއަށް މަލާމާތް ކުރި ހިސާބުން ބޮޑު ތަޅާފޮޅުމެއް ފެށުނެވެ. ރިޕޯޓުތައް ބުނާގޮތުގައި އުބެރްލެންޑިއާގެ ގޯލްކީޕިން ކޯޗު ޕައުލޯ ސާޖިއޯ ދިއާސް ދޮސް ސެންތޮސް ދަނޑަށް އެރީ ދާވީއާ ކުރިމަތިލުމަށެވެ.

އޭގެ ކުރިން ވެސް ތިން ކުޅުންތެރިޔަކަށް ރަތް ކާޑު ދައްކާފައި ވާއިރު، މި ހާދިސާއާ ގުޅިގެން 43 ކުޅުންތެރިންނާއި ކޯޗިން ސްޓާފުގެ އަށް މެންބަރަކާއި އުބެރްލެންޑިއާގެ ބޯޑުގެ ދެ މެންބަރަކު ދަނޑުން ފޮނުވާލެވުނެވެ.

ގާތްގަނޑަކަށް 40 މިނެޓު މެޗު މެދުކެނޑިފައި އޮތުމަށް ފަހު ރެފްރީ ފެނާންޑޯ ޕެޓްރިކް ޑްރޮސްޣިކް މޮޑެސްޓޯ ނިންމީ މެޗު ދޫކޮށްލުމަށެވެ.

"ދެ ވަނަ ހާފުގެ 54 ވަނަ މިނެޓުގައި ވަރަށް ބޮޑު ތަޅާފޮޅުމެއް ފެށި، ރަތް ކާޑު ދެއްކުމާއި މެޗު ނިންމުމުގެ ޕްރޮޓޮކޯލް ފުރިހަމަ ކުރެވޭ ގޮތެއް ވެފައިނުވާ ކަމަށްވެ އެވެ. އެހެންވެ ހިނގައި ދިޔަ ހަމަނުޖެހުމާއި ސެކިއުރިޓީ ނެތުމުގެ ސަބަބުން މެޗު ނިމުނީ ކަމަށް ރެފްރީ އިއުލާނު ކުރީ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ބްރެޒީލުގެ ނޫސް އޯ ޓެމްޕޯ ރިޕޯޓުކޮށްފައިވާ ގޮތުގައި ޕާކީ ދޮ ސަބިއާ ސްޓޭޑިއަމަށް ލިބުނު ބޮޑެތި ގެއްލުންތަކާ ގުޅިގެން ފުލުހުން ވެސް ސްޓޭޑިއަމަށް ދާން ޖެހުނެވެ. ފުލުހުންގެ ރިޕޯޓުގައި ބުނެފައިވާ ގޮތުން 14 ދޮރު ހަލާކުކޮށް، ފެންވެރޭ ތަންތަނަށް ގެއްލުން ދީ، ކުޑަދޮރުތައް ތަޅައި، ބެންޗާއި މޭޒާއި ގޮނޑި ވެސް ހަލާކުކޮށްލާފައިވެއެވެ.

ރަތް ކާޑުތަކާ ގުޅިގެން މަމޮރީއަށް ދެ ވަނަ ލެގަށް ނެރެވޭ ވަރަށް ހަމައެކަނި ހަތް ކުޅުންތެރިން ތިބުމުން، އުބެރްލެންޑިއާ ވަނީ ދެ ވަނަ ލެގު ދޫކޮށްލައި "ފެއާ ޕްލޭގެ ރީތި ނަމޫނާ" އެއް ދައްކާފައެވެ. އުބެރްލެންޑިއާއިން ބުނީ "މި ކަމުގައި ޝާމިލުވި ފަރާތްތަކާ މެދު ކްލަބުގެ ތެރެއިން އެކަށީގެންވާ ފިޔަވަޅު އަޅާފައިވާ ކަމަށާއި "ކުޅިވަރުގެ ތެރެއިން ކުރިއެރުން ހޯދުމަކީ ހަމައެކަނި ކުޅުމުގެ ކުރިއެރުމެއް ނޫންކަމަށާއި އެއީ އިންސާނީ ކުރިއެރުމުގެ ވެސް ބައެއް" ކަމަށެވެ.

މީގެ ކުރިން މި ރެކޯޑު އޮތީ 2011 ވަނަ އަހަރު އާޖެންޓީނާގެ ފަސް ވަނަ ޑިވިޝަނުގައި ކްލަބް އެޓްލެޓިކޯ ކްލޭޕޯލް އާއި ވިކްޓޯރިއާނޯ އެރީނާސް ބައްދަލުކުރި މެޗުގައި ދެއްކި 36 ރަތް ކާޑާ އެކުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް