ފޮޓޯ: ހަސަން މޫސާ، މޯލްޑިވްސް އިންޑިޕެންޑެންޓް
ވިލިމާލޭގައި ހުރި ބިޔަ ނިގަ ގަސްތަކުގެ ތެރެއިން ނިކަ ގަހެއް ކެނޑުމާއި ދެކޮޅު ހެދުމަށް އެ ގަހަށް އަރާ އޮތް މީހަކު ފުލުހުން ބާލައިފި އެވެ.
އެ ގަހަކީ ވިލިމާލޭ ވޯޓާ ސްޕޯޓްސް ސަރަހައްދުގައި ހުރި ގަހެކެވެ. އެ ގަހަށް އަރާ އޮތީ ތިމާވެށި ހިމާޔަތްކުރުމަށް ގޮވާލާ މަސައްކަތް ކުރާ އެކްޓިވިސްޓެއް ކަމަށްވާ އަހުމަދު ނިޔާޒެވެ.
އިއްޔެ ހިނގި މި ހާދިސާގައި އޭނާ ގަހަށް އެރީ ހެނދުނު އެވެ. މޯލްޑިވްސް އިންޑިޕެންޑެންޓުން ނަގާފައިވާ ފޮޓޯތަކަކުން ފެންނަ ގޮތުގައި އޭނާ އޮތީ ބިޔަ ގަހުގެ އެއްބައި ކަނޑާފައި އޮތް ގޮތްޕެއްގެ މަތީ އޮށޯވެގެންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ގަހަށް އެރިތާ މާގިނަ އިރެއް ނުވެ އެ ސަރަހައްދަށް ފުލުހުން ގޮސްފައިވެ އެވެ.
އަދި ޓެލެހޭންޑްލާއެއް ބޭނުންކޮށްގެން ފުލުހަކު ވަނީ ގަހުގައި އޭނާ އޮތް ހިސާބަށް އަރައި ނިޔާޒުއާ ވާހަކަ ދައްކައިގެން ގަހުން ބާލުވާފައި އެވެ. ތިމާވެށީގެ ހައްގުގައި ކުރާ މަސައްކަތްތަކުގެ އިތުރުން ނިޔާޒަކީ މޯލްޑިވްސް ސްޕޭސް ރިސާޗް އޯގަނައިޒޭޝަންގެ އެއް ބާނީއެވެ.

ފުލުހުން މީޑިއާގައި ބުނީ މި ހާދިސާ އާއި ގުޅިގެން އޭނާ ހައްޔަރު ކުރުން ފަދަ ކަމެއް ނުކުރާ ކަމަށެވެ.
ނިކަގަހުގެ ގޮފިތައް ކަނޑަމުން އަންނަނީ އެކަމަށް އޮންނަ އުސޫލުގެ ތެރެއިން ކަމަށް ފުލުހުން ބުންޏެވެ. އަދި އާންމު ރައްޔިތުންނަށް އުނދަގޫވާ ހާލަތްތަކުގައި، ފުލުހުން ވެސް އެކަމެއްގައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެކަމާ ގުޅޭގޮތުން މީޑިއާއިން ސުވާލު ކުރުމުން ބުނެފައިވެ އެވެ.
ވިލިމާލޭގައި މީގެ ކުރިންވެސް ނިކަ ގަހެއް ކަނޑަން އުޅުމުން އާންމުން ރުޅިވެރިކަން ފާޅު ކުރުމުން ފުލުހުން އެހީތެރިވެފައިވެ އެވެ. މި ގަސް ކަނޑާ ސަބަބެއް ސިޓީ ކައުންސިލުން ހާމަކޮށްފައެއް ނުވެ އެވެ.
ތިމާވެށީގެ އެކްޓިވިސްޓުން ދަނީ ވިލިމާލޭގައި މި ސަރުކާރުން ފްލެޓު އަޅަން ނިންމާފައިވާ ސަރަހައްދުގައި ހުރި ފުނަ ގަސްތައް ކަނޑާތީ އެކަމާ ދެކޮޅަށްވެސް މުޒާހަރާކޮށް އިހުތިޖާޖުކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް