ހޮވޭ އަދަދުތަކަށް ފައިސާގެ އިނާމު ލިބޭނެކަމަށްވެސް އެމްއެމްއޭއިން ބުނޭ -
ދިވެހިރާއްޖޭގެ އިޤްތިޞާދާއި މާލީ ދާއިރާއަށް ޚާއްސަކޮށްގެން އެމްއެމްއޭ
އިން ނެރުމަށް ތައްޔާރުވަމުންދާ "އެމްއެމްއޭ އިކޮނޮމިކް އެންޑް ފައިނޭންސް
މެގަޒިން" އާޓިކަލް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
އާރޓިކަލް ހުށަހެޅުމުގެ ސުންގަޑިއަކީ 9 އޮކްޓޯބަރު 2025 އެވެ.
އެމްއެމްއޭގެ މަޖައްލާއަކީ ސިޔާސަތު އެކުލަވާލާ ފަރާތްތަކާއި،
އެކަޑެމިކުންނާއި، އިޤްތިސާދީ އަދި މާލީ މާހިރުންނަށް އެމީހުންގެ ޚިޔާލުތަކާއި އައު
ވިސްނުންތައް ހިއްސާކޮށް، އާންމުންގެ ހޭލުންތެރިކަން އިތުރުކޮށް މަޝްވަރާކުރުމުގެ
ވަސީލަތެއް ފޯރުކޮށްދޭނެ މަންސައެކެވެ.
މަޖައްލާގެ ފުރަތަމަ އަދަދުގެ ތީމްއަކީ "ޑިޖިޓަލް ލައިފްލައިންސް:
ފިންޓެކް ފޮރ އައިލެންޑް އިކޮނޮމީސް" އެވެ. މި ތީމްގެ ދަށުން މަޖައްލާގައި
ހިމެނުމަށް ހަމަޖެހިފައި ވަނީ ދިވެހިރާއްޖެ އާއި ރާއްޖެ ފަދަ ކުދި ޖަޒީރާ
ޤައުމުތަކުގެ އިޤްތިޞާދު ވަރުގަދަކުރުމަށް ފައިނޭންޝަލް ޓެކްނޮލޮޖީ އަދި އިނޮވޭޝަންތަކުގެ
އެހީގައި ލިބިފައިވާ އަދި ލިބޭނެކަމަށް ބެލެވޭ ކުރިއެރުންތަކާއި ގުޅޭ އާރޓިކަލްތަކެވެ.
އެމްއެމްއޭގެ މަޖައްލާއަށް އާޓިކަލް ހުށަހެޅުމަށް ދިރާސާކުރާ ފަރާތްތަކާއި އިޤްތިޞާދީ
މާހިރުން އަދި އިޤްތިޞާދީ ލިޔުންތައް އުފެއްދުމަށް ޝައުޤުވެރިކަން ހުންނަ ހުރިހާ
ފަރާތްތަކަށް ވަނީ ހުޅުވާލާފައެވެ.
ހުށަހަޅާ ލިޔުންތަކުގައި ޑިޖިޓަލް ޕޭމަންޓްތަކުގެ ކުރިއެރުން، މާލީ
ޚިދުމަތްތަކުގައި އާޓިފިޝަލް އިންޓެލިޖެންސްގެ ދައުރު، މާލީ ދާއިރާ
ހަރުދަނާކުރުމަށް ޑިޖިޓަލް ޙައްލުތައް، މޫސުމަށް އަންނަ ބަދަލުތަކާ
ކުރިމަތިލުމަށާއި ނޫ އިޤްތިޞާދަށް ފިންޓެކްގެ ބޭނުންހިފުން، އަދި ސްމާޓް
އައިލެންޑް އިކޯސިސްޓަމްތައް ބިނާކުރުން ފަދަ ތަފާތު ގިނަ މައުޟޫޢުތަކެއް
ހިމެނިދާނެއެވެ.
މި މަޖައްލާގައި އޮޕީނިއަން އާރޓިކަލް، ދިރާސާ ހޯދުންތައް، ކޭސް
ސްޓަޑީތައް، އިންޓަވިއުތައް އަދި ފޮތް ރިވިއުތައް ފަދަ އެކި ބާވަތުގެ ލިޔުންތައް
ޝާއިޢުކުރެވޭނެއެވެ. މަޖައްލާއަށް ހުށަހަޅާ އާރޓިކަލްތައް ހުންނަންވާނީ އިނގިރޭސި
ބަހުންނެވެ. އަދި އާޓިކަލްތައް ހުށަހަޅަންވާނީ 500 އާއި 2,000 ބަހުގެ ދެމެދުގެ
ދިގުމިނުގައި މައިކްރޯސޮފްޓް ވާޑް ފޯމެޓުގައެވެ.
ހޮވޭ މަޒުމޫނުތައް ޝާއިޢުކުރުމުގެ އިތުރުން އެ މަޒުމޫނުތައް ލިޔުނު
ފަރާތްކަށް ފައިސާގެ އަދަދެއްވެސް ލިބޭނެއެވެ. ހޮވޭ މަޒުމޫނުތަކުގެ
ލިޔުންތެރިންނަށް 26 އޮކްޓޯބަރު 2025 ގެ ކުރިން އެކަން އަންގާނެއެވެ.
އެމްއެމްއޭ އިކޮނޮމިކް އެންޑް ފައިނޭންސް މެގަޒިން އަށް އާރޓިކަލް
ފޮނުވާނީ [email protected] އަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް