ޓްރާންސްޕޯޓް އޮތޯރިޓީން މާލޭ ސަރަހައްދުގައި ޓެކްސީ ދުއްވުމަށް ކަނޑައެޅި އާ އަގުތަކާއި މެދު ޑްރައިވަރުން ހިތްހަމަނުޖެހިގެން، ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅުމަށް ނިންމައިފިއެވެ.
ޑްރައިވަރުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމަށް ނިންމީ، ޓްރާންސްޕޯޓުން ކަނޑައެޅި އަގުތައް މާ ކުޑަ ކަމަށް ބުނެއެވެ. ޑްރައިވަރުން ބޭނުންވަނީ އަލަށް އެކުލަވާލި އުސޫލަށް އަމަލުކުރުން ހުއްޓުވުމެވެ.
މާލެ ސަރަހައްދުގެ ޓެކްސީ ކުރުމަށް އަލަށް ކަނޑައެޅި އަގުތައް:
- މާލެ- ހުޅުލެ ދަތުރެއްގެ އަގު -/60 ރުފިޔާ
- ހުޅުލެ – މާލެ ދަތުރެއްގެ އަގު -/60 ރުފިޔާ
- ހުޅުމާލެ – ހުޅުލެ ދަތުރެއްގެ އަގު -/60 ރުފިޔާ
- ހުޅުލެ - ހުޅުމާލެ ދަތުރެއްގެ އަގު -/60 ރުފިޔާ
- މާލެ- ހުޅުމާލެ ދަތުރެއްގެ އަގު -/75 ރުފިޔާ
- ހުޅުމާލެ – މާލެ ދަތުރެއްގެ އަގު -/75 ރުފިޔާ
މި އުސޫލުގެ ދަށުން އަންނަ ބުދަ ދުވަހުން ފެށިގެން އަމަލު ކުރަން މަޖުބޫރު ކަމަށް ޓްރާންސްޕޯޓުން ވަނީ ބުނެފައެވެ.
މީގެ ކުރިންވެސް އެ އޮތޯރިޓީން ވަނީ އަގުތަކަށް ބަދަލު ގެނެސްފައެވެ. އެފަހަރުވެސް ޑްރައިވަރުން ނިކުމެ ހަޅުތާލު ހެދުމުގެ ސަބަބުން، މިނިސްޓަރު ނަހުލާ ވަނީ ދޫދީފައެވެ. ޑްރައިވަރުން ބޭނުންވަނީ ބްރިޖް މަތިން ކުރާ ދަތުރުތައް 100 ރުފިޔާ އިން މަތިން ކުރާށެވެ.
އޭގެ ފަހުން ޓެކްސީ ޑްރައިވަރުންނާއި އާއްމުންނާއެކު ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ފޯރަމެއް ބާއްވާފައެވެ. އަދި އޭގެ ފަހުން ވެސް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ދެ ފަހަރެއްގެ މަތިން ޓެކްސީ ޑްރައިވަރުންނާ ބައްދަލުކޮށްފައެވެ. އެއަށްފަހު ދަތުރު ކުރަން ހާއްސަ މޮބައިލް އެޕްލިކޭޝަނެއް ތައާރަފު ކުރަން ނިންމިއެވެ. އެޕްލިކޭޝަން މެދުވެރިކޮށް ހިދުމަތް ދޭން ނަގާފައިވަނީ "އަވަސް ރައިޑް" އާއި "އެއައީ" އަދި ސްރީލަންކާގެ "ޕިކްމީ" އެވެ.
ޓްރާންސްޕޯޓުން ބުނީ، އުސޫލު އެކުލަވާލީ ޓެކްސީ ސެންޓަރުތަކާއި ޓެކްސީ ޑްރައިވަރުން އަދި އާންމު ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށްފަހު ކަމަށެވެ. ނަމަވެސް ޑްރައިވަރުން ވަނީ އެކަމަށް ދެކޮޅު ހަދާފައެވެ. ޑްރައިވަރުން ބުނާގޮތުގައި، އާ އަގުތަކުގެ ސަބަބުން ލިބޭ އާމްދަނީ ވަރަށް ބޮޑުތަނުން ކުޑަވެގެންދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް