ކުއްލި ނުރައްކަލުގެ ޙާލަތު އޮތަސް ޢާއްމު މައްސަލަތަކުގައި ޢަމަލުކުރާ އުޞޫލަށް ބަދަލު ގެނެސް ދަތުރުފަތުރު ކުރުން ނުހުއްޓުވާނެ: ޕޮލިސް

ކުއްލި ނުރައްކަލުގެ ޙާލަތު ސަރުކާރުން އިޢުލާނު ކުރައްވާފައިވިޔަސް ފުލުހުން ބަލަމުންދާ ޢާއްމު މައްސަލަތަކުގައި ޢަމުލުކުރަމުންދާ އުޞޫލުތަކަށް ބަދަލު ގެނެސްފައި ނުވާނެ ކަމަށާއި ދަތުރުފަތުރު ކުރުން ހުއްޓު...

05 Nov 2015 | 15:29

ކުއްލި ނުރައްކަލުގެ ޙާލަތު ސަރުކާރުން އިޢުލާނު ކުރައްވާފައިވިޔަސް ފުލުހުން ބަލަމުންދާ ޢާއްމު މައްސަލަތަކުގައި ޢަމުލުކުރަމުންދާ އުޞޫލުތަކަށް ބަދަލު ގެނެސްފައި ނުވާނެ ކަމަށާއި ދަތުރުފަތުރު ކުރުން ހުއްޓުވާފައި ނުވާނެކަމަށް ޑިވިޜަނަލް އޮޕަރޭޝަންސް ކޮމާންޑުގެ ނޯތުވިންގުގެ ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ރިޔާޒް ވިދާޅުވެއްޖެއެވެ.

މުހައްމަދު ރިޔާޒް މިހެން ވިދާޅުވީ މޯލްޑިވްސް ޕޮލިސް ސާވިސް ހިންގެވުމާ ޙވާލުވެ ހުންނެވި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަރީފް ފުލުހުންގެ ކޮމިޝަންޑް އޮފިސަރުންނާ ބައްދަލު ކުރެއްވުމަށް އިސްކަންދަރު ކޮށީގައި 2015 ނޮވެމްބަރު 4 ވަނަ ދުވަހު ހަވީރު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މުޙައްމަދު ރިޔާޒް ވިދާޅުވީ ކުއްލި ނުރައްކަލުގެ ޙާލަތުގައި ތަންތަން ބަލައި ފާސްކޮށް ތުހުމަތު ކުރެވޭ މީހުން ބަލައި ފާސްކުރުމުގައި ޚާއްޞަ އުޞޫލުގެ ދަށުން ޢަމަލުކުރާނީ ފުލުހުން ތަޙުޤީޤު ކުރަމުންދާ މައްސަލަތަކުގެ ތެރެއިން ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮވި ޙާދިސާގެ ތަޙުޤީޤު އެތަޙުޤީޤާ ގުޅިގެން ފުލުހުން ތަޙުޤީޤު ކުރަމުންދާ ބޮޑެތި މައްސަލަތަކުގައި ކަމަށެވެ. އެނޫން ޢާއްމު މައްސަލަތަކުގައި ތަންތަން ބަލައި ފާސްކޮށް މީހުން ހައްޔަރުކުރަންޖެހޭ ޙާލަތްތަކުގައި ޤާނޫނުގައި ބަޔާންކޮށްފައިވާ އުޞޫލުތަކާ އެއްގޮތަށް މަސައްކަތްތައް ކުރިޔަށް ގެންދާނެ ކަމަށާއި މިގޮތުން ގޯތި ގެދޮރާ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރަންޖެހޭ ތަންތަން ބަލައި ފާސްކުރާނީ ކޯޓު އަމުރު ހޯދައިގެން ކަމަށާއި ޢާއްމު މައްސަލަ ތަކާ ގުޅިގެން ކުށުގެ ވެށިން ނޫންގޮތަކަށް މީހަކު ހައްޔަރުކުރަން ޖެހޭނަމަ ކޯޓު އަމުރު ހޯދާނެކަމަށްވެސް ރިޔާޒު ވިދާޅުވިއެވެ.

"ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނު ކުރުމާ ގުޅިގެން ޢާއްމު ދަތުރުފަތުރު ހުއްޓިގެން ނުދާނެ، އެއްތަނުން އަނެއްތަނަށް ކުރާ ދަތުރުތަކަށާ ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކަށްވެސް އެއްވެސް ބަދަލެއް ގެނެވިފައި ނުވާނެ، އަދި ޤާނޫނުއަސާސީން ހިފެހެއްޓި ކަންކަމުގެ ތެރޭގައި ޢާއްމު ދަތުރުފަތުރު ކުރުމާ ޢާއްމު ދިރިއުޅުމަށް ކުރެވޭ ކަންކަން ހުއްޓި އެފަދަ ދަތިކަމެއް ރައްޔިތުންނަށް ކުރިމަތިވެގެން ނުދާނެ ގޮތަށް ފުލުހުންގެ މަސައްކަތްތައް ކުރިޔަށް ގެންދިއުމަކީ އެންމެ މުހިއްމުކަމެއްކަމުގައި ބަލަން ޖެހޭ" ރިޔާޒް ވިދާޅުވި އެވެ.

މިބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޗީފް އެސްޕީ މުޙައްމަދު ރިޔާޒް ވިދާޅުވީ ފުލުހުން ބަލަމުންދާ މައްސަލަތަކުގެތެރެއިން ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮވި ހާދިސާގެ ތަޙުޤީޤާ އެއާގުޅިގެން ފުލުހުން ބަލަމުންދާ ބޮޑެތި މައްސަލަތަކުގެ ތަޙުޤީޤުގެ މަސައްކަތްތަކުގައި ޢަމަލުކުރަމުންދާނީ ކުއްލި ނުރައްކަލުގެ ޙާލަތުގައި ޢަމަލުކުރުމަށް ގެނެވުނު ބަދަލުތަކާ އެއްގޮތަށް ކަމަށެވެ. އެހެންކަމުން މިކަންކަން ވީހާވެސް ބޮޑަށް ރައްޔިތުންނަށް އޮޅުންފިލުވައި ދެއްވައި ފުލުހުންގެ މަސައްކަތްތައް އެގޮތަށް ގެންދާކަން ކަށަވަރު ކުރުމުގައި ހުރިހާ އޮފިސަރުންގެ ދައުރު އިތުރު ކުރެއްވުމަށް މުޙައްމަދު ރިޔާޒް އެދިވަޑައިގަތެވެ.

ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނު ކުރުމާ ގުޅިގެން ޤާނޫނީ ގޮތުން ފުލުހުންގެ މަސައްކަތްތަކަށް ގެންނަންޖެހޭ އަދި ގެނެވިފައިވާ ބަދަލުތައް މިބައްދަލުވުމުގައި ޗީފް ސުޕްރިންޓެންޑެންޓް މުޙައްމަދު ރިޔާޒް ވަނީ ހުރިހާ އޮފިސަރުންނަށް އޮޅުންފިލުވައި ދެއްވި ކަމަށް ފުލުހުން ހާމަކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް