ރާއްޖެއިން މިއަހަރު ހައްޖަށް ދިޔަ މީހުން މާދަމާ ރާއްޖެ އަންނަން ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން ބުނީ މާދަމާ ރޭ އެންމެ ފުރަތަމަ އައުމަށް ހަމަޖެހިފައިވަނީ ޒައީ ގްރޫޕުގެ ހަވާލުގައި ހައްޖަށް ދިޔަ މީހުން ކަމަށެވެ. ސިސިލް ފަރު ގްރޫޕުގެ ހަވާލުގައި ހައްޖަށް ދިޔަމީހުން އަންނާނީ މިމަހުގެ 10 ވަނަ ދުވަހުގެ ރޭ އެވެ.
އަމިއްލަ ޖަމާއަތްތަކުގެ ތެރެއިން ހަރަމައިން ޖަމާއަތުގެ ހަވާލުގައި ހައްޖަށްދިޔަ މީހުން އަންނާނީ 11 ވަނަ ދުވަހުގެ ރޭ އެވެ. ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދިޔަ މީހުންގެ ތެރެއިން ފުރަތަމަ ގްރޫޕު އައުމަށް ހަމަޖެހިފައިވަނީ މިމަހުގެ އަށްވަނަ ދުވަހު އެވެ.
ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދިޔަ މީހުން ދެން އައުމަށް ހަމަޖެހިފައިވަނީ 10 ވަނަ ދުވަހާއި11 ވަނަ ދުވަހާއި 22 ވަނަ ދުވަހު އެވެ. އެ ޖަމާއަތުގެ ހަވާލުގައި ފަހުން ހައްޖަށް ދިޔަ 300 މީހުން ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މިަހުގެ 26 ވަނަ ދުވަހާއި 29 ވަނަ ދުވަހު އެވެ.
މިއަހަރު ރާއްޖެއިން 1،300 މީހުން ހައްޖަށްދިޔަ އެވެ. ހުރިހާ ހައްޖާޖީންގެ ހާލު ރަނގަޅު އިރު މިހާރު ހުރިހާ ހައްޖާޖީން ވަނީ ހައްޖުގެ އަޅުކަން އަދާ ކުރުމަށް ފަހު އެނބުރި މައްކާއަށް ގޮސްފައި އެވެ.
މިއަހަރު ހައްޖަށް ދިޔަ މީހުންގެ ތެރެއިން ޖަމްރާއަށް ހިލަ އުކުމަށް ފަހު މަގު އޮޅިގެން ދެ ދިވެހި ހައްޖާޖީން މިދިޔަ ހުކުރު ދުވަހު ގެއްލުނެވެ. އޭގެ ތެރެއިން ފަހު މީހާ ފެނިފައިވަނީ އިއްޔެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް