ޕީޖީ ބިސާމް ދައުލަތަށް ދައްކަން ޖެހޭ ކަމަށްބުނާ ފައިސާގެ މައްސަލައެއް އޭސީސީއަށް!

ޕްރޮސެކިއުޓާ ޖެނެރަލް އަލްއުސްތާޒާ އައިޝަތު ބިސާމް ދައުލަތުގެ ހަރަދުގައި މާސްޓާސް ޑިގްރީއަށް ކިޔެވުމަށް ފަހު ކޯސް ފުރިހަމަ ނުކުރާ ކަމަށް ބުނާ މައްސަލައެއް އެންޓީ ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަ...

05 Sep 2017 | 09:16

ޕްރޮސެކިއުޓާ ޖެނެރަލް އަލްއުސްތާޒާ އައިޝަތު ބިސާމް ދައުލަތުގެ ހަރަދުގައި މާސްޓާސް ޑިގްރީއަށް ކިޔެވުމަށް ފަހު ކޯސް ފުރިހަމަ ނުކުރާ ކަމަށް ބުނާ މައްސަލައެއް އެންޓީ ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފި އެވެ.

މި މައްސަލަ އޭސީސީއަށް ހުށަހެޅީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފެވެ.

މަހުލޫފު އޭސީސީގެ ރައީސް ހަސަން ލުތުފީއަށް ފޮނުއްވާފައިވާ ސިޓީގައި ބުނެފައިވަނީ 2010 ވަނަ އަހަރު ދައުލަތުގެ ހަރަދުގައި މާސްޓާސް ޑިގްރީއަށް ކިޔެވުމަށް އެއް އަހަރު ދުވަހަށް ނިއުޒިލެންޑަށް ދިއުމުގެ ފުރުސަތު އެޓާނީ ޖެނެރަލްގެ އޮފީހުން ބިސާމްއަށް ދީފައިވާ ކަމަށެވެ. އަދި އެ ކޯސް ފުރިހަމަ ކުރުމަށް ފަހު ކަމަށް ބުނެ އެ އަހަރުގެ ޑިސެމްބަރު މަހު ރާއްޖެ ވަޑައިގެން އެ އޮފީހުގައި މަސައްކަތް ކުރަން ފައްޓަވާފައިވާ ކަމަށެވެ.

އެކަމަކު ކޯސް ފުރިހަމަ ކުރި ކަމުގެ ސެޓްފިކެޓް ހުށަހަޅާފައި ނުވާ ކަމަށް ބުނެފައިވެ އެވެ. މަހުލޫފު ވިދާޅުވީ އެ ކޯހަށް ދިއުމުގެ ކުރިން އޭޖީ އޮފީހާއި ބިސާމް އާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ކޯސް ފުރިހަމަ ކުރި ކަމުގެ ލިޔުން ހުށަނާޅާ ނަމަ އެ ކޯހުގެ މުއްދަތުގައި ދައުލަތުން ބިސާމްގެ މުސާރައާއި އިނާޔަތުގެ ގޮތުގައި ދީފައިވާ ފައިސާ އަނބުރާ ދައްކަން ޖެހެ އެވެ.

އެކަމަކު ތަކުރާރުކޮށް ސެޓްފިކެޓް ހުށަހެޅުމަށް އޭޖީ އޮފީހުން އެކަމަނާއަށް އެންގުމުން އެކަން ކޮށްފައި ނުވާކަމަށާއި އެކަމާ ދެކޮޅަށް ފިޔަވަޅެއް ނޭޅި އޮތީ ބިސާމް އަކީ އެ އޮފީހުގައި ނުފޫޒުގަދަ މަގާމުތައް ފުރުއްވާފައިވާ ބޭފުޅަކަށް ވާތީ ކަމަށް މަހުލޫފު ފޮނުއްވާފައިވާ ސިޓީގައި ބުނެފައިވެ އެވެ.

އަދި ބުނެފައިވަނީ އެ ކޯސް ފުރިހަމަ ކުރި ފަހުން އެކި ތަންތަނަށް ފޮނުވާފައިވާ ކަރިކިއުލަމް ވީޓާ (ސީވީ) ގައިވެސް އެ ކޯހުގެ ވާހަކަ ލިޔުއްވާފައި ނުވާ ކަމަށެވެ. މަހުލޫފުގެ ސިޓީ އާއި އެކު ވަނީ ބިސާމްގެ ސީވީ އެއްގެ ކޮޕީއެއްވެސް ފޮނުވާފަ އެވެ.

މަހުލުފުގެ ސިޓީގައި އެދިފައިވަނީ އެ ކޯސް ފުރިހަމަ ކޮށްފައިވާ ކަމުގެ ލިޔުން އޭޖީ އޮފީހަށް ހުށަނާޅާނަމަ ދައުލަތަށް ބިސާމް ދައްކަވަން ޖެހޭ ފައިސާ ކަމާބެހޭ ފަރާތްތަކާއި ގުޅިގެން އެ މައްސަލަ ތަހުގީގު ކުރުމަށް ފަހު އަނބުރާ ހޯދުމަށެވެ.

ޕީޖީގެ މަގާމު އަދާކުރެއްވުމުގެ ކުރިން ރައީސް ޑރ މުހައްމަދު ވަހީދުގެ ސަރުކާރުގައި ބިސާމް ވަނީ އެޓާނީ ޖެނެރަލްގެ މަގާމުވެސް ފުރުއްވާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް