ޣައްޒާ މަސްރަޙް: ހަނގުރާމައަށް ދެ އަހަރުވާން ދެ ދުވަސް – ކުރިމަތީގައި އޮތީވެސް އުންމީދީ ދެ ދުވަސް

އޮކްޓޯބަރު 7، 2023 ގައި ހަމާސް އިން އިސްރާއީލަށް ދިން ބިރު ކުޑަ ހަމަލައާއެކު ފެށުނު އިސްރާއީލު – ހަމާސް ހަނގުރާމައަށް އަންނަ އަންގާރަ ދުވަހަށް ދެ އަހަރު ފުރޭނެއެވެ. އެ ދުވަހުން ފެށިގެން ހުއްޓުމެއްނެތި...

04 Oct 2025 | 23:23
އިސްރާއީލުގެ ހަމަލަތަކެއްގައި ބިމާހަމަކޮށްލާފައިވާ އިމާރާތްތަކެއްގެ ކައިރީގައި ޣައްޒާގެ ރައްޔިތަކު - ފޮޓޯ: އެކްޝަން އެއިޑް ޔޫއެސްއޭ

އިސްރާއީލުގެ ހަމަލަތަކެއްގައި ބިމާހަމަކޮށްލާފައިވާ އިމާރާތްތަކެއްގެ ކައިރީގައި ޣައްޒާގެ ރައްޔިތަކު - ފޮޓޯ: އެކްޝަން އެއިޑް ޔޫއެސްއޭ

އޮކްޓޯބަރު 7، 2023 ގައި ހަމާސް އިން އިސްރާއީލަށް ދިން

ބިރު ކުޑަ ހަމަލައާއެކު ފެށުނު އިސްރާއީލު – ހަމާސް ހަނގުރާމައަށް އަންނަ އަންގާރަ

ދުވަހަށް ދެ އަހަރު ފުރޭނެއެވެ.

އެ ދުވަހުން ފެށިގެން ހުއްޓުމެއްނެތި އިސްރާއީލުން

ޣައްޒާ ރައްޔިތުންނާއި ދެކޮޅަށް ދެމުން އަންނަ ހަމަލަތަކަށް ދެ އަހަރު ފުރެން ދެ

ދުވަހަށް ވެފައިވާއިރު ކުރިއަށް އޮތީ އުންމީދީ ދެ ދުވަސްކަމަށް މީޑީއާ ރިޕޯޓުތައް

ބުނެއެވެ.

އެ އުންމީދު ގެނުވަނީ އެންމެ ފަހުން އެމެރިކާއިން

އެކުލަވައިލި، ހަނގުރާމަ ހުއްޓާލުމުގެ ޕްލޭނަށް އިސްރާއީލާއި ހަމާސްއިންވެސް

ތަބާވާކަމުގެ ސިގްނަލް ހަމާސް އަދި އިސްރާއީލުގެ ފަރާތުންވެސް ދިނުމާއި މިސްރުގެ

ވެރިރަށް ގާހިރާގައި އެންމެ ފަހުގެ މަޝްވަރާތަކަށް ތައްޔާރުވަމުންދާ ތައްޔާރުވުންތަކެވެ.

އެ މަޝްވަރާތަކުން ނިކުންނަ ނަތީޖާގެ އަލީގައި އެއްބަސްވުމަކަށް

އަންނަތާ 72 ގަޑިއިރުގެ ތެރޭގައި ހަމާސް އިން ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އެންމެހާ

އަސީރުން މިނިވަން ކުރާނެއެވެ. އަދިވެސް ހަމާސްގެ ބެލުމުގެ ދަށުގައި 48 އަސީރަކު

ވާއިރު އޭގެ ތެރެއިން 20 އަސީރަކު ދިރި ދުނިޔޭގައި ތިބި ކަމަށް އިސްރާއީލުން ގަބޫލުކުރެއެވެ.

ހަމަ އެހެންމެ އެއްބަސްވުމަކަށް އައުމާއެކު

އިސްރާއީލުން އިސްރާއީލުގެ ޖަލުތަކުގައި އުމުރަށް ޖަލަށް ލުމަށް

ހުކުމްކޮށްފައިތިބި ފަލަޞްޠީނުގެ 250 ހައްޔަރީންނާއި ހަނގުރާމައިގެ މުއްދަތުގައި

ހައްޔަރުކޮށްފައިވާ 1،700 އަށްވުރެ ގިނަ، ފަލަޞްޠީނަށް ނިސްބަތްވާ ހައްޔަރީން

ދޫކޮށްލާނެއެވެ.

އެއަށްފަހު މިހާރު އޮތް ޕްލޭންގައިވާގޮތުގެ މަތީން

އިސްރާއީލުގެ ފައުޖުތައް ޣައްޒާގެ ބިން ދޫކުރަން ފަށާނެއެވެ. ހަމާސް އިން ހަތިޔާރު

ބަހައްޓަން ފަށާނެއެވެ. ހަމަ އެހެންމެ ބައިނަލްއަގުވާމީ އަމަން ބަލަހައްޓާ

ސަލާމަތީ ފައުޖެއް ޣައްޒާ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށާނެއެވެ. އެ

ސަރަހައްދު އޭރަށް ދާނީ ވަގުތީ ގޮތުން ބައިނަލްއަގުވާމީ ގަވަނަންސް ބޮޑީއެއްގެ

ދަށަށެވެ. ކަންކަން ދަނީ ރަނގަޅަށްތޯ ކަށަވަރު ކުރާނެ ކަމަށްވަނީ އެމެރިކާގެ

ރައީސް ޑޮނާލްޑް ޓްރަމްޕާއި އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެޔަރ

އެވެ.

އަންނަ ބަދަލުތަކާއެކު ދުވަހުން ދުވަހަށް ޣައްޒާގެ

ކަންކަން ބަލަހައްޓަން ފަލަޞްޠީނުގެ ވަގުތީ އެޑްމިނިސްޓްރޭޝަނެއް އެކުލަވައިލަން

ނިންމާފައިވާއިރު ޣައްޒާގެ އެއްވެސް ކަމަކާ ހަމާސް އިން ނުބެހެން އެ ޕްލޭންގައި

ވެއެވެ. ހަމާސްގެ މިލިޓަރީ އޮނިގަނޑާއި ބިމުއަޑީ ޓަނަލްތައް އުވައިލަން އެއްބަސްވާންޖެހޭކަމަށްވެސް

އެ ޕްލޭންގައި ވެއެވެ.

ހަމަ އެހެންމެ އެ ޕްލޭންގައިވާގޮތުން ޣައްޒާގެ

އެއްވެސް ރައްޔިތަކު ޣައްޒާއިން ގަދަކަމުން ބޭރެއް ނުކުރެވޭނެއެވެ. އެހެންނަމަވެސް

ޣައްޒާ ދޫކޮށް ދާން ބޭނުންވާ ނަމަ އެ ފުރުޞަތު އޮންނާނެއެވެ.

އެމެރިކާގެ ޕްލޭނާމެދު ހަމާސްގެ އެންމެ ފަހު ބަހެއް

އިއްވާފައިވަނީ މިދިޔަ ހުކުރު ދުވަހުގައެވެ. ހަމާސްގެ ބަޔާނެއްގައި ބުނެފައިވަނީ އަސީރުން

މިނިވަން ކުރުމަށާއި ޣައްޒާގައި ވެރިކަން ކުރުމުގެ ބާރު ފަލަޞްޠީނުގެ

ރައްޔިތުންނާއި ހަވާލުކުރަން ހަމާސް އިން އެއްބަސް ކަމަށެވެ. އެހެނަސް ހަތިޔާރު

ބަހައްޓާނެ ވާހަކައެއް އެއަކު ނެތެވެ. ހަމަ އެހެންމެ ބާރު ދޫކުރާނީ ފަލަޞްޠީނުގެ

މިނިވަން ބާރެއްގެ ދަށަށް ކަމަށްވެސް ބުނެފައިވެއެވެ.

އަނެއްކޮޅުން އިސްރާއީލުން މި ބުނާ ޕްލޭނަކަށް ފަހު

ބަހެއް ހޮނިހިރު ދުވަހު އިއްވާފައިވާއިރު އިސްރާއީލުން ބުނެފައިވަނީ ޕްލޭންގެ

ފުރަތަމަ މަރުޙަލާ ފަށަން އިސްރާއީލުން ތައްޔާރު ކަމަށެވެ. ނަމަވެސް ހަމާސް އިން

ހަތިޔާރު ބަހައްޓާންދެން އިސްރާއީލުގެ ފައުޖުތައް ޣައްޒާގައި ދެމި ތިބޭނެކަމަށެވެ.

ދެ ފަރާތުގެ ބަހަށްފަހު ދެން އޮތީ މިސްރުގެ

ގާހިރާގައި ހޯމަ ދުވަހު ކުރިއަށްދާނެ މަޝްވަރާތަކެވެ. މިސްރުން ބުނެފައިވާގޮތުގައި

އެ މަޝްވަރާތަކަށް އެމެރިކާގެ މުސީރެއް ކަމުގައިވާ ސްޓީވް ވިޓްކޮފް މިސްރަށް ދަތުރުކުރަން

ހަމަޖެހިފައިވާއިރު އެ މަޝްވަރާތަކަށް އިސްރާއީލާއި ހަމާސްގެ ފަރާތުންވެސް

ބައިވެރިން މިސްރަށް ދަތުރުކުރާނެއެވެ.

ހަނގުރާމައަށް ދެ އަހަރު ފުރެން ދެ ދުވަހަށްވެފައިވާއިރު

ހަނގުރާމައަށް ނިމެއް އައުމާ ނައުން ބުރަވަނީ ހޯމަ ދުވަހުގެ އެ މަޝްވަރާތަކުން

ނިކުންނަ ނަތީޖާއެއްގެ މައްޗަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް