މުސްލިމުންގެ ހަތުރުންނަކީ ކޮބާކަމާއި މިތުރުންނަކީ ކޮބާކަން އެނގެންޖެހޭ: ޝައިޚް ސަމީރު

ދުނިޔޭގައި މިއަދު މުސްލިމުންނަށް ކުރިމަތިވެފައިވާ މުސީބާތްތައް ލައިގަތުމުގެ އެންމެބޮޑު އެއްސަބަބަކީ މުސްލިމުންނަށް އެބައިމީހުންގެ ހަތުރުންނަކީ ކޮބާކަމާއި މިތުރުންނަކީ ކޮބާކަން ނޭނގުން ކަމަށާއި މިއީ މި...

05 Sep 2017 | 12:07

ދުނިޔޭގައި މިއަދު މުސްލިމުންނަށް ކުރިމަތިވެފައިވާ މުސީބާތްތައް ލައިގަތުމުގެ އެންމެބޮޑު އެއްސަބަބަކީ މުސްލިމުންނަށް އެބައިމީހުންގެ ހަތުރުންނަކީ ކޮބާކަމާއި މިތުރުންނަކީ ކޮބާކަން ނޭނގުން ކަމަށާއި މިއީ މިއަދު ހުރިހާ މުސްލިމުން ދަސްކުރަން ވެއްޖެކަމެއްކަމަށް އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާހީމް ވިދާޅުވެއްޖެއެވެ.

ސަންޓީވީ އިން ރޭ ފޮނުވި ޢިލްމީ ޚަޒާނާގެ 383 ވަނަ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ޖަމްޢިއްޔަތުއްސަލަފުގެ ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް އައްޝައިޚް އަޙްމަދު ސަމީރު ވިދާޅުވީ އަޅުގަނޑުމެންގެ ދަރިން ސްކޫލުތަކުން ކިޔަވާ ނިމިގެން ނުކުންނައިރުވެސް އެކުދިންނަށް އެކުދިންގެ ހަތުރުންނަކީ ކޮބާކަމެއް އަދި މިތުރުންނަކީ ކޮބާކަމެއް ނޭނގޭ ކަމަށާއި، ހަތުރުންނާއި މިތުރުން އެނގުމަކީ އިސްލާމްދީނުގެ އަސާސެއް ކަމަށެވެ.

"އަޅުގަނޑުމެންގެ ދަރިން ސްކޫލުތަކުން ކިޔަވާ ނިމިގެން ނުކުންނައިރުވެސް ހަތުރުންނާއި މިތުރުންނަކީ ކޮބާކަމެއް ނޭނގޭ. މީ ވަރަށްބޮޑު މައްސަލައެއް ހަގީގަތުގަ. ހަތުރުންނާއި މިތުރުން އެނގުމަކީ އިސްލާމްދީނުގެ އަސާސެއް. ޝަހާދަތުގެ ދެކަލިމައިގެ މުރާދުގެ ތެރޭގައި އެނގެންޖެހޭ އެއްޗެއް އެއީ. ﷲ ގެ އެއްކައުވަންތަކަން ޤަބޫލު ކުރުމާއެކު އެނގެންޖެހޭ ﷲ ދެކެ ލޯބިވާ މީހުންދެކެ ލޯބިވުމާއި އެއިލާއަށް ނަފްރަތު ކުރާ މީހުންނަށް ނަފްރަތު ކުރަން އެނގުން. އަދި އެއިލާހު ލޯބިވެވޮޑިގަންނަވާ ކަންތައްތަކަށް ލޯބިވުމާއި، އެކަލާނގެ ރުހިވޮޑިގެންނުވާ ކަންތައްތަކަށާއި ނަފްރަތު ކުރާ މީހުންނަށް ނަފްރަތު ކުރުން އެއީ އީމާންކަމުގެ ތެރެއިންވާ ކަމެއް" ޝައިޚް ސަމީރު ވިދާޅުވިއެވެ.

ކޮންމެ ހޯމަދުވަހެއްގެ ރޭ ލައިވްކޮށް ގެނެސްދޭ ޢިލްމީ ޚަޒާނާގެ ރޭ ގެ ޕްރޮގްރާމުގައި އެހުންތެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޝައިޚް އިތުރަށް ވިދާޅުވިގޮތުގައި ޑިމޮކްރަސީއަކީ ހުރިހާ ކަމެއްގެ ހައްލުކަމަށް ބައެއް މީހުން އީމާންވެގެން އުޅޭކަމަށާއި މިއީ އެއްވެސް އަސާސެއް ނެތް ތާކުންތާކު ނުޖެހޭ ވިސްނުމެއް ކަމަށެވެ. އަދި އެކިޔާ ޑިމޮކްރަސީއިން ދުނިޔެއަށް ހޯދައިދެވުނީ ކޮން ޢަދުލެއްތޯ ނުވަތަ ކޮން އިންސާފެއްތޯ ޝައިޚް ސުވާލު ކުރެއްވިއެވެ.

"މިއަދު ބައެއް މީހުން ގާތު ޑިމޮކްރަސީއަކީ މާ މާތް މުޤައްދަސް އެއްޗެއް. މުސްލިމުންކަމަށް ދަޢުވާކޮށް، މުސްލިމުންގެ ފޭރާމުގައިތިބެގެން ކާފަރުންނަށް މަދަދު ދެމުންދާ ބައެއް މީހުން ގާތު ޑިމޮކްރަސީއަކީ މާ މާތް އެއްޗެއް. ޢަދުލު އިންސާފަކީ ﷲ ގެ ޝަރީޢަތުގައި އޮންނަ އެއްޗެއްކަން މި ޖާހިލުންނަކަށް ނޭނގޭ. ކާފަރު ޤައުމުތަކުން އެމީހުންގެ އަމިއްލަ އެޖެންޑާތައް ހިންގުމަށްޓަކައި 'ޑިމޮކްރަސީ' އޭކިޔާ އެއްޗެއް ހަދައިގެން އެއަށް އިސްލާމުން ތަބާ ކުރުމަށް ކެނޑިނޭޅި މަސައްކަތްކުރަމުން އެދަނީ. ކޯއްޗެއްތޯ އެއީ؟ އިންސާނުންނަށް ކޮން ހިމާޔަތެއްތޯ އޭގެން ހޯދައިދެވުނީ؟ އެޑިމޮކްރަސީ ނަމުގައެއް ނޫންތޯ އެއޮއްބޮޑު ޢިރާޤު ސުންނާފަތި ކޮށްލީ. އެޑިމޮކްރަސީގެ ނަމުގައެއް ނޫންތޯ ބޮޑެތި އިސްލާމީ ޤައުމުތަކަށް އަރައި މުސްލިމުން ކަތިލައި، އުޚްތުންގެ ޢިއްފަތް ފޭރެމުން އެދަނީ. އެކިޔާ ޑިމޮކްރަސީއަކީ ކަނޑައެޅިގެން ދެފުށްކެހެރި ނިޒާމެއްކަން އަޅުގަނޑުމެން ޤަބޫލު ކުރާނީ ކޮންއިރަކުންތޯ؟ ޝައިޚް ސަމީރު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް