ފޮޓޯ: ޕޮލިސް
ދައުލަތުގެ އިމާރާތްތަކާއި ވެހިކަލްތަކުގައި ހުޅުޖަހައި، އިހްތިޖާޖުކޮށް، ފިހާރައެއް ލޫޓުވަން ގޮވާލި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ހއ. ބާރަށު ކުއްޅަވައްގެ، އަލީ ޖުމާން، 'ޑެތު'ގެ ބަންދުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފިއެވެ.
މީސްމީޑިއާގައި ޑެތު ކުރި ޕޯސްޓްގައި ވަނީ، އީގަލްސް ހިލްސްއަށް ރަސްމާލެ ދިނުމާ ދެކޮޅު ހެދުމުގެ ގޮތުން އިހްތިޖާޖު ކުރުމާއި އިމާރާތްތަކާއި ވެހިކަލްތަކުގައި ހުޅުޖަހަން ގޮވާލާފަ އެވެ. އަދި ރާއްޖޭގެ އެންމެ މަޝްހޫރު އެއް ފިހާރައިގެ ނަން ފާހަަގަކޮށް ފިހާރަތައް ލޫޓްވަން ހިތްވަރު ދީފައިވެ އެވެ.
މި މައްސަލައިގަ ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރު ކުރީ މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ހަވީރު އެވެ. އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ހާޒިރު ކުރުމުން ކޯޓުން ފުރަތަމަ ޖަހައިދިނީ 12 ދުވަހުގެ މުއްދަތެވެ.
އެ މުއްދަތު އިއްޔެއަށް ހަމަވާތީ ކޯޓަށް ހާޒިރު ކުރުމުން އިތުރު 15 ދުވަހަށް ހައްޔަރު ކުރުމުގެ އަމުރު ނެރެފައިވެ އެވެ. އޭނާ ބަންދުގައި ބެހެއްޓުމުގެ އަމުރުމުގައި ބުނެފައިވަނީ އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށެވެ.
އެ މައްސަލައިގައި އޭނާއާ ދެކޮޅަށް ހުށަހަޅައިފައިވާ ހެކީގެ ތެރޭގައި ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓަކާއި ފުލުހުންގެ ބަޔާން ހިމެނޭ ކަމަށް ކޯޓު އަމުރުގައިވެއެވެ. އަދި އޭނާ ހައްޔަރުކޮށްފައިވަނީ އެކްސްގައި އޭނާ ބޭނުންކުރާ ކަމަށް ތުހުމަތު ކުރެވޭ އެކައުންޓުން ކޮށްފައިވާ ޕޯސްޓަކާ ގުޅިގެން ކަމަށް ފާހަގަކޮށް، އެ ޕޯސްޓާ ގުޅޭ ރިޕޯޓެއް ވެސް ހުށަހަޅައިފައިވާ ކަމަށް އަމުރުގައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް