އަންހެން ކުދިން ތައުލީމު ހޯދުމަށް ބާރުއެޅުމަށް ގޮވާލާ ޕާކިސްތާނުގެ އެކްޓިވިސްޓް އަދި ނޯބަލް ޕްރައިޒް އިނާމު ލިބިފައިވާ މަލާލާ ޔޫސުފްގެ ބަޔޯޕިކްގައި އޭނާގެ ރޯލުން ފެނިގެންދާނީ ރޯމް ޝެއިހް ކަން ހާމަކޮށްފި އެވެ.
ރީމް ވަނީ އޭނާގެ އިންސްޓަގްރާމްގައި މަލާލާގެ ރޯލު ކުޅެން ލިބުމުން އުފަލުން ހުރި ކަމަށް ބުނެފަ އެވެ. ރީމް އަކީ ސްޓާ ޕްލަސްގެ ޑްރާމާ ސިލްސިލާއެއް ކަމަށްވާ "ޔޭ ރިޝްތާ ކިޔާ ކެހެލާތާހޭ" ފަދަ ޑްރާމާތަކުގައި ކުޑަކުއްޖެއްގެ ރޯލުން ފެނިގެން ގޮސްފައިވާ ތަރި އެކެވެ. އެ ފިލްމުގެ ފުރަތަމަ ޕޯސްޓަރު މިދިޔަ ހުކުރު ދުވަހު ވަނީ ނެރެފަ އެވެ.
މަލާލާގެ ބަޔޯޕިކް "ގުލް މަކައި" އަކީ ރީމް ލީޑް ރޯލް ކުޅޭ ފުރަތަމަ ބޮލީވުޑް ފިލްމެވެ. މީގެ ކުރިން އޭނާ ވަނީ ފިލްމު "ވަޒީރް" އިން ފެނިގެން ގޮސްފަ އެވެ.
ރިޕޯޓުތައް ބުނާގޮތުގައި "ގުލް މަކައި" ގެ ބޮޑު ބައި ޝޫޓްކޮށް ނިމިފައިވާއިރު ރީމް ވަނީ މި ފިލްމުގައި މަލާލާގެ ރޯލު ކުޅުމަށް ވަރަށް ގިނަ ތަމްރީންތަކެއްް ހަދާފަ އެވެ.
މި ފިލްމުގެ ޑައިރެކްޓަރު އަމްޖަދު ހާން މީޑިއާގައި ބުނެފައިވަނީ މި ފިލްމަކީ މަލާލާއަށް 2012 ވަނަ އަހަރު ހަމަލާ ދިން ދުވަހުން ފެށިގެން ހަދަން ނިންމާފައިވާ ފިލްމެއް ކަމަށެވެ. އެކަމަކު މި މަސައްކަތަކީ ވަރަށް ބުރަ އުނދަގޫ ކަމެއްކަން ބުނެދެމުން އަމްޖަދު ބުނެފައިވަނީ މަލާލާއަށް ހަމަލާދިން މަންޒަރު އަސްލާ އެއްގޮތަށް ކުޅުމަކީ ވަރަށް އުނދަގޫ އަދި އަސަރު ހުރި މަސައްކަތަކަށް ވި ކަމަށެވެ.
މި ފިލްމު ރިލީޒް ކުރާ ތާރީހެއް އަދި ނޭނގެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް