މަހުދީގެ އާއިލާ އާއި އެވޯޑޫ ހަވާލު ކުރަނީ -- ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ
ޑައިވަރުން ހޯދަނިކޮށް މަރުވި އެމްއެންޑީއެފްގެ ސާޖަންޓް ފަސްޓް ކްލާސް މުހައްމަދު މަހުދީއަށް އިޓަލީ ސަރުކާރުން ހިތްވަރުގަދަކަމަށް ދޭ އެންމެ މަތީ ޝަރަފު އަރުވައިފި އެވެ.
މި ޝަރަފު އެރުވީ އިޓަލީ އާއި ރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ގާއިމް ކުރިތާ 60 އަހަރު ފުރުމާއި އެ ގައުމުގެ 80ވަނަ ގައުމީ ދުވަސް ފާހަގަކުރުމަށް ހޮޓެލް ބާސެލޯ ނަސަންދުރާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައެވެ. މި އެވޯޑު އާއިލާ އާއި ހަވާލުކޮށްދެއްވީ އިޓަލީވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑެމިއާނޯ ފްރެޑްރިޗް އެވެ.
މަހުދީގެ ހަނދާނަށް އިޓަލީން އެރުވި އެވޯޑަކީ "ގޯލްޑް މެޑަލް ފޯ ސިވިލް ވެލާ" އެވެ.
މަހުދީ މަރުވީ މިދިޔަ މޭ މަހުގެ 14 ވަނަ ދުވަހު ވ. އަތޮޅު ކަނޑުގެ ކަނޑުއަޑީގެ ހޮހަޅައަކަށް ފީނަން ގޮސް ގެއްލުނު އިޓަލީގެ ފަސް ފަތުރުވެރިން ހޯދުމުގެ އޮޕަރޭޝަނުގައި ހަރަކާތްތެރިވަމުން ދަނިކޮށް، މޭ 16 ވަނަ ދުވަހުއެވެ.
ތަޖުރިބާކާރު ޑައިވަރެއް ކަމަށްވާ މަހުދީ މަރުވީ، ޑީކޮމްޕްރެޝަން ސިކްނެސްއާ ގުޅުންހުރި ސިއްހީ މައްސަލަތަކެއް ދިމާވެގެންނެވެ.
ޖުމުލަ ހަ މީހުންގެ ފުރާނަ ގެއްލުނު މި ހާދިސާގައި މަރުވި އިޓަލީގެ ފަސް ޑައިވަރުންގެ ހަށިގަނޑު ފަހުން ވަނީ ކަނޑުއަޑީގެ ހޮހަޅައިގެ ތެރެއިން ނަގާފައެވެ. އަދި އިޓަލީއަށް ގެންގޮސް ހަށީގަނޑުތައް ޕޯސްޓްމޯޓަމް ހަދާފައިވާއިރު މަރުވީ އޮކްސިޖަން ނުލިބުމުގެ ސަބަބުން ކަމަށް ރިޕޯޓުތަކުން ދައްކާފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް