ގައުމުގައި އިއްޔެއިން ފެށިގެން 30 ދުވަހަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާއިރު ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު، މުލިއާގޭ ވަށައިގެންވާ ސަރަހައްދުގެ މަގުތަކުގައި ޕާކު ކުރން މަނާކޮށްފި އެވެ.
އެ ސަރަހައްދުގައި ޕާކު ކުރުން މަނާކޮށްފައި މިވަނީ އެ ސަރަހައްދުގައި ޕާކު ކޮށްފައިވާ ލޮރީއެއްޗެ ތެޔޮ ޓޭންކު މަތީގައި ބޮމެއް ހަރުކޮށްފައިވަނިކޮށް ފެނިފައި ވަނިކޮށެވެ. ސްޓިކް ޑައިނަމައިޓް ބޭނުންކޮށްގެން ތައްޔާރުކޮށްފައި އޮތް އެ ބޮމަކީ ރިމޯޓަކުން ގޮއްވާލެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ބޮމެއް ކަމަށް ސަލާމަތީ ބާރުތަކުން ވަނީ ބުނެފަ އެވެ.
ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެފައިވަނީ އެ ބޮމަކީ ސީދާ ރައީސް ޔާމީނަށް އަމާޒުކޮށް ހަރުކޮށްފައިވާ ބޮމެއް ކަމަށާއި ބޮން ހަރުކޮށްފައި އޮތް ލޮރީ އޮތް މަގަކީ ރައީސް ޔާމީން ކޮންމެ ދުވަހަކު އެތައް ދަތުރުފުޅެއް ކުރައްވާ މަގެއް ކަމަށެވެ. އަދި އެ ބޮން ގޮވި ނަމަ 60 ފޫޓުގެ ބޮޑު އަލިފާން ބޯޅައެއް އުފެދިގެން ދާނެ ކަމަށާއި ލިބޭ ގެއްލުން ވަރަށް ބޮޑު ވާނެ ކަމަށްވެސް ހޯމް މިނިސްޓަރު ވިދާޅުވި އެވެ.
މުލިއާގޭ ސަރަހައްދުގައި ޕާކު ނުކުރެވޭނެކަން އަންގައި އެ ސަރަހައްދުގައި ރެއިން ފެށިގެން ބޯޑުތަކެއް ހަރުކޮށްފައިވާއިރު އެ ސަރަހައްދުގައި ޕާކު ކޮށްފައި ހުރި ވެހިކަލްތައް ފުލުހުން ވަނީ އެހެން ސަރަހައްދަކަށް ބަދަލުކޮށްފަ އެވެ.
މުލިއާގެއަކީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު ނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދިރިއުޅުއްވަނީ އެމަނިކުފާނުގެ އަމިއްލަ ގެކޮޅު ގ.ދޫވެހީ ގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް