ޖިންސުގެ ތަފާތުކުރުމެއް ނެތި ރާއްޖޭގައި ތަޢުލީމު ފޯރޮކޮއްދޭ: އެޑިއުކޭޝަން މިނިސްޓަރ

ޖިންސުގެ ތަފާތުކުރުމެއް ނެތި ރާއްޖޭގައި ތަޢުލީމު ފޯރުކޮއްދެމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢައިޝަތު ޝިހާމު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ ދަ ޔުނައިޓެޑް ނޭޝަންސް އެޑިޔުކޭޝަނަލ...

05 Nov 2015 | 03:44

ޖިންސުގެ ތަފާތުކުރުމެއް ނެތި ރާއްޖޭގައި ތަޢުލީމު ފޯރުކޮއްދެމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢައިޝަތު ޝިހާމު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ ދަ ޔުނައިޓެޑް ނޭޝަންސް އެޑިޔުކޭޝަނަލް، ސައިންސް އެންޑް ކަލްޗަރަލް އޯގަނައިޒޭޝަން (ޔުނެސްކޯ) ޖެނެރަލް ކޮންފަރެންސްގެ 38 ވަނަ ބައްދަލުވުމުގައި  ތަޤްރީރު ކުރައްވަމުންނެވެ.

އިއްޔެއިން ފެށިގެން މިމަހުގެ 18އާ ހަމައަށް ފްރާންސްގެ ވެރިރަށް ޕެރިހުގައި ކުރިއަށްދާ މި ކޮންފަރެންސްގައި ރާއްޖޭގެ ފަރާތުން ތަަޤްރީރު ކުރައްވަމުން ރާއްޖޭގެ ތަޢުލީމީ ނިޒާމަށް ޢިޝާރާތް ކުރައްވާ އެކަމަނާ ވިދާޅުވީ ރާއްޖޭގައި މިއަދު ޖިންސުގެ ތަފާތުކުރުމެއް ނެތި އަންހެން ކުދިންނަށާއި ފިރިހެން ކުދިންނަށް ޕްރީ ސްކޫލު މަރުޙަލާއިން ފެށިގެން ޘާނަވީ ފެންވަރަށް ތަޢުލީމު ފޯރުކޮއްދެމުން އަންނަ ކަމަށެވެ.

ވޭތުވެ ދިޔަ ތަނުގައި ތަޢުލީމީ ގޮތުން ރާއްޖެއަށް ގެނެސްފައިވާ އިސްލާހީ ބަދަލުތަކާއި ހޯދާފައިވާ ކުރިއެރުންތަކާއި ގުޅޭ ގޮތުން މިނިސްޓަރ ވިދާޅުވީ ޒަމާނުއްސުރެ ސްކޫލްތަކުގައި ކިޔަވައިދެމުން ދިޔަ މަންހަޖު މުރާޖާކޮށް އެކުލަވާލި ޤައުމީ އައު މަންހަޖު ތަންފީޒުކުރަމުން އަންނަކަމަށެވެ.

މޯލްޑިވްސް ނެޝަނަލް ކޮމިޝަން ފޯރ ޔުނެސްކޯގެ ޗެއަރޕަރސަންކަންވެސް ކުރައްވަމުން އަންނަ މިނިސްޓަރ އޢައިޝަތު ޝިހާމް ވިދާޅުވީ ދެމެހެއްޓެނިވި ތަރައްޤީ ފެށެނީ ތަޢުލީމުން ކަމަށާއި ފެންވަރު ރަނގަޅު ތަޢުލީމެއް ދަރިވަރުންނަށް ފޯރުކޮށްދެވޭނީ ތަޢުލީމީ ޤާބިލް މުދައްރިސުން އުފެއްދިގެން ކަމަށެވެ. އެހެންކަމުން އެފަދަ މުދައްރިސުން އުފެއްދުމަށް ޚާއްޞަ އިސްކަމެއްދީގެން މަސައްކަތް ކުރަމުން އަންނަކަމަަށްވެސް އެކަމަނާ ވިދާޅުވިއެވެ.

ކޮންމެ ދެ އަހަރަކުން އެއް އަހަރު ބާއްވާ މި ބައްދަލުވުމުގައި ރާއްޖޭގެ ވަފުދުގައި މިނިސްޓަރ ޑރ. ޢައިޝަތު ޝިހާމުގެ އިތުރުން ބައިވެރިވެވަޑައިގަންނަވަނީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު ޝަފީއު އާއި މޯލްޑިވްސް ނެޝަނަލް ކޮމިޝަން ފޯރ ޔުނެސްކޯގެ ސެކެޓްރީ ޖެނެރަލް އަދި އެޑިޔުކޭޝަން މިނިސްޓްރީގެ ހެޑް އޮފް ފޮރިން ރިލޭޝަންސް އައިމިނަތު ނަމްޒާ އެވެ.

މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެ ވަޑައިގަންނަވާ ވަފްދުން ޔުނެސްކޯ އެގްޒެކެޓިވް ބޯޑަށް މެމްބަރުން އައްޔަންކުރުމަށް ބާއްވާ އިލެކްޝަންތަކުގައި ބައިވެރިވެ ވަޑައިގެން ވޯޓް ދެއްވާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް