ކޮންމެ ކޮންމެ މީހަކު ގެއަށް ވައްދަން ވެދާނެތަ.. ؟ ރަފާ ކައިރީ ބުނޭ އެމަންޖެ ގޮވައިގެން އަހަރެންނާ ބައްދަލުކޮށްލަން އަންނާށޭ.. ވާހަކަ ދައްކާލާފަ ގޮތެއް ނިންމޭނީ... " ބަދޫރާގެ ޖަވާބުން ކޮންމެވެސް ވަރަކަށް ހިތްހަމަޖެހިފައި ހުރެ ބޯޖަހައިލުމަށްފަހު ސާރާ ތެދުވެގެން ހިނގައިގަތެވެ.
*************
" ދެން މާމަވެސް އެހާ ކަންތައްބޮޑުވާން ޖެހޭތަ؟ " ބަދޫރާގެ ޖަވާބު ރަފާ ކައިރީގައި ބުނުމުން ރަފާ ބުންޏެވެ.
" ދެން އިތުރަށް ދޮގެއް ހަދާކަށް ބޭނުމެއް ނޫން.. އެނގެއެއްނު ރަފާއަށް ދޮގު ހެދުމަކީ މަންމައަށް އެހާ ފަސޭހަ ކަމެއް ނޫންކަން.. އަދި ކުރާހިތްވާ ކަމެއްވެސް ނޫން އެއީ.. ހިތަށް އަރާ ރާނީ ކުރަން އެއުޅެނީ ރަނގަޅު ކަމެއް ބާއޭ.. އެކަމުން ނިކުންނާނެ ނަތީޖާއަކާ މެދު ވިސްނާލިޔަސް ބޯ ހަލާކުވާ ވަރުވޭ.. "
" ރާނީގެ ކިބައިން އަހަރެންނަށް ފެންނަނީ ހަޤީޤަތް ހޯދުމަށް އޭނާ ފެންބޮވައިގެންފައި ވާވަރު.. ނޭނގެއެއްނު.. ފަހަރެއްގެ މާމަ ދަރިއެއްކަން އެނގުމުން މާމަގެ ހިތްވެސް މަޑު ކަފަކޮޅަކަށް ވެދާނެއްނު.. " ރަފާ ބުންޏެވެ.
ސާރާއާއި ދެމީހުންވެގެން ރާނީ ގާތުގައި ގުޅާފައި ބަދޫރާ ބުނި ވާހަކަ ބުންޏެވެ. ޖެހިލުންވި ނަމަވެސް ރާނީ އެކަމަށް އެއްބަސްވިއެވެ. ހަޤީޤަތް ހޯދަން ކޮންމެ ފަދަ އުނދަގުލަކާ ނޫނީ ނުރައްކަލަކާ ކުރިމަތިލާން ޖެހުނަސް އޭނާ ތައްޔާރެވެ. އެއްބަނޑުއެއްބަފާ ދައްތައާއި މަންމަގެ އުފާވެރިކަން އެމީހުންނަށް ހޯދައިދިނުމަކީ ރާނީގެ އެންމެ ބޮޑު އަޒުމެވެ.
***********
އެހެން ގެއަކަށް ބަދަލުވާ ވާހަކަ ބުނުމުން އެންމެ ފުރަތަމަވެސް ޖަވާދު އެހީ ސަބަބެވެ. އެމީހުންނަށް ހިތްހަމަނުޖެހޭ ގޮތަކަށް ކަމެއް ކުރެވުނީތޯ ސުވާލުކުރިއެވެ. ރާނީ ދޮގެއް ނުހަދައެވެ. ބުނީ އާއިލާ ބައެއްގެ ގާތަށް ބަދަލުވަނީ ކަމުގައެވެ.
" އެންމެ ރަނގަޅު.. އެކަމަކު ވަރަށް ދެރަވޭ ރާނީ ދާތީ.. އެގެއަށް ދިޔަސް މިގެއަށްވެސް އަންނަންވާނެ.. " ކަންސާ އެދުނެވެ.
" އެއީ ތެދެއް.. ނުބުންޏަސް މިގެއަށް އަންނަންވާނެ.. ނައިއްޔާ ބޭބެމެން ދާނަން ބަލާވެސް. ދޯ ކަންސާ.. " ޖަވާދުގެ ބަހަށް ކަންސާ ބޯޖަހައިލިއެވެ. ރާނީ ހީނލަމުން ހަފްތާއަކު އެއްފަހަރު ނަމަވެސް އެގެއަށް އަންނާނަން ކަމުގައި ބުންޏެވެ.
************
ޑިއުޓީ ނިންމާފައި ތާރާއާއި ދުއާ ނިކުތީ އެކުއެކީގައެވެ. ޑްރައިވަރު ކައިރީގައި ކާރު ގެއަށް ގެންދަން ބުނުމަށްފަހު ދެމީހުން ދިޔައީ ހިނގާފައެވެ. ފިހާރަތަކަށް ވަދެލާ ވިޔަފާރި ކޮށްލުމަށެވެ. ހޮސްޕިޓަލުގެ އަހަރީ ދުވަހުގެ ޕާޓީއަށް ތައްޔާރުވުމަށް ހެނދުން ފެހުމަށް ފޮތި ގަތުމަށެވެ. އެކި ތަންތަނަށް ވަންނަމުން ދިޔައިރު މައިގަނޑު ވާހަކައަށް އެމީހުން ދެއްކީ ހަމަދް އެނބުރި އަންނަ ވާހަކައެވެ. އެނބުރި އައިސް އެންމެ ފުރަތަމަ ކަމަކަށް އޮންނާނީ ތާރާއާ ކައިވެނި ކުރުން ކަމުގައި ހަމަދް ބުނި ކަމަށް ތާރާ ބުންޏެވެ. ހަމަދް އެހެން ނުބުނާނެ ކަމަށް ބުނެ ދުއާ ތާރާއާ ދިމާކުރިއެވެ.
" އަދި ހަނދާންނެތިފައި މިހުންނަނީ.. އެނގޭތަ؟ ރާނީ އެބައުޅެއެއްނު އެހެން ގެއަކަށް ބަދަލުވާން.. " ތާރާ ބުންޏެވެ. ރާނީގެ ނަން އިވުމާއެކު ދުއާއަށް ސިފަވީ އެރޭ އާރަވްގެ މޭގައި ރާނީ ލައްވެލައިގެން އިން ގޮތެވެ. އެމަންޒަރު ސިފަވާ ކޮންމެ ފަހަރަކު ހިތަށް ނުތަނަސްކަމެއް ވެރިވަނީ ކީއްވެ ކަމެއް ދުއާ އަކަށް ނޭނގެއެވެ.
" އެހެންތަ؟ ކީއްވެގެންނޯ.. ރެވް އާ މައްސަލައެއް ޖެހުނީތަ؟ " ދުލުން އާރަވްގެ ނަން ބޭރުވީ އެކަމަށް ޤަސްދު ކުރުމަކާ ނުލައެވެ. ތާރާ ކައިރީ އެހެން އެހުނީތީ ދުއާ އަމިއްލަ ނަފްސަށް ކުދި ކިޔައިލިއެވެ.
" ދުއާ ތިހެން ބުނީމަ ހީވަނީ އެދެމީހުން އުޅެނީ ރައްޓެހިވެގެންހެން.. ހެހެހެ.. "
" ކިހިނެއް އެނގެނީ ނުވާ ކަމެއްވެސް.. " ދުއާ އެހެން ބުނިއިރު އެއަޑުގައި ފޫހިކަމެއް އެކުލެވިފައިވިއެވެ.
" ވެދާނެ ދޯ.. އެކަމަކު ރާނީ ދާން އުޅެނީ އެހެންވެގެނެއް ނޫން.. ރެވްއާ އެއްވެސް މައްސަލައެއް ނުޖެހޭ.. އެހެންނޫންނަމަ މިއަދު ހެނދުނުވެސް ރެވްގެ ސައިކަލު ފަހަތުގަ ހޮސްޕިޓަލަށް ނާންނާނެއްނު.. އަހަރެންނަށްވެސް އަސްލު އެދެމީހުންގެ ގުޅުމާމެދު ޝައްކު.. ގައިމު އަހަރެން މީ ރެވްގެ ކަޒިންއެއް.. ދުލުން ބުނީމަވެސް އެސައިކަލު ފަހަތަށް ނާރުވާ.. ރާނީ ވަރަށް ޙާއްސަވީމަހެން ހީވަނީ ސައިކަލު ފަހަތަށް އަރުވާނީ.. " ތާރާގެ ވާހަކަ އަޑުއަހަމުން ދިޔައިރު ދުއާގެ ހިތް އަނދަމުން ދިޔައީ އިންތިހާއަށެވެ. އޭނާއަށް ވަމުންދާ ގޮތުން ޙުދު އޭނާވެސް ހައިރާންވިއެވެ.
" ރާނީ ކީއްވެގެންނޭ ތިގެއިން ބަދަލުވަނީ.. ؟ " ވާހަކައިގެ މިސްރާބު ބަދަލުކޮށްލުމުގެ މަޤްސަދުގައި ދުއާ އެހިއެވެ.
" އާއިލާ ބައެއްގެ ގާތަށޭ ބުނީ.. " ތާރާ އެހެން ބުނި ތަނުން ދަބަހުގައި އޮތް ދުއާގެ ފޯނު ރިންގުވާން ފެށިއެވެ. ދަބަހުން ނެގި ފޯނުގެ ސްކްރީނަށް އަރާފައި އޮތް ރިޒާއަށް ޙާއްސަކޮށްފައިވާ ނަރުސް ކުއްޖާގެ ނަމްބަރު ފެނުމާއެކު ދުއާގެ ހިތް އަވަސްވިއެވެ. އަވަހަށް ފޯނު ނެގުމަށްފަހު ކަންފަތުގައި ޖަހައިލިއެވެ.
" ވަޓް..!!؟ މަޑުކުރޭ އަހަރެން މިދަނީ.. ތިތަނުން ދުރަށް ނުދައްޗެ އިނގޭ..!! " މިހެން ބުނުމަށްފަހު ދުއާ ފޯނު ބޭއްވިއެވެ. އެމޫނުމަތިން ފެނުނީ ނުތަނަވަސްކަމާއި ރުޅި އެކުވެފައިވާ ކަހަލަ ކުލަވަރެކެވެ.
" ކިހިނެއްވީ ދުއާ..؟ ކާފަ ރަނގަޅުތަ.. ؟ " ދުއާއަށް ވީގޮތް ފެނި ތާރާ އެހިއެވެ.
" ކާފަ ރަނގަޅު.. ހުރިހާވެސް މައްސަލައަކީ ބައްޕަ.. މިއަދު އަހަރެން ހިމޭނުން ނުހުންނާނަން.. " ފިހާރައިން ނިކުންނަން ދަމުން ދުއާ ބުންޏެވެ.
" ކިހިނެއްވީތަ؟ ޒިލާލްބެ ކީއްކުރީ މިހާރު؟ " ދުއާގެ ފަހަތުން ދަމުން ތާރާ އެހިއެވެ.
" ފަހުން ކިޔައިދޭނަން.. އިހަށް ހިނގާބަލަ ޓެކްސީއެއް ހޯދަން.. " މަގުމައްޗަށް ނިކުމެ ދެފަރާތް ބަލައިލަމުން ދުއާ ބުންޏެވެ.
****************
ބާރު މިނުގައި ގެއަށް ވަދެގެން އައި ދުއާގެ މިސްރާބު ހުރީ ޒިލާލްގެ ސްޓަޑީއާ ދިމާލަށެވެ. ޓަކި ޖަހާލުމެއްވެސް ނެތި ސްޓަޑީގެ ދޮރު ހުޅުވާލާފައި ދުއާ އެތެރެއަށް ވަނެވެ. އެތެރެއަށް ވަންނަން ނުކެރި ތާރާ މަޑުކުރީ ބޭރުގައެވެ. ދުއާ ވަންއިރު އެތަނުގައި ތިބިހާ ހޮސްޕިޓަލުގެ ބޯޑު މެމްބަރުންގެ ނަޒަރު ދުއާއަށް ހުއްޓުނެވެ. ބޮޑު ގޮނޑީގައި އިން ޒިލާލްގެ ނަޒަރުގައިވީ ނުރުހުމެވެ. ޒިލާލް އާއި އޭނާ ކައިރީގައި އިން ރިޒާގެ ޑޮކްޓަރަށް ބަލައިލި ހިނދު ދުއާގެ ދަތްތަކަށް ބާރުވިއެވެ.
" ވަޓް ދަ...... ތިގޮތަށް މިތަނަށް ވަނުމުގެ ބޭނުމަކީ ކޮބާ؟ " އިންތަނުން ތެދުވަމުން ޒިލާލް ބުނީ ހިތްހަމަނުޖެހިފައެވެ.
" މިތާ ތިބި އެންމެން މިތަނުން ނިކުމޭ.. " އަމުރުވެރި ރާގެއްގައި ދުއާ ބުންޏެވެ.
" ދުއާ.. " ޒިލާލްގެ އަޑު ބާރުވެގެން ދިޔައެވެ.
" އަހަރެން މިބުނީނު މިތަނުން ދާށޭ... " ޒިލާލްއަށް ސަމާލުކަމެއް ނުދީ ދުއާ ތަކުރާރު ކޮށްލިއެވެ. އެތާ ތިބި މީހުން އެކަކު އަނެކަކަށް ބަލާ ކުދި ކިޔަމުން އެތަނުން ނިކުންނަން ފެށިއެވެ. ޒިލާލް ހީވަނީ ރުޅި އައިސްގެން ފަޅައިގެން ދާން އުޅޭ ހެންނެވެ. ވައިސޫރިއެއްހެން އައިސް ދުއާގެ ކުރިމަތީގައި ހުއްޓުނެވެ. އެހުރި ފިޔަވަޅުމަތީގައި ދުއާ ހުރީ ޒިލާލް ދެކެ ޖެހިލުން ނުވާ ކަމަށް އެންގުމަށެވެ.
" ހައު ޑެއަރ ޔޫ.. ތިކަމުން ކަލެއަށް ލިބޭނެ ގެއްލުމަކާ ދޭތެރޭގައި ވިސްނާލިންތަ؟ " ޒިލާލް ބުންޏެވެ.
" ﷲ އިރާދަކުރެއްވިއްޔާ އަހަރެންނަށް އެއްވެސް ގެއްލުމެއް ނުލިބޭނެ.. ތިކުރަން އުޅޭ ކަންތައް ކޮށްފިއްޔާ ހުރިހާ ގެއްލުމެއް ލިބޭނީ ބައްޕަޔަށް.. ހަމަ އެއްވެސް އެއްޗެއް ބައްޕަ ހިތަކަށް ނާރާތަ؟ ކާފަ ލައިފް ސަޕޯޓުން ނަގަން ތި ނިންމީ ކާކުގެ ހުއްދަޔާ އެކު..؟ " ދުއާ ވާހަކަ ދެއްކީ މަޑުމައިތިރިކަމާއެކު ނަމަވެސް އެއަޑުގައި ރުޅިވެރިކަން އެކުލެވިފައިވިއެވެ.
" މީހެއްގެ ހުއްދަ ހޯދަން އަހަރެންނަކަށް ނުޖެހޭނެ.. ބައްޕަގެ ބަލަދުވެރިޔަކަށް ހުރީ އަހަރެން އެކަނި.. ރަނގަޅުވާނެ ކަމުގެ އެއްވެސް އުއްމީދެއް ނެތް މީހެއް އެއީ.. ލައިފް ސަޕޯޓުން ނަގަން މިއުޅެނީ އެބައްޕަޔަށް އިތުރު ތަކުލީފެއް ނުދޭންވެގެން.. "
" ހުސް ދޮގު.. ތީ ކާފައާ މެދު ދުވަހަކުވެސް ތިވަރަށް ވިސްނި މީހެއް ނޫން.. ބައްޕަ ބޭނުންވެގެން އުޅެނީ ކޮންކަމެއްކަން އަހަރެންނަށް ނޭނގޭ ކަމަށްތަ ހީކުރަނީ..؟ ތިއުޅެނީ މި މުދާ ގަނޑު ލިބޭލެއް ލަސްވެގެން.. ކާފަ މަރާލަން ތިއުޅެނީ އެހެންވެ؟ " ދުއާގެ އަޑުގައިވީ ޖެހިލުން ކުޑަކަމެވެ.
" ދުއާ !!! " ޒިލާލްގެ އަޑު އިހުނަށްވުރެ ގަދަވިއެވެ. " ތި އަނގަ މައިތިރިކުރޭ.. އެހެން ނޫނީ ކަލޭގެ މަންމައަށް ހަދާލިހެން ހަދާލަން ޖެހިދާނެ.. "
ޒިލާލްގެ އިންޒާރު އިވި ދުއާގެ ދެލޯ ފެންކަޅިވިއެވެ. ފަހަރެއްގައިވެސް އެއިންޒާރުން ޖެހިލުންވެގެނެއް ނޫނެވެ. އޭނާގެ މަންމަގެ ޒިކުރު ކުރުމުންނެވެ. ކުރިންވެސް އޭނާގެ މަންމަ އޭނާ ދޫކޮށް ދިޔައީ ޒިލާލްގެ ސަބަބުންނޭ ދުއާއަށް ހީވިއެވެ. ނަމަވެސް މިއަދު އެކަން ޔަގީންވެއްޖެއެވެ.
" ތީ އަހަރެންގެ ބައްޕައަށް ވީތީ ހަޑި ޒުވާބެއް ކުރާކަށް އަހަރެން ބޭނުމެއް ނޫން.. ކާފަ ލައިފް ސަޕޯޓުން ނަގައިފިއްޔާ އަހަރެން ގަސްދުގައި މީހަކު މަރާލި ކަމަށް ބައްޕަގެ މައްޗަށް ދަޢުވާ ކުރާނަން.. ހަނދާން ނައްތާނުލާ!! ކާފައަށް ސްޓްރޯކްޖެހި ވީހާވެސް އަވަހަކަށް ސަރޖަރީ ހަދަން ޖެހުމުން ކޮންސެންޓް ފޯމުގައި ސޮއި ކުރީ ބައްޕައެއް ނޫން އަހަރެން.. އެދުވަހު ބައްޕަ ހުރީ ރައްޓެހިންނާއެކު މަޖާކުރަން ގޮސް ރިސޯޓެއްގައި.. ކާފައަށް ތިހާ ކެއަރ ކުރާނަމަ އެދުވަހު އެފޯމުގައި ސޮއި ކުރަން ނައީ ކީއްވެ؟ އަދި އެއްވާހަކަ.. ވަރަށް ބޭނުމެއްނު ވަޞިއްޔަތް އޮތީ ކިހިނެއްތޯ ބަލަން.. އަޑުއަހާ.. އޭގައި އޮތީ ހަމަހަމަކޮށް.. ބައްޕައާއި އަހަރެންނަށް ފަންސާސް ފަންސާސް.. ޤަބޫލު ނުކުރެވެންޏާ ކާފަގެ ވަކީލު ކައިރީގައި އަހާ..!! " ޒިލާލްއަށް ވާހަކަ ދައްކާނެ ފުރުސަތެއް ނުދީ ދެލޯ ފޮހެލަމުން ދުއާ އެތަނުން ދާން ހިނގައިގަތެވެ. ދެއަތް މުށްބާރުކޮށްލަމުން ދަތްކުޑިވިކާލައިގެން ދުއާ އާ ދިމާލަށް ބަލަހައްޓައިގެން ޒިލާލް ހުރީއެވެ. އިވިގެން އެދިޔައީ އޭނާއަށް ހަޖަމުކުރަން ފަސޭހަ ވާހަކަތަކެއް ނޫނެވެ.
*************
ރޮމުން ކޮޓަރިއަށް ވަން ދުއާގެ ފަހަތުން ތާރާވެސް ވަނެވެ. ސޯފާގައި އިށީނދެވުމާއެކު ދުއާގެ ބަޑި ފަޅައިގެން ދިޔައެވެ. ތާރާ ގޮސް ދުއާ ކައިރީގައި އިށީނދެ ދުއާގެ ގައިގައި ބައްދައިލިއެވެ. ދުއާ އާއި ޒިލާލްއާ މެދު ދެކެވުނު ހުރިހާ ވާހަކައެއް ތާރާއަށް އަޑުއިވުނެވެ. ދުއާ ޒިލާލްއާ ދިމާލަށް ބުނި ކޮންމެ އެއްޗަކީ ވަރަށް ހިތްވަރުކޮށްފައި ބުނި އެއްޗެއްކަން ތާރާއަށް އިހުސާސްވިއެވެ. އެއީ މީގެ ކުރިން ދުވަހަކުވެސް ދުއާ ޒިލާލްއާ މުޙާތަބުކޮށްފައިވާ ވާގޮތެއް ނޫންކަން އެނގޭތީއެވެ.
" ދުއާ ޕްލީޒް ނުރޮއި.. ތީ ވަރަށް ހިތްވަރުގަދަ ކުއްޖެއްނު.. " ތާރާ ބުނެލިއެވެ.
" އަހަރެންގެ ބައްޕައަށް ނުވިސްނެނީ ކީއްވެތަ؟ އާއިލާ މީހަކާ މެދު ކުޑަވެސް ލޯތްބެއް ބައްޕަގެ ހިތުގަ ނެތީތަ؟ ކާފަ ދުނިޔޭގައި އޮއްވައި މަރާލަން އުޅޭނީ ކިހާ ހިތްހަރުވީމަ! މިއަދު އެނގިއްޖެ އަހަރެންގެ މަންމަވެސް އަހަރެން ދޫކޮށްލާފައި ދިޔައީ ބައްޕަގެ ސަބަބުންކަން.. ހިތަށް އަރާ މަންމަ ހުރި ނަމައޭ.. ދުނިޔޭގައި ހުރިއްޔާ ކޮންމެވެސް ތާކު މަންމަ ހުންނާނެއްނު.. މިހާ ދުވަސްވިއިރުވެސް އެމަންމަ އަހަރެން މަތިން ހަނދާން ނުވަނީތަ؟ އަހަރެން ކަހަލަ ބަދުނަސީބު ކުއްޖެއް ތާރާ ދުވަހަކުވެސް ދުށިންތަ؟ މައިންބަފައިން ތިބެމެ އެމީހުންގެ ލޯތްބެއް އަހަރެންނަށް ނުލިބޭ.. ލޯބިވާން ހުރި މީހާވެސް އެއޮތީ މަރުގެ ތުންފަތްމަތީގައި.. " ރޮމުން ދުއާ ދައްކަމުން ދިޔަ ވާހަކަތަކުން ތާރާގެ ވެސް ދެލޯ ފުރިގެން އައެވެ.
***********
ހަވީރުގެ ވަގުތެވެ. ގޭގެ ގޭޓު ކުރިމަތީގައި ރަފާ ހުއްޓި ހުރީ ރާނީގެ އިންތިޒާރުގައެވެ. އޭނާގެ މޫނުމަތިން ކޮންމެވެސް ވަރެއްގެ ކަންބޮޑުވުމެއް ފެންނަން ހުއްޓެވެ. ކިރިޔާވެސް ބަދޫރާއަށް ޝައްކެއް ވެއްޖެނަމަ ކަންތައް ވަރަށް ގޯސްވާނެކަން އެނގެއެވެ. އެންމެ ބޮޑު ހަމަލާއެއް އަންނާނީ އޭނާއާއި ސާރާއަށެވެ. ސައިކަލުގައި ގެއަށް ވަންނަން އައި ޔާނިޝްއަށް ގޭޓުކައިރީގައި ހުރި ރަފާ ފެނުމުން މަޑުކޮށްލިއެވެ.
" ކާކަށް ފަރި ދައްކަން ނިކުމެ މިގަޑީ މިތާ ތިހުންނަނީ..؟ އަވައްޓެރި ގެއަކަށް ރީތި ސޮރަކު އައީތަ؟" ވަށައިގެން ނަޒަރު ހިންގައިލަމުން ޔާނިޝް އެހެން ބުނީ ސަމާސާ އެކުލެވިފައިވާ ރާގެއްގައެވެ.
" ސާބަސް.. ފްރެންޑެއް އަންނަންދެން މިހުރީ.. " ރަފާ ބުންޏެވެ.
" ފްރެންޑެކޭ.. ކޮންކަހަލަ ފްރެންޑެއް.. ބިޓުތަ؟ ގޭ މީހުންނާ ބައްދަލުކޮށްދެންތަ ތިގެންނަނީ.. ؟" އަނެއްކާވެސް ޔާނިޝް ބުނެލިއެވެ. ރަފާ ޔާނިޝްއާ ދިމާލަށް ދެލޯ ހަނިކޮށްލިއެވެ.
" ޔާން އަށް ތިނޫން ވާހަކައެއް ދައްކަން ނޭނގެނީތަ؟ އަހަރެން މީހަކާ ނީނދެގެން އުޅޭހެން ހީވަނީ.. "
" އުނހު.. މީހަކާ އިންނާނެ ކަމެއް ނެތް.. އޭރުން ރަފް ދިޔައިމަ އަހަރެން ކިހާ ފޫހިވާނެ.. " ޔާނިޝް ބުނެލިއެވެ. މިފަހަރު ރަފާ ޔާނިޝްއާ ދިމާލަށް ލޯއަޅައިލިއިރު އެތުންފަތްމަތީގައި ހިނިތުންވުމެއްވިއެވެ. ގޭ ދޮރުމައްޗަށް ކާރެއް މަޑުކޮށްލީ އެވަގުތުއެވެ. ޔާނިޝްއާއި ރަފާ އެދިމާލަށް ބަލައިލީ އެކުއެކީގައެވެ. ކާރުން ފޭބި ރާނީ ޑްރައިވަރަށް ލާރި ދިނުމަށްފަހު އެގެއަށް ވަންނަން ދިޔައެވެ. ޔާނިޝްގެ ހިތް ހީވީ ދެންމެ ދެންމެ ފުންމައިގެން ނިކުމެދާނެހެންނެވެ. ހިނިތުންވެ ހުރެ އެމީހުންނާ ދިމާލަށް އަންނަމުން ދިޔަ ރާނީއަށް ބަލަހައްޓައިގެން އިން އިރު އޭނާ ކަޅިޖަހާލަންވެސް ހަނދާން ނެތް ފަދައެވެ. ރާނީ އައި ގޮތަށް އައިސް ރަފާ ގައިގައި ބައްދާލައިފިއެވެ.
" ރާނީ.. މީ ޔާނިޝް.. އަހަރެމެނ.. އަހަރެންގެ ކަޒިންއެއް.. ޔާން.. ރާނީ އެނގެއެއްނު.. " ރަފާ ތައާރަފް ކޮށްދިނެވެ. ޔާނިޝް ކުރިމަތީގައި ހަޤީޤަތް ބުނެނުދެވުނީ ކިރިޔާއެވެ.
" އަހަރެންގެ ގައިގައި ކާރުން ޖައްސަން އުޅުނު މީހާ ދޯ.. " ޔާނިޝްއާ ދިމާލަށް ސަލާމަށް އަތް ދިއްކޮށްލަމުން ރާނީ ބުންޏެވެ. ލުއި ލުއި މިއުޒިކެއް ފަދަ އަޑުއިވުމާއެކު ހިތަށް ކުރުވީ ބަޔާންކުރަން ދަތި ފުން އަސަރެކެވެ. ދިއްކޮށްލެވިފައިވާ ރާނީގެ އަތަށް ޔާނިޝް ބަލައިލިއެވެ. ދޮން ކުރިކީލަ ކޮޅެއްފަދަ އަތެކެވެ. އެހިމަ ހޯލި އިނގިލިތައް ފެންނަލެއް ނާޒުކުކަމުން އެއަތުގައި ހިފަން ޖެހިލުންވެފައި ޔާނިޝްއަށް އިނދެވުނީއެވެ. ޔާނިޝްއަށް ހަމަހޭވެރިކަމެއް ލިބުނީ ރަފާ ގޮވައިލުމުންނެވެ. ރާނީ ރަކިވާހެން ހީވުމުން ޔާނިޝްއަކަށް ނީނދެވުނެވެ. ހިނިތުންވާން މަސައްކަތް ކުރަމުން އެއަތުގައި ހިފައި ސަލާމްކޮށްލިއެވެ. ރަފާ ރާނީގެ އަތުގައި ހިފައިގެން އެތެރެއަށް ދިއުމަށް ހިނގައިގަތެވެ.
" ހިނގާ އަވަހަށް.. މާމަ ކުރާ ސުވާލުތަކަށް ވަރަށް ވިސްނައިގެން ޖަވާބުދޭތި.. މުސްކުޅިޔަސް މާމަ ވަރަށް ބޯ ބޮޑުވާނެ.. " ރަފާ ބުންޏެވެ. ރާނީވެސް ހުރީ ކޮންމެވެސް ވަރަކަށް ޖެހިލުންވެ ފިނިވާ ގޮތްވެފައެވެ. ކުރިމަތިލާން މިއުޅޭ އިމްތިހާނުން ފާސް ނުވެއްޖެނަމަ ދެންވާނެ ގޮތް ހިތަށް އަރުވާލަންވެސް ދައްޗެވެ.
ނުނިމޭ... ވާހަކައިގެ އާބައެއް، އިންޝާﷲ ފަހެއް ޖުލައި 2022 ވާ، އަންގާރަދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް