ޑރ. އަފްރާޝީމް އަލީ އާއި ޔާމީން ރަޝީދުގެ މަރުގެ މައްސަލައާއި ގެއްލިފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލަ އަލުން ބަލަން ފުލުހުން ނިންމައިފިއެވެ.
މި ނިންމުން ނިންމާފައިވާކަން ފުލުހުން ހާމަކޮށްފައިވަނީ މިއަދު ކޮށްފައިވާ ޓްވީޓެއްގައެވެ.
އެ ޓްވީޓްގައި ފުލުހުން ބުނެފައިވަނީ ޑރ. އަފްރާޝީމް އަލީ އާއި ޔާމީން ރަޝީދުގެ މަރުގެ މައްސަލައާއި އަހްމަދު ރިލްވާން ގެއްލުނު މައްސަލަ ރިވިއުކޮށް، ފުލުހުންނަށް އިތުރަށް ކުރެވެންހުރި ކަންކަން ކުރަމުންދާ ވާހަކަ ދަންނަވާކަމަށެވެ.
މި މައްސަލަތައް އަލުން ރިވިއުކުރަން ނިންމާފައިވާއިރު ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައިގާ ހ. ލޮބީ ހުސެއިން ހުމާމް އަހުމަދުގެ މައްޗަށް ކުށް ސާބިތުވެ އޭނާ މަރަން ވަނީ ހުކުމް ކޮށްފައެވެ. އަދި ދަށު ކޯޓުގެ އެ ހުކުމަށް ސުޕްރީމް ކޯޓުންވެސް ވަނީ ތާއީދުކޮށްފައެވެ.
ނޫސްވެރިޔާ ރިލްވާނަށް ވީގޮތް މިއަދާއި ހަމައަށްވެސް ހޯދިފައިނުވާއިރު އޭނާ ގަދަކަމުން ފޮރުވި ކަމަށްބުނެ ދެ މީހެއްގެ މައްޗަށް ދައުލަތުން ދައުވާ ކުރިއެވެ. ނަމަވެސް ހުކުމް ކޮށްފައިވަނީ ކުށް ސާބިތު ނުވާކަމަށެވެ.
އަނިޔާވެރި ގޮތަކަށް މަރާލި ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގާ ހަތް މީހެއްގެ މައްޗަށް ދައުވާކޮށްފައިވާއިރު ޝަރީއަތް ދަނީ ކުރިއަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް