ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ސައުތު އީސްޓް އޭޝިއާ ރީޖަންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށް އިންޑިއާގެ ހެލްތް މިނިސްޓަރު ޖަގަތް ޕްރަކާޝް ނައްދާ ރާއްޖެ ވަޑައިނުގަންނަވާ ސަބަބު ކުރީގެ ރައީސް މުހައްމަދު ނަޝީދު ހާމަކުރައްވައިފި އެވެ.
ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ޖަގަތްގެ ދަތުރުފުޅު ކެންސަލް ކުރެއްވީ ރައީސް އަބްދުﷲ ޔާމީންގެ އަމަލުތައް ބަހައްޓަވަމުން ގެންދަވާ ގޮތުން ކަމަށެވެ. ބެލެވޭގޮތުގައި ނަޝީދު އެ އިޝާރާތް ކުރެއްވީ ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ބައެއް ސިޔާސީ ބޭފުޅުން ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ނުފޮނުވާ މައްސަލައެވެ.
https://twitter.com/MohamedNasheed/status/904928796809326592
އިންޑިއާގެ ހެލްތް މިނިސްޓަރުގެ އިތުރުން އެ ބައްދަލުވުމުގައި ބައިވެރިވުމަށް ހަމަޖެހިފައިވާ ބޮލީވުޑްގެ މެގާ ސްޓާ އަމީތާބު ބައްޗަން ރާއްޖެ ނައުމަށް ގޮވާލާ އިދިކޮޅު ފަރާތްތަކުން ދަނީ ކެމްޕެއިން ކުރަމުންނެވެ. އެކަމަކު މި ކެމްޕެއިން އާއި ގުޅިގެން އަދި އެއްވެސް ފަރާތކުން އެއްޗެސް ނުބުނެ އެވެ.
އިންޑިއާގެ ހެލްތް މިނިސްޓަރުގެ ރާއްޖޭ ދަތުރުފުޅު ކެންސަލް ކުރެއްވި ކަމެއް ދެ ގައުމުގެ ރަސްމީ އެއްވެސް ފަރާތަކުން އަދި ހާމައެއް ނުކުރެ އެވެ. އެކަމަކު އިތުބާރު ހުރި ފަރާތަކުން އިއްޔެ މީޑިއާގައި ވަނީ އޭނާ ދަތުރުފުޅު ކެންސަލް ކުރައްވާފައިވާ ކަމަށް ވިދާޅުވެފަ އެވެ. އެހެން ކަމުން ރައީސް ނަޝީދަށް މި މައުލޫމާތު ލިބުނު ގޮތެއް ނޭނގެ އެވެ.
ޑަބްލިއުއެޗްއޯގެ މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް