13 އަހަރުގެ މެދުކެނޑުމަކަށްފަހު ދިވެހި ފުލުހުން ލަންކާގެ ސްވޮޓް ތަމްރީނުތަކުގައި ބައިވެރިވާން ފަށައިފި

05 Nov 2026 | 03:59
ރާއްޖޭގައި ހުންނަވާ ލަންކާގެ ހައިކޮމިޝަނަރު -

ރާއްޖޭގައި ހުންނަވާ ލަންކާގެ ހައިކޮމިޝަނަރު -

ސްރީލަންކާ ޕޮލިސްގެ ސްޕެޝަލް ޓާސްކް ފޯސް (އެސްޓީއެފް) އިން ހިންގާ އަށް ހަފުތާގެ ސްޕެޝަލް ވެޕަންސް އެންޑް ޓެކްޓިކްސް (ސްވޮޓް) ތަމްރީނު ޕްރޮގްރާމެއްގައި، ދިވެހި ފުލުހުންގެ ޚިދުމަތުގެ 36 އޮފިސަރަކު ބައިވެރިވާން ފަށައިފިއެވެ.

މި ޕްރޮމްރާމްގައި ދިވެހި ފުލުހުން ބައިވެރިވާން މި ފެށީ 13 އަހަރުގެ މެދުކެނޑުމަކަށްފަހުގައި ކަމުގައި ލަންކާގެ މިޝަނުން ބުނެފައިވެއެވެ.

ނޮވެމްބަރު ދޭއް ގައި ފެށި މި ތަމްރީނު ކުރިއަށްދާނީ ޑިސެމްބަރު 31 ގެ ނިޔަލަށެވެ.

ރާއްޖޭގައި ހުންނަ ސްރީލަންކާގެ މިޝަނުން ބުނީ، މި ތަމްރީނު ޕްރޮގްރާމަކީ އޮފިސަރުންގެ ޓެކްޓިކަލް ގާބިލުކަމާއި، އޮޕަރޭޝަނަލް ހުނަރާއި، ގާނޫނު ތަންފީޒުކުރުމުގެ ޢިލްމު އިތުރުކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ޕްރޮގްރާމެއް ކަމަށެވެ. އެސްޓީއެފްގެ ތަޖުރިބާގެ މައްޗަށް ބިނާކޮށް ހިންގާ މި ޕްރޮގްރާމުން، ބައިވެރިވާ އޮފިސަރުންގެ އޮޕަރޭޝަނަލް ތައްޔާރީ ހާލަތު ވަރުގަދަކުރެވޭނެ ކަމަށް ވެސް އެ މިޝަނުން ބުންޏެވެ.

އެ އޮފިސަރުން ފުރުމުގެ ކުރިން، އޮކްޓޯބަރު 29 ވަނަ ދުވަހު އިސްކަންދަރު ބިލްޑިންގގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ސްރީލަންކާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ރިޒްވީ ޙަސަން އާއި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ ބައިވެރިވެވަޑައިގެންނެވިއެވެ.

ސްރީލަންކާ މިޝަނުން ބުނީ މި ތަމްރީނަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ރަޙްމަތްތެރިކަމާއި، ޚާއްޞަކޮށް ސެކިއުރިޓީ ސެކްޓާގެ ގާބިލުކަން އިތުރުކުރުމުގެ ދާއިރާ އިން ދެމުންގެންދާ ގާތް އެއްބާރުލުން ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ. އަދި ދިވެހި ފުލުހުންގެ ޚިދުމަތުގެ ޕްރޮފެޝަނަލް ތަރައްޤީއަށް ސްރީލަންކާ އިން ވެދެމުންގެންދާ އެއްބާރުލުމުގެ ދެމެހެއްޓެނިވި ކަން ވެސް މި ތަމްރީނުން ހާމަވާ ކަމަށް އެ މިޝަނުން ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް