މާލޭ މަގުމަތި -- ފޮޓޯ: އައިޝަތު ނަޖް
ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ދައުލަތަށް ލިބުނު މާލޭގެ 48 ބިމެއް ވިއްކާލަން ހައުސިން މިނިސްޓްރީން އިއުލާނު ކޮށްފި އެވެ.
ހައުސިން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ވިއްކަން ހުޅުވާލާފައިވަނީ ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާ ބެހޭ އުސޫލުގެ ދަށުން ވިއްކުމަށް ކަނޑައަޅާފައިވާ ބިންތައް ކަމަށެވެ. އެ ބިންތައް ގަތުމުގެ ފުރުސަތު އެ ގޯތިތަކުގެ ބެހެނިވެރިންނާއި އެ ބިންތަކާ އިންވެގެންވާ ގޯތިތަކުގެ ވެރިފަރާތްތަކުގެ ތެރެއިން އެ ބިންތައް ގަންނަން ޝައުގުވެރިވާ ފަރާތްތަކަށް ހުޅުވާލާފައިވާ ކަމަށެވެ.
ވިއްކާލަން ހަމަޖެހިފައިވަނީ މާފަންނުން 21 ބިން، މައްޗަން ގޯލިން 10 ބިން ގަލޮޅުން ހަތް ބިން ހެންވޭރުން ނުވަ ބިން އަދި ވިލިމާލެއިން އެއް ބިމެވެ.
މީގެ 16 އަހަރުކުރިން، 2011 ގައި ހިންގި "ވެށިފަހި މާލެ ޕްރޮގްރާމު" ގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާ ބެހޭ އުސޫލު ވަނީ ޖޫން 28، 2021 ގައި އާންމުކޮށްފަ އެވެ. އެ އުސޫލުގެ ދަށުން 48 ބިމެއް ގަންނަން ޝައުގުވެރިވާ އެބިންތައް ހިމެނޭ ގޯތިތަކުގެ ބެހެނެވެރިންނަށާއި އެ ބިންތަކާ އިންވެގެންވާ ގޯތިތަކުގެ ވެރިފަރާތްތަކަށް އެ ފުރުސަތު އަންނަ އާދިއްތަ ދުވަހުން ފެށިގެން ހުޅުވާލުމަށް ނިންމާފައިވާ ކަމަށް މިނިސްޓްރީން ބުންޏެެވެ.
ބިން ވިއްކަނީ އަކަފޫޓަކަށް 2000ރ. ގެ ރޭޓުންނެވެ. އެ ގޯތިތަކުގެ ބޮޑުމިން އުޅެނީ 28 އަކަފުޓާއި 180 އަކަފޫޓާ ދެމެދުގަ އެވެ.
މިނިސްޓްރީން ބުނީ ބިން ގަންނަން ޝައުގުވެރިވާ ފަރާތްތަކުން ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާބެހޭ އުސޫލުގައިވާ ފޯމު ފުރިހަމަކޮށް، ފޯމާއެކު ހުށަހަޅަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ ލިޔެކިޔުންތައް އަންނަ މަހުގެ އަށް ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން މިނިސްޓްރީއަށް ހުށަހަޅަން ޖެހޭ ކަމަށެވެ.
އެ ޕްރޮގްރާމުގެ ދަށުން ބިންތައް ވިއްކުމާ ބެހޭ އުސޫލުގައިވާ ފޯމާއި ވިއްކާ ބިމުގެ ޗާޓު އަންނަ އާދިއްތަ ދުވަހުން ފެށިގެން މިނިސްޓްރީގެ ވެބްސައިޓާއި ރިސެޕްޝަނުން ލިބެން ހުންނާނެ އެވެ.
ވެށިފަހި މާލެ ޕްރޮޖެކްޓްގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތަކެއް މީގެ ކުރިން ވެސް ވަނީ ހައުސިން މިނިސްޓްރީން ވިއްކައިފަ އެވެ. ވެށިފަހި މާލެ ޕްރޮޖެކްޓްގެ ދަށުން ފްލެޓް ދޫކުރަނީ ވަކި މިންވަރަކަށް ވުރެ ކުދި ބިންތައް ހުންނަ ފަރާތްތަކަށެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފެށި ވެށިމާލެ ޕްރޮގްރާމުން ހުޅުމާލެއިން ބިމާއި ފްލެޓު ދޫކުރީ މާލެއިން ލިބިފައިވާ ބިންތައް ދައުލަތަށް ދޫކޮށްލާ ގޮތަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް