ހިނގާ އަވަހަށް.. މާމަ ކުރާ ސުވާލުތަކަށް ވަރަށް ވިސްނައިގެން ޖަވާބުދޭތި.. މުސްކުޅިޔަސް މާމަ ވަރަށް ބޯ ބޮޑުވާނެ.. " ރަފާ ބުންޏެވެ. ރާނީވެސް ހުރީ ކޮންމެވެސް ވަރަކަށް ޖެހިލުންވެ ފިނިވާ ގޮތްވެފައެވެ. ކުރިމަތިލާން މިއުޅޭ އިމްތިހާނުން ފާސް ނުވެއްޖެނަމަ ދެންވާނެ ގޮތް ހިތަށް އަރުވާލަންވެސް ދައްޗެވެ.
*************
ސޯފާގައި އެއްފައި މައްޗަށް އަރުވައިގެން ފައިގެ ނިޔަފަތި ތަކުގައި ކުލަ ޖައްސަން އަނޫޝާ އިނެވެ. ނީޒާ ތައްޔާރު ކޮށްގެން ގެނައި ހޮޓް ޗޮކްލެޓް ތަށި ކުރިމަތީގައިވާ މޭޒުމަތީގައި ބަހައްޓަމުން އެގެނައި ކަން އަނޫޝާއަށް އަންގައިލިއެވެ. ކުރަން އިން މަސައްކަތަށް ސަމާލުކަން ދީގެން އިން އަނޫޝާ ހަމައެކަނި ބޯޖަހައިލިއެވެ. ކޮޓަރިން ނިކުމެގެން އައި ސާރާ ބަދޫރާ ކޮބައިތޯ ނީޒާ ކުރެން އަހައިލިއެވެ.
" އަސުރު ކޮށްގެން ޒިކުރުތައް ކިޔަން މަރިޔާދު ގޭގައި އިން.. ކިހިނެއްވީ؟ " ސާރާގެ މޫނުމަތިން ފެންނަމުން ދިޔަ ނުތަނަވަސްކަން ނީޒާއަށް ސިއްރެއް ނުވިއެވެ.
" މިހުރީ އަހަރެން.. ތިބުނާ ކުއްޖާ އައީތަ؟ " ސާރާއަށް ޖަވާބެއް ނުދެވިގެން އުޅެނިކޮށް މަރިޔާދުގެއިން ނިކުމެގެން އައި ބަދޫރާ ބުންޏެވެ
" ކޮންކުއްޖެއް... ؟ " ހައިރާންވެފައި ހުރެ ނީޒާ އެހިއެވެ.
" އަނޫ!!! ނިޔަފަތީގައި ކުލަ ޖެއްސީމަ ވުޟޫ ޞައްޚައެއް ނުވާނެއްނު.. " ނީޒާގެ ސުވާލަށް ސަމާލުކަމެއް ނުދީ ބަދޫރާ ބުންޏެވެ.
" ނަމާދު ނުކުރެވޭ ދުވަސްކޮޅެކޭ މާމާ.. ނަމާދުކުރަންވީމަ ފިލުވާލާނަން.. " އަނޫޝާ ބުންޏެވެ.
" ހުމް.. ތި މަސައްކަތް ކުރަން ކޮޓަރިއަށް ދާންވީނު.. މިގެއަށް މެހެމާނެއް އަންނައިރު ތިފަދަ މަސައްކަތެއް ކުރަން މިތާ އިންނާނެ ކަމެއް ނެތް.. " ބަދޫރާ ބުނެލިއެވެ. އަނޫޝާ އަނގަޔަށް ގޮތެއް ހަދައިލަމުން ހުރިހާ ސާމާނެއް ހިފައިގެން ތެދުވެ ހިނގައިގަތެވެ. ދަމުން ހޮޓް ޗޮކްލެޓް ތަށި ގެންދާށޭ ނީޒާ ބުނުމުން އެއަޑު އިވޭ ކަމަކަށް އަނޫޝާ ނުހެދިއެވެ. ދެފަރާތަކަށް ބޯހޫރައިލަމުން މޫމިނާއަށް އަށް ގޮވާފައި އެތަށި އަނޫޝާގެ ކޮޓަރިއަށް ގެންދިޔުމަށް ނީޒާ ބުންޏެވެ. އަންނަން އުޅެނީ ކޮން މެހެމާނެއްތޯ ބަލަން އޭނާވެސް ބޭނުމެވެ. ހާރޫނު އައިސްފިތޯ ނީޒާ ކުރެން ބަދޫރާ އެހިއެވެ. ޖަވާބުގައި ބޯޖަހައިލަމުން ހާރޫނުވީ ފެންވަރަން ވަދެ ކަމުގައި ނީޒާ ބުންޏެވެ.
ގޭތެރެއަށް ވަދެގެން އައި ރަފާ އާއި ރާނީ ސާރާގެ ލޮލުގައި އަޅައިގަތެވެ. އެހިނދު ބަދޫރާއަށް ގޮވާލާފައި އެމަންޒަރު ދެއްކިއެވެ. ނީޒާވެސް ދޮރާ ދިމާލަށް ބަލައިލިއެވެ. ރަފާ ކައިރީގައި ހުރި ނުދަންނަ އަންހެން ކުއްޖާއަށް ނީޒާ ބަލައިލީ ބީރައްޓެހި ބެލުމަކުންނެވެ.
ބަދޫރާ ފެނުމާއެކު ރާނީގެ ފިޔަވަޅުތަކަށް ލަސްކަމެއް އައެވެ. ކުރިމަތިން ފެންނަމުން ދިޔައީ އޭނާގެ މަންމަގެ ޒެރޮކްސް ކޮޕީއެއް ފަދައެވެ. އެހާވެސް ބަދޫރާއާއި ހާޖަރު ވައްތަރެވެ. ބަދޫރާ ހިނިތުންވެލިއެވެ. އެހިނދު އެހިނިތުންވުންވެސް ކުރިން ފެނިފައިވާހެން ރާނީއަށް އިހުސާސް ކުރެވުނެވެ. ރާނީގެ ފިޔަވަޅުތައް މަޑުޖެހުނުހެން ހީވެ ރަފާ ރާނީގެ އަތުގައި ހިފައިލިއެވެ. ސިއްރުން ކަންފަތް ދޮށުގައި އެހުރީ މާމަ ކަމުގައި ބުނެލިއެވެ. ރާނީއަށް ކުރެވެމުން ދިޔަ އިހުސާސް ބަޔާންކުރަން ދައްޗެވެ. ކުރިމަތިން ފެންނަމުން މިދަނީ އޭނާގެ މަންމަ އާއިލާއެވެ. އެމީހުންނަކީ ދުވަހަކުވެސް ބައްދަލުވެދާނެ ކަމަށް ރާނީ އުއްމީދުކޮށްގެން ހުރި ބައެއް ނޫނެވެ. ހާޖަރާ މެދު އެގެ މީހުން ކަންތައް ކުރި ގޮތުން ހިތުގައި ޝަކުވާ ވިޔަސް އެމީހުންނަށް ރާނީއަށް ނަފްރަތެއް ނުކުރެވުނެވެ. ބަދަލުގައި އޭނާގެ ހިތްއެދި ގޮވަމުން ދިޔައީ އޭނާގެ މާމަ ގައިގައި ބައްދާލުމަށެވެ. އޭނާއަކީވެސް މާމަ ދަރިއެއްކަން އަންގާލުމަށެވެ. ރާނީއަށް ހޭވެރިކަމެއްވީ ކައިރީގައި ހުރި ރަފާ އޭނާގެ އަތުގައި ހިފާ ކުޑަކޮށް ތަޅުވާލުމުންނެވެ.
" އައްސަލާމް އަލައިކުމް.. " ކުރިއަށް ޖެހިލަމުން ބަދޫރާއާ ދިމާލަށް ރާނީ އަތްދިއްކޮށްލިއެވެ. ރާނީގެ އަތުގައި ހިފަމުން ބަދޫރާ ބުންޏެވެ. އެއަށްފަހު ސޯފާއި އިށީނުމަށް އަތުން ރާނީއަށް އިޝާރާތް ކުރިއެވެ. ރާނީ އިށީނުމުން ބަދޫރާވެސް ކުރިމަތީގައި ހުރި ސޯފާގައި އިށީނެވެ. ނީޒާވެސް އަނގަ ނަގައިގެން ހުރެ ބަދޫރާ ކައިރީގައި އިށީނެވެ. ސޯފާގައި ބިއްދޮށުގައި ހުރި ސާރާ ކައިރީގައި ރަފާ ހުއްޓުނެވެ.
" އަހަންނަށް ކިޔަނީ ބަދޫރާ.! ރަފާގެ މާމަ.. ދެން މިހުރީ ރަފާގެ މަންމަ ސާރާ.. ދެން މީ ނީޒާ.. އަހަރެންގެ ދޮށީ ދަރިފުޅުގެ އަންހުނުން... " ބަދޫރާ ތަޢާރަފްކޮށްދިނެވެ. ނީޒާ ހިނިތުންވެލަމުން ރާނީއާ ސަލާމް ކޮށްލިއެވެ.
ގޭތެރެއަށް ޔާނިޝް ވަދެގެން އައީ އެވަގުތުއެވެ. އޭނާގެ މިސްރާބު ހުރީ އެމީހުންނާ ކައިރިއަށް އައުމަށެވެ. އެތަނުގައި ރާނީ އިނުމުން ދައްކަނީ ކޮންވާހަކައެއްކަން އެހުން އޭނާއަށް މަޖުބޫރުވެއްޖެއެވެ. ނަމަވެސް އެހިސާބަށް ނާދެވެނިސް ލޮލުގެ އިޝާރާތުން އެކޮޅަށް ދިއުމަށް ޔާނިޝް ގާތުގައި ބަދޫރާ ބުންޏެވެ. ހުސް އަންހެނުން ތިބޭ ތަނަކަށް އެގޮތަށް ފިރިހެނަކު އައިސް އިނުމަކީ ރަނގަޅުކަމެއް ކަމުގައި އޭނާ ނުދެކެއެވެ. ޔާނިޝްއަށް ލިބުނު ފޫހި ކަމުގައި އެތަނާ ދުރަށް ހިނގައިގަތެވެ. ނަމަވެސް އެތަނުގައި ދައްކާ ވާހަކަ އަޑުއަހާފައި ނޫނީ ދާން އޭނާގެ ހިތް އެއްބަހެއް ނުވިއެވެ. އެހެންކަމުން އެތަނާ ތަންކޮޅެއް ދުރުގައި ހުރި ތަނބުގެ ނިވަލުގައި އޭނާ ހުއްޓުނެވެ.
" ރާނީ ދޯ ކިޔަނީ...!! ރަފާ ބުނި ރާނީ މިގޭގަ ބަހައްޓަން ބޭނުންވެގެން.. އެހެންވެ ބެހެއްޓުމުގެ ކުރިން ވާހަކަ ދައްކާލަން ބޭނުންވީ.. " ބަދޫރާ ބުންޏެވެ. އެވަގުތު މޫމިނާ ސައި ތަބަކަކާ ހެދިކާ ތައްޓެއް ގެނެސް ސޯފާތަކުގެ މެދުގައިވާ މޭޒުމަތީގައި ބެހެއްޓިއެވެ. ބަދޫރާ އައީ މާކުރިންވެސް ސައިތައްޔާރު ކުރުމަށް މޫމިނާ ކައިރީގައި ބުނެފައެވެ.
" ލައްބަ!! މިތަނުން ވަޒީފާ ހަމަޖެހިގެން އައީ... އެހެންވެ ރަފާ ކައިރީގައި ބުނީ މިގޭގަ ހުންނަން ބޭނުންވެގެން.." ރާނީ ޖަވާބު ދިނެވެ.
" އެހެންތަ؟ އެއްޗެކޭ ހީނުކުރާމަތިން ވާހަކައެއް އަހާލަންތަ؟ " ބަދޫރާ އެހިއެވެ. ރާނީ ބޯޖަހައިލިއެވެ.
" ރާނީއަށް ބަލާލާފައި އެނގޭ ވަރަށް ފުދިގެން އުޅޭ އާއިލާއެއްގެ ކުއްޖެއްކަން.. ދެން ކީއްވެ މާލެއަށް ވަޒީފާއަށް އަންނަން ޖެހުނީ؟ އަދި މިކޮޅަށް އައިސް އަމިއްލަ ގެއެއް ގަންނަ ފެންވަރުވެސް ހުންނާނެ ކަންނޭނގެ ރާނީމެންގެ ކިބައިގައި.. އަތުގައި އަޅާފައި ތިއޮތް ގަޑިންވެސް އެކަނި އެކަން ހާމަވޭ.. " ބަދޫރާގެ އެސުވާލަށް ރާނީ މާކުރިންވެސް ތައްޔާރުވެގެން އިން ފަދައެވެ.
" ރަނގަޅަށް ތިބުނުއްވީ... އަޅުގަނޑުގެ ބައްޕައަކ..... ސޮރީ މަންމައަކީ ވަރަށް މުއްސަނދި އާއިލާއަކަށް ނިސްބަތްވާ މީހެއް.. މަންމަ އަދި ބައްޕަ ދެމީހުންނަކީވެސް ދެ ޑޮކްޓަރުން.. މާލެއަށް ވަޒީފާއަށް އައީ ބައްޕަގެ ގައުމުގައި އުޅެލާހިތުން.. ގެއެއް ގަންނަން ބައްޕަ ބުނުއްވި އެކަމަކު އެކަނި އުޅޭ ހިތް ނުވާތީ ހުންނާނެ ތަނެއް ހޯދަން ފެށީ.. ރަފާގެ ވާހަކަތަކުން އެނގުނު މިއާއިލާ އަކީ ހުލްޤު ހެޔޮ މީހުންތަކެއް ތިބި އާއިލާއެއްކަން.. އެހެންވެ ރަފާ ކައިރީގައި އެދުނީ.. " ރާނީ ވާހަކަ ދެއްކީ ކުށެއް ނުޖައްސާވޭތޯ މަސައްކަތް ކުރަމުން ވަރަށް ވިސްނައިގެންނެވެ. ރާނީ ވާހަކަ ދެއްކިއިރު ކޮންމެވެސް ވަރަކަށް އޭނާގެ ނަޒަރު ނީޒާއަށް އަމާޒުވަމުން ދިޔައެވެ. މުއްސަނދި ކަމުގެ ވާހަކަ ދެއްކިއިރު ނީޒާގެ ދެލޯ ވިދައިގަތް މަންޒަރު ރާނި ދުއްޓެވެ. ނީޒާ އަކީ ފައިސާދެކެ ނުހަނު ލޯބިވާ މީހެއްކަން ރަފާގެ ވާހަކަތަކުން ރާނީއަށް އެނގުނެވެ. ނީޒާ ރުހިއްޖެނަމަ އެގޭގައި އުޅެން ފަސޭހަވެ ހަޤީޤަތް ހޯދަންވެސް ފަސޭހަވެ ވާނެ ކަމުގައި ރާނީއަށް އިހުސާސްކުރެވުނެވެ.
" ބައްޕަ އަކީ ރާއްޖޭ މީހެކޭ ދޯ ބުނީ.. ކޮބާ ބައްޕަގެ އާއިލާ މީހުން.. ކީއްވެ އެމީހުން ކައިރީގައި ނުހުންނަނީ.. ؟" ބަދޫރާ އެހިއެވެ.
" ބައްޕަގެ އާއިލާ އެއްވެސް މީހަކު މިހާރު މިކޮޅުގަ ނެތް.. އެންމެންވެސް ތިބީ ރާއްޖެއިން ބޭރުގައި.. " ރާނީ ބުންޏެވެ. " އަޅުގަނޑު މިގޭގަ ހުންނަން ފުރުސަތު ލިބުނިއްޔާ ވަރަށް އުފާވާނެ.. މިހާ އެކުގައި އުޅޭ ބޮޑު އާއިލާއެއްގެ ގާތުގައި އުޅެލަން ލިބުމަކީ އަޅުގަނޑަށް ލިބޭނެ ވަރަށް ބޮޑު ނަސީބެއް ކަމުގައި ދެކެނީ.. މިގޭގަ ބަހައްޓާ މަތިން މަހަކު ފަސް ހާސް ދެވިދާނެ.. " ރާނީ ބުނެލިއެވެ.
" މިގޭ ބަހައްޓާ މަތިން އެއްވެސް ފައިސާއެއް އަހަރެމެން ބޭނުމެއްނު.. އެއަށްވުރެ ފުދިގެން އުޅޭ އާއިލާއެއް އަހަރެމެންނަކީ.. ރާނީއަށް މިގޭގަ ހުރެވިދާނެ.. އެކަމަކު އެއީ ވަރަށް ގިނަ ޝަރުތުތަކަކާއެކު.. " ބަދޫރާ އޭނާގެ ޝަރުތުތަކުގެ ލިސްޓު ކިޔައިދީ ނިމުނުއިރު ރާނީގެ ބޮލުގައި ރިއްސައިގެންފިއެވެ. ރާނީ ވެފައި އިން ގޮތް ފެނި ރަފާ އެމަންޒަރު ސާރާއަށް ދައްކައިލިއެވެ. ވައިޓް ހައުސްގައިވެސް އެހާ ޤަވާއިދު ބޮޑު ނުވާނޭ ރާނީ ހިތަށް އެރިއެވެ. މިގޭ މީހުންނަނށް ކެތްކުރެވޭ ކަމާމެދުވެސް ވިސްނާލެވުނެވެ.
" އެންމެ ފަހު ކަމަކަށް.. ރޭގަނޑު ނުވައެއްގެ ކުރިން ގެއަށް ވަންނަންވާނެ.. ޑޮކްޓަރަކަށްވީމަ އެމަރޖެންސީއަކަށް ދާން ޖެހިދާނެ.. އެކަމަކު ދާންވާނީ އަހަރެން ނޫނީ ސާރާ ނޫނީ ނީޒާ ކައިރީގައި ބުނެލާފައި.. އަދި އެއްވާހަކަ.. އެއްވެސް ރަޙުމަތްތެރިއެއް މިގެއަށް ވެއްދުން މަނާވާނެ.. އެއްވެސް ބައެއްގެ ފަރާތުން އަހަރެންގެ ދަރިންނަށް ނޭދެވޭ އަސަރެއް ކުރާކަށް އަހަރެން ބޭނުމެއްނޫން.. " ބަދޫރާ ބުންޏެވެ. އެހުރިހާ ކަމަކާ އެއްބަސްވަމުން ރާނީ ބޯޖަހައިލިއެވެ.
" އެހެންވީމަ ރާނީ ބޭނުން އިރަކު ބަދަލުވާންވީ.. ރާނީ ހުންނަން ކޮޓަރިއެއް ހަމަޖައްސައިދޭނަން.. " ބަދޫރާ ބުންޏެވެ.
" މިހާރުން މިހާރަށްވެސް ބަދަލުވާން ބޭނުންވެފަ މިއިންނަނީ.. އިރާދަކުރެއްވިއްޔާ މާދަން މިގެއަށް ބަދަލުވާނަން.. ދެން އިހަށް މިވަގުތު ގޮސްލީ.. " ހީނލަމުން ރާނީ ތެދުވިއެވެ.
**************
ރަފާއަށް ހަމަޖެހުމުގެ ނޭވައެއް ލެވުނީ ރާނީ ދިއުމުންނެވެ. ހުރިހާ ކަމެއްވެސް އޮމާންކޮށް ދިޔައީތީ އޭނާ ހުރީ އުފަލުންނެވެ. ކޮޓާރިއަށް ވަންތަނުން ރަފާއަށް ސިހުމެއް ލިބުނެވެ. އެނދުމަތީގައި އިން ޔާނިޝް ފެނުމުންނެވެ. ގަމީސްވެސް ބަދަލު ނުކޮށް އިނުމުން އަދި ޔާނިޝް ކޮޓަރިއަށް ނުދާކަން ރަފާއަށް އެނގުނެވެ.
" ސިއްސައިގެން އެދިޔައީ.. ކިހިނެއްވެފަ މިތާ ތިއިނީ.. "
" ވަޓްސް ގޮއިން އޮން.. ؟ " އެންމެ ފުރަތަމަވެސް ޔާނިޝް ކޮށްލީ ސުވާލެކެވެ. " ރާނީ ކޮންއިރަކު ރަފްގެ ފްރެންޑަކަށްވީ.. "
ޔާނިޝްގެ ފަރާތުން އެސުވާލު އައިސްދާނެ ކަމަކަށް ކުރިއަކުން ރަފާއަށް ވިސްނައިލެވިފައެއް ނެތެވެ. އަވަހަށް ޔާނިޝްއާ ނަޒަރު ވަކިކޮށްލަމުން އަލަމާރި ކައިރިއަށް ޖެހިލީ އޭނާގެ މޫނުމަތީގެ ކުލަވަރު ޔާނިޝްއަށް ފަޅާއަރާފާނެތީއެވެ.
" ހަ.. ހަމަ ފްރެންޑް ވެދާނެއްނު.. އަހަރެން ބުނަން ހަނދާން ނެތުނީ ޔާން ކައިރީ.. " އަލަމާރިން އެއްޗެއް ހޯދަން ކަމަށް ހެދެމުން ރަފާ ބުންޏެވެ.
" ހުސް ދޮގު.. ރާނީ ރަފްއަށް ފެނުނީވެސް އަހަރެންގެ ސަބަބުން.. ފްރެންޑެއްނަމަ އެދުވަހުވެސް އަހަރެން ކައިރީގައި ނުބުނީ ކީއްވެ.. " ޔާނިޝް އެހިއެވެ.
" ދެން މިބުނީނު ފްރެންޑެކޭ.. ދެން އެހާ ސުވާލު ނުކޮށްބަލަ... ދެން ދޭ މިތަނުން އަހަރެން ފެންވަރަން ވަންނަން މިއުޅެނީ.. "
" މީ ރަފް ފެންވަރާ ގަޑިއެއް ނޫން.. އަހަރެން ކައިރީގައި ނުބުނަންވެގެން ތިއުޅެނީ.. އެންމެ ރަނގަޅު އޯކޭ ނުބުންޏަސް.. އަހަރެންވެސް ދެން ކޮންމެ ކޮންމެ ވާހަކައެއް ރަފް ކައިރީގައި ނުބުނާނަން.. " ހިތްހަމަނުޖެހިފައި ޔާނިޝް އެތަނުން ނިކުންނަން ދިޔައެވެ. ޔާނިޝް ހިތްހަމަނުޖެހިއްޖެކަން އެނގުމުން ރަފާ ދެރަވިއެވެ. ޔާނިޝް ހުއްޓުވަން ބޭނުންވިއެވެ. އެހެންނަމަވެސް ރާނީއަށް ވެފައިވާ ވައުދުގެ މަތިން ހަނދާންކޮށްލާފައި ހިމޭނުން ހުންނަން މަޖުބޫރުވިއެވެ.
*************
ތާރާ ގެއަށް ވަންގޮތަށް ފުރިޖުން ފެންފުޅި ނަގައިގެން ގޮސް ސޯފާއަށް ވެއްޓިގަތެވެ. ކަރު ހިއްކައި ގަނެފައިވާވަރުން ފެންފުޅިގެ ދެބައިކުޅަ އެއްބައި ހުސްކޮށްލެވުނެވެ. ދުއާއާ މެދުގައި ވިސްނާފައި އަދިވެސް ތާރާގެ މޫނުމަތިން ފެންނަމުން ދިޔައީ މާޔޫސްކަމެވެ. އެކުވެރިޔާގެ ހިތާމަތަކަށް ލުޔެއް ލިބޭތޯ ހިތާހިތުން އޭނާ ދުއާ ކުރަމުން ދިޔައެވެ. ކޮޓަރިން ނިކުމެގެން އައި އާރަވް ޓީވީ ރެކް މަތީގައި އޮތް ރިމޯޓް ނެގުމަށްފަހު ޓީވީ ހުޅުވައިލިއެވެ. ފުޓްބޯޅަ ޗެނަލަކަށް ލުމަށްފަހު އޭނާވެސް ގޮސް ތާރާ އާއި ތަންކޮޅެއް ދުރުން އިށީނެވެ. ހިމޭންވެފައިވާ ތާރާގެ މާޔޫސްކަން ވެރިވެފައިވާ މޫނު އާރަވްއަށް ފެނުނީ އިރުކޮޅެއް ފަހުންނެވެ.
" ކިހިނެއްވެފަ ތިއިނީ.. ހަމަދް ރުޅިވީތަ؟ " ތާރާއަށް ޖެއްސުމަށް އާރަވް ބުނެލިއެވެ. އާރަވްއަށް ބަލައިލުމަށްފަހު ތާރާ ދެލޯ ހަނިކޮށްލިއެވެ.
" އެއީ ރެވްއެއް ނޫނޭ އަބަދު ރުޅި އައިސްފައި ހުންނާކަށް.. އެހެންނޫނަސް އަހަރެންނަށް ވެފައި އިން ގޮތަށް ރެވް ބަލަން ޖެހޭތަ؟ ރާނީ ގޭގަ ނޫޅެނީތަ ތިހާ އެކަނިވެފައި ތީނދީ.. " ތާރާވެސް ވާހަކަ ދެއްކީ ޖެއްސުމަށެވެ. އާރަވްއަށް ހެވުނީ ރާނީގެ ނަން ކިޔުމުންނެވެ.
" ކީއްވެ ރާނީއާ ތިބެހެނީ.. އޭނައާ ނުބެހެއްޗެ.. " އާރަވްވެސް ޖެއްސުމަށް ބުނެލިއެވެ.
" އައްދެ އައްދެ!! ވަރެއް އެބަވެއެއްނު ރާނީއޭ ބުނީމަ.. ހަމަ އެހާ ލޯބިވޭތަ؟ " ތާރާ ބުނެލިއެވެ. އާރަވްގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. އެގޮތަށް އާރަވް ހެނިކޮށް މިފަހަކަށް އައިސް ތާރާއަކަށް ނުފެނެއެވެ. ކޮންމެ މީހެއްގެ ސަބަބުން ވިޔަސް އާރަވް ހުނުން އަޑުއިވުމުން ތާރާ ހިތްހަމަޖެހުނެވެ.
" ވަޓް..!! ކީކޭ ހީކުރަނީ.. މީ އެންޑް ރާނީ.. ކާކު ދެއްކި ވާހަކައެއް.. " އާރަވް އެހިއެވެ.
" މީހަކު އެވާހަކަ ދައްކަން ޖެހޭތަ؟ އަހަރެންގެ ލޮލަށް ފެނެޔޭ ތިދެމީހުން އުޅޭގޮތް.. ދުއާވެސް މިހާރު ނިންމައިގެން ހުރީ ތިދެމީހުންގެ ގުޅުމެއް ވާކަމަށް.. " ތާރާގެ ދުލުން ދުއާގެ ނަން އިވުމާއެކު އާރަވްގެ ހިނިތުންވުން ފަނޑުވިއެވެ.
" ދެން ކޮބާ މައްސަލައަކީ.. އަހަރެން ބޭނުން މީހަކާ އަހަރެންނަށް ރައްޓެހިވެވޭނެއްނު.. " އާރަވްގެ ރާގު ބަދަލުވިއެވެ.
" އާ ޔޫ ސީރިއަސް.. އެއްބަސްވީތަ ތި.. ހަހަހަ.. މިދަނީ އަވަހަށް ދުއާއަށް ގުޅާފައި ބުނަން.. އޭރަށް އޭނަގެ މޫޑު ބަދަލުވެދާނެ ކަންނޭނގެ.. އެނގޭތަ މިއަދު ވަރަށް ހޫނު ފައިޓެއް ދިޔައެއްނު.. " ތާރާ މިއަދު ކަން ހިނގާ ދިޔަ ގޮތް އާރަވްއަށް ކިޔައިދިނެވެ. ދުއާ ރުއި ވާހަކަ ބުނުމުން އާރަވްގެ ހިތަށް އަސަރުކުރިނަމަވެސް މޫނުމަތިން އެކަމެއް ނުދެއްކިއެވެ. އާރަވް އިތުރު ވާހަކައެއް ނުދެއްކުމުން ތާރާ ފޯނުން ދުއާއަށް ގުޅަމުން ކޮޓަރިއަށް ވަނެވެ.
ނުނިމޭ... ވާހަކައިގެ އާބައެއް، އިންޝާﷲ، ހަތެއް ޖުލައި ވާ ބުރާސްފަތި ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް