ޓަގު ބޯޓެއްގައި ރާއްޖެއިން ފިއްލެވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަނެއްކާވެސް ހައްޔަރުކޮށް ދޫނިދޫއަށް ގެންގޮސްފިއެވެ.
ރޭގެ ފަތިހުގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން އަލުން ހައްޔަރުކޮށް ދޫނިދޫއަށް ގެންގޮސްފައިމިވަނީ ފިއްލަވައިގެން ގޮސް އިންޑިއާގެ ތޫތުކުޑީ ބަނދަރަށް ވަންނަން އުޅެނިކޮށް އެގައުމުން ބޭރުކޮށްލުމާއެކު ދިވެހި ފުލުހުން އޭނާ ހައްޔަރުކޮށްގެން މާލެ ގެނައިނަމަވެސް އޭނާގެ ބަންދުގެ މުއްދަތު ރޭގައި ކޯޓުން ޖަހާދީފައި ނުވަނިކޮށެވެ.
ރޭގައި ކްރިމިނަލް ކޯޓުން އަމުރުކުރީ، ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދުން ދިވެހި ފުލުހުންނަށް އަދީބު ހައްޔަރު ނުކުރެވޭނެ ކަމަށާއި ހައްޔަރުކުރެވޭނީ އެ ބޯޓެއްގެ ދިދަ ޖަހާފައިވާ ގައުމަށް ކަމަށެވެ.
އަދީބު އަލުން ހައްޔަރުކޮށްފައިމިވަނީ ރޭ ފަތިހު 05:30 ހާއިރުގައެވެ. ހައްޔަރު ކުރީ އޭނާ ދިރިއުޅުއްވާ ގ. ހުމަށި ގޭގައި ހުންނަވަނިކޮށެވެ.
އަލުން ހައްޔަރުކޮށްފައިވާއިރުއަދީބުގެ މައްޗަށް ތުހުމަތު ކުރަނީ ޕާސްޕޯޓް ހިފަހައްޓާފައިވަނިކޮށް ރާއްޖެއިން ބޭރަށް ވަޑައިގަތުމާއި ޖިނާސީ މައްސަލައެއްގެ އިތުރުން، ކުށަށް އިއުތިރާފުވެ، ކޯޓަށް ހާޒިރުވެ ހެކިބަސް ދެއްވުމަށް އެއްބަސްވުމެއްގައި ސޮއި ކުރެއްވުމަށްފަހު ފިއްލެވި ކަމަށް ބުނާ މައްސަލައިގައެވެ.
ޓަގު ބޯޓެއްގެ ކްރޫއެއްގެ ގޮތުގައި ފިއްލަވައިގެން ދަނިކޮށް އަދީބު އަތުލައިގެންފައިވަނީ އިންޑިއާގެ ތޫތުކުޑީ ބަނދަރު ބޭރުންނެވެ. އޭނާ އަތުލައިގަތީ އިންޑިއާގެ ކަސްޓަމްސް އިންނެވެ. އަތުލައިގަތުމުން އިންޑިއާގެ ސިޔާސީ ހިމާޔަތަށް އަދީބު އެދިލެއްވި ނަމަވެސް އިންޑިއާއިން ނިންމީ އަދީބު އަނބުރާ ފޮނުވާލުމަށެވެ.
އަދީބު އަނބުރާ ފޮނުވާލަން ނިންމުމުން ދިވެހި ފުލުހުން ވަނީ ކަނޑުމަތިން، އަދީބު ހައްޔަރުކޮށްފައެވެ. އަދީބު ރާއްޖެ ގެނައީ ރޭގެ ވަގުތެއްގައެވެ. އަދި އޭނާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރީވެސް ރޭގެ ވަގުތެއްގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް