ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ބައްދަލުވުން - ފޮޓޯ: ރައީސް އޮފީސް
އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާގޮތަށް ބަދަލު
ގެންނަން ބޭނުންވާކަމަށް އައްޑޫ ސިޓީގެ ބައެއް ފަރާތްތަކުން ރައީސުލްޖުމްހޫރިއްޔާއަށް
ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅިގެން، އައްޑޫ ސިޓީގެ ރައްޔިތުން އެދޭ ގޮތާއި، ރައްޔިތުންގެ
ޚިޔާލު ހުރިގޮތް ދެނެގަތުމަށްޓަކައި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ
ޤާނޫނާއި އެއްގޮތްވާގޮތުގެ މަތިން، އައްޑޫ ސިޓީގެ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު
ވޯޓު ނެގުމާބެހޭގޮތުން ކުރަންޖެހޭ އިންތިޒާމުތައް ކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން
ނިންމަވައިފިއެވެ.
އެގޮތުން ވަޒީރުންގެ މަޖިލީހުން ވަނީ، އައްޑޫ ފޭދޫ،
އައްޑޫ ހުޅުދޫ އަދި އައްޑޫ މީދޫގެ ނަމުގައި ކައުންސިލްތައް އުފައްދަން ފެނޭތޯ ބެލުމަށް
އައްޑޫ ސިޓީގެ ހުޅުދޫއާއި މީދޫއާއި ފޭދޫގެ ރައްޔިތުންގެ މެދުގައި އާންމު ވޯޓު ނެގުމަށް
ނިންމަވައި، އައްޑޫ ހުޅުދުއާއި އައްޑޫ މީދޫ، އެއް ރަށު ކައުންސިލެއްގެ ދަށުން ހިންގުމަށްޓަކައި
ދެ ރަށުގައި އެއް ކައުންސިލް (އައްޑޫ ހުޅުމީދޫ ކައުންސިލް) އުފައްދަން ފެނޭތޯ ބެލުމަށް
މި ވޯޓުގައި ހިމެނުއްވުމަށް ނިންމަވާފައިވާކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.
"އެ ރަށްރަށުގެ ރަޖިސްޓްރީގައިވާ ވޯޓުލުމުގެ ޙައްޤު
ލިބިފައިވާ އެންމެން ބައިވެރިވާ ގޮތަށް، މި ވޯޓު ކުރިއަށްގެންދިއުމަށް ނިންމަވާފައިވަނީ،
މި ހިނގާ އޮކްޓޫބަރު މަހުގެ 24 އަދި 25 ވާ ހަފުތާބަންދުގެ ތެރެއިން ދުވަހެއްގައި"
ރައީސް އޮފީހުން ބުނެފައިވެއެވެ.
މީގެއިތުރުން ޢާންމު ވޯޓުގެ ކުރިން، ވޯޓުގެ ނަތީޖާއާ
ގުޅިގެން އައްޑޫ ސިޓީގެ ރަށްރަށުގެ އިޚްތިޞާޞަށް އަތުވެދާނެ ބަދަލުތައް ދެނެގަތުމަށްޓަކައި،
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން އިސްނަންގަވައިގެން
މިނިސްޓްރީ ލެވެލްގެ ޓީމެއް އެކުލަވައިލައި، އެޓީމުގެ ދަށުން އައްޑޫގެ ކޮންޓެކްސްޓް
އެނގިވަޑައިގަންނަވާ ބޭފުޅުންގެ ފަންނީ ޓީމެއް އެކުލަވައިލައިގެން އައްޑޫ ސިޓީގެ ރަށްރަށުގެ
އިޚްތިޞާޞާ ގުޅޭ މަސައްކަތްތައް ފެއްޓެވުމަށްވެސް ނިންމި ކަމުގައިވެސް ރައީސް
އޮފީހުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް