ބަންގްލަދޭޝް ހައި ކޮމިޝަނަރާއި ރާއްޖޭގެ ހޯމްލޭންޑް މިނިސްޓަރު ބައްދަލުކުރައްވައި، ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކުރުމާ މެދު މަޝްވަރާކޮށްފި

05 Nov 2026 | 03:37
ވަޒީރު އިހްސާން ބަންގްލަދޭޝް އެމްބެސެޑަރާއެކު -

ވަޒީރު އިހްސާން ބަންގްލަދޭޝް އެމްބެސެޑަރާއެކު -

ރާއްޖެއަށް ބަންގްލަދޭޝް އިން ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރު، ޑރ. މުޙައްމަދު ނަޒްމުލް އިސްލާމް، ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު ޢަލީ އިހުސާނާ ބައްދަލުކުރައްވައި، ރާއްޖޭގައި ދިރިއުޅޭ ބަންގްލަދޭޝް ރައްޔިތުންގެ ރައްކާތެރިކަމާއި ހައްގުތައް ހިމާޔަތްކުރުމާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި، ބަޔޯމެޓްރިކް ރެޖިސްޓްރޭޝަނާއި، ލިޔެކިޔުންތައް ހަމަނުވާ މަސައްކަތްތެރިން ރެގިއުލަރައިޒް ކުރުމާއި، ވަޒީފާގެ ހާލަތާއި، ޞިއްޙީ ޚިދުމަތް ލިބިގަތުމާއި، ފައިސާ ފޮނުވުމުގެ ފެސިލިޓީތަކާއި، އަންހެން މަސައްކަތްތެރިންގެ ރައްކާތެރިކަމާ ގުޅޭ ކަންކަމާ މެދު ދެ ފަރާތުން ފުޅާ ދާއިރާއެއްގައި ޚިޔާލު ބަދަލުކުރެއްވިއެވެ.

ބައްދަލުކުރެއްވުމުގައި މިނިސްޓަރު ޢަލީ އިހުސާން ވިދާޅުވީ، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިންގެ ގާތްގަނޑަކަށް 98 އިންސައްތަ މީހުން ބަޔޯމެޓްރިކް ރެޖިސްޓްރޭޝަން ފުރިހަމަކޮށްފައިވާ ކަމަށެވެ. ހައި ކޮމިޝަނަރު ވަނީ މި ކާމިޔާބީ ފާހަގަކުރައްވައި، ބަޔޯމެޓްރިކް ރެޖިސްޓްރޭޝަނުގެ ސަބަބުން ބަންގްލަދޭޝް މަސައްކަތްތެރިންގެ ލީގަލް ސްޓެޓަސް ކަށަވަރުކުރުމާއި ސަރުކާރުގެ ޚިދުމަތްތައް ލިބުން ފަސޭހަވެގެންދާނެ ކަން ފާހަގަކުރައްވައިފައެވެ.

ރެގިއުލަރައިޒް ވާން ބޭނުންވާ ލިޔެކިޔުން ނެތް މަސައްކަތްތެރިންނާ ގުޅޭ ގޮތުން މިނިސްޓަރު ވިދާޅުވީ، ރެގިއުލަރައިޒޭޝަންގެ ރަސްމީ މުއްދަތު ހަމަވެފައިވީ ނަމަވެސް، ކުންފުންޏެއްގައި ވަޒީފާ އަދާކުރާ ނަމަވެސް އިމިގްރޭޝަން ނުވަތަ ވަޒީފާގެ ރެކޯޑް ފުރިހަމަ ނުވެ ހުރި ފަރާތްތަކަށް އަދިވެސް ފުރުސަތު ލިބޭނެ ކަމަށެވެ. އެފަދަ ހާލަތްތަކުގައި، ވަޒީފާ ދޭ ފަރާތުން އިމިގްރޭޝަނާއި ލޭބާ ރިލޭޝަންސް އޮތޯރިޓީ ނުވަތަ ސިޓީ ކައުންސިލާ ގުޅައިގެން އެ މައްސަލަ ހައްލުކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

ބަންގްލަދޭޝް މަސައްކަތްތެރިންގެ މާލީ ހާލަތާ ގުޅޭ ގޮތުން، ހައި ކޮމިޝަނަރު ވިދާޅުވީ ގިނަ ބަންގްލަދޭޝް މަސައްކަތްތެރިންގެ އެންމެ ބޮޑު ބޭނުމަކީ ޢާއިލާތަކަށް ފައިސާ ފޮނުވުން ކަމަށެވެ. އެހެންކަމުން، ރަސްމީ މާލީ ޗެނަލްތައް މެދުވެރިކޮށް ފައިސާ ފޮނުވުން ފަސޭހަކޮށް، އަގުހެޔޮ ކުރުމަށާއި، ބިދޭސީ މަސައްކަތްތެރިންނަށް ބޭންކް އެކައުންޓް ހުޅުވުމުގެ ފުރުޞަތު ފުޅާކުރެއްވުމަށް މިނިސްޓަރުގެ އެއްބާރުލެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި ވަޒީފާގެ ކޮންޓްރެކްޓުގައި ބަޔާންކޮށްފައިވާ ބޭރު ފައިސާގެ ރޭޓާ އެއްގޮތަށް މުސާރަ ދެވޭނެ ގޮތް ހެދުމަށް ވެސް އެދިވަޑައިގެންނެވިއެވެ.

މީގެ އިތުރުން، ބަންގްލަދޭޝް ހައި ކޮމިޝަނާއި ހޯމްލޭންޑް ވުޒާރާއާ ދެމެދު ކޯޑިނޭޝަން މެކޭނިޒަމެއް ގާއިމުކުރެއްވުމަށް ދެ ފަރާތުން އެއްބަސްވެވަޑައިގެންނެވިއެވެ. މިނިސްޓަރު ވިދާޅުވީ، ލިޔެކިޔުން ހަމަނުވާ ބިދޭސީންގެ މަޢުލޫމާތު ރަށު ފެންވަރުގައި ހިއްސާކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ދެ ފަރާތް ގުޅިގެން ބަންގްލަދޭޝް މަސައްކަތްތެރިންނަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގެވުމާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރެއްވިއެވެ.

ބައްދަލުވުން ނިންމެވީ ހޫނު އަދި އެކުވެރި މާހައުލެއްގައެވެ. ދެ ފަރާތުން ވެސް ވަނީ ގަވައިދުން މުޢާމަލާތް ކުރައްވައި، ރާއްޖޭގައި ދިރިއުޅޭ ބަންގްލަދޭޝް ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރެއްވުމަށް ގުޅިގެން މަސައްކަތް ކުރެއްވުމުގެ ޢަޒުމް ތަކުރާރު ކުރައްވައިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް