65 އަހަރުން މަތީގެ މީޙުންނަށް ޕެންޝަން ފަންޑުން ޙައްޖު ޖާގަ ރިޒާވްކުރެވޭ ގޮތް ހަދައިފި

05 Nov 2026 | 05:25
ފޮޓޯ: ޕެންޝަން އޮފީސް

ފޮޓޯ: ޕެންޝަން އޮފީސް

މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމް (އެމް.އާރް.ޕީ.އެސް) ގެ މެންބަރުންގެ ތެރެއިން ޢުމުރުން 65 އަހަރު ފުރިފައިވާ ފަރާތްތަކަށް ވެސް ޕެންޝަން ފައިސާ ބޭނުންކޮށްގެން ފަރުޟު ޙައްޖަށް ޖާގަ ރިޒާވްކުރެވޭ ގޮތަށް ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނަށް ގެނެވުނު ހަ ވަނަ އިޞްލާޙުގެ ދަށުން އެކުލަވައިލި ޤަވާއިދު ގެޒެޓުކޮށް، ޢަމަލުކުރަން ފަށައިފިއެވެ.

މި އިޞްލާޙު ގެނައުމުގެ ކުރިން، ޢުމުރުން 65 އަހަރުން މަތީގެ ފަރާތްތަކަށާއި، ޙައްޖު ޖާގަ ކަށަވަރުވާއިރު 65 އަހަރު ފުރިފައިވާ ފަރާތްތަކަށް ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގެ ފައިސާ ބޭނުންކޮށްގެން ޙައްޖަށް ދިއުމުގެ ފުރުޞަތެއް ނެތެވެ. ނަމަވެސް އާ އިޞްލާޙާ އެކު، ޝަރުތު ހަމަވާ ކޮންމެ ޢުމުރެއްގެ މެންބަރަކަށް ވެސް ޕެންޝަން ފައިސާއިން ފަރުޟު ޙައްޖު އަދާކުރެވޭނެ މަގު ވަނީ ހުޅުވައިލެވިފައެވެ.

މި ސްކީމުގެ ދަށުން ޙައްޖަށް ޖާގަ ރިޒާވްކުރެވޭނީ ކުރިން ފަރުޟު ޙައްޖު އަދާކޮށްފައި ނުވާ، ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓް (އާރް.އެސް.އޭ) ގައި މަދުވެގެން 336,000 ރުފިޔާ ހުންނަ މެންބަރުންނަށެވެ. ބޯހިޔާވަހިކަމަށް ޕެންޝަން ފައިސާ ރަހުނުކޮށްފައިވާ ނަމަ، އެ ޢަދަދު އުނިކުރުމަށް ފަހު ވެސް އެކައުންޓުގައި 336,000 ރުފިޔާ ހުންނަން ޖެހޭނެއެވެ.

ޙައްޖަށް ދާން އެދޭ މެންބަރުން ދަތުރުގެ އަގުގެ 20 އިންސައްތަ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނަށް ދެއްކުމުން ކަނޑައެޅިފައިވާ ތަރުތީބުން ޖާގަ ރިޒާވްކޮށްދެވޭނެއެވެ. ބާކީ 80 އިންސައްތައަށްވާ ފައިސާ ވަގުތުން ޕެންޝަން އެކައުންޓުން ނުކެނޑޭނެއެވެ. ޙައްޖު ކޯޕަރޭޝަނާ ޙަވާލުކުރެވެންދެން އެ ފައިސާ ދާނީ އިންވެސްޓްކުރެވެމުންނެވެ.

ޙައްޖަށް ރިޒާވްކުރާ ފައިސާ ޕެންޝަން ހިސާބުކުރާއިރު ނުހިމެނޭނެތީ، މަހުން މަހަށް ލިބޭ ޕެންޝަންގެ ޢަދަދަށް ބަދަލު އައުން އެކަށީގެންވެއެވެ. އެހެންނަމަވެސް ޙައްޖު ރިޒަވޭޝަން ކެންސަލްވެ ނުވަތަ ފައިސާ އަނބުރާ އެކައުންޓަށް ޖަމާވެއްޖެ ނަމަ، އެ ފައިސާ ހިމަނައިގެން ޕެންޝަން އަލުން ހިސާބުކުރެވޭނެ ކަމަށް ޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް