ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންދާ ދެކޮޅަށް ލާއިންސާނީ އަމަލުތައް ހިންގަމުންދާ މިޔަންމާގެ ހެލްތު މިނިސްޓަރު ޑރ. މިޔަންޓް ޓްވީ ރާއްޖެއަށް ކުރައްވަން ހަމަޖެހިފައި އޮތް ދަތުރުފުޅު ކެންސަލް ކޮށްފި އެވެ.
އޭނާ ރާއްޖެ ވަޑައިގެންނަވަން ހަމަޖެހިފައި އޮތީ މާދަމާ ރާއްޖޭގައި ފަށާ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ސައުތު އީސްޓް އޭޝިއާ ރީޖަންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށެވެ. ޑރ ޓްވީ ގެ މިދަތުރާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން ވަނީ އޭނާ ރާއްޖެއަށް އައުމުގެ ހުއްދަ ސަރުކާރުން ދީގެން ނުވާނެ ކަމަށް ބުނެފަ އެވެ.
ދަތުރުފުޅު ކެންސަލް ކުރި ސަބަބު ނޭނގުނު ނަމަވެސް މައުލޫމާތު އެނގޭ އިތުުބާރު ހުރި ފަރާތަކުން ވަނީ މިޔަންމާގެ ހެލްތް މިނިސްޓަރު ރާއްޖެއަށް ކުރަން ހަމަޖެހިފައި އޮތް ދަތުރުފުޅު ކެންސަލް ކޮށްފައިވާކަމަށް މީޑިއާގައި ވިދާޅުވެފައި އެވެ. މިޔަންމާގެ އިތުރުން އިންޑިއާގެ ހެލްތް މިނިސްޓަރުވެސް ދަތުރުފުޅު ކެންސަލް ކުރައްވާފައިވާ ކަމަށް ވެ އެވެ.
ޑރ ޓްވީގެ ދަތުރުފުޅު ކެންސަލް ކުރި އިރު ރޭ ދިވެހި ސަރުކާރުން ވަނީ މިޔަންމާ އާއި އެކު އޮތް ވިޔަފާރީގެ ގުޅުން ކަނޑާލާފަ އެވެ. އޭނާގެ ދަތުރުފުޅު ކެންސަލް ކުރީ އޭގެ ކުރިންނެވެ.
އިދިކޮޅު ފަރާތްތަކުން މިޔަންމާގެ ހެލްތް މިނިސްޓަރުގެ ދަތުރުފުޅާ ދެކޮޅުކަން ހާމަ ކުރަން ފެށީ ރޮހިންޔާ ދަރިކޮޅުގެ މީހުންނާއި ދެކޮޅަށް އެގައުމުގެ އަސްކަރިއްޔާއިން ހިންގަމުންދާ ލާއިންސާނީ އަމަލުތަކާއި ގުޅިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް