ޤައުމުގެ އަޚުލާޤީ ފޭރާން ރަނގަޅުކުރެވޭނީ ފަރުދީ ޒިންމާ އަދާކޮށްގެން: ޚުޠުބާ

ހެޔޮ ކަންތަކަށް އަމުރުކުރުމާއި މުންކަރާތްތައް ނަހީކުރުމުގެ ފަރުދީ ޒިންމާ އަދާކޮށްގެން ނޫނީ ޤައުމުގެ އިޖުތިމާޢީ އަދި އަޚުލާޤީ ފޭރާން ރަނގަޅު ނުކުރެވޭނެ ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ. "ހެ...

05 Jun 2026 | 07:35
N/A

N/A

ހެޔޮ ކަންތަކަށް އަމުރުކުރުމާއި މުންކަރާތްތައް ނަހީކުރުމުގެ ފަރުދީ ޒިންމާ އަދާކޮށްގެން ނޫނީ ޤައުމުގެ އިޖުތިމާޢީ އަދި އަޚުލާޤީ ފޭރާން ރަނގަޅު ނުކުރެވޭނެ ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.

"ހެޔޮ ކަންތަކަށް އަމުރުކުރުމާއި މުންކަރާތްތައް ނަހީކުރުން" މި މައުޟޫޢަށް ޚާއްޞަކޮށްފައިވާ ޚުޠުބާގައި ބުނީ، މާތް ﷲ ޙުރުމަތްތެރިކުރައްވައިފައިވާ މީސްތަކުންގެ ލެޔާއި މުދަލާއި އަބުރު ރައްކާތެރިކުރުމަށް ޓަކައި މަސައްކަތްތަކެއް ކުރާން ޖެހިފައިވާ ކަމަށެވެ. ޤައުމުގެ އިޖުތިމާޢީ އަދި އަޚުލާޤީ ފޭރާމަށް ބަލާއިރު ރަނގަޅުކުރާން ޖެހޭ ކަންތައްތައް ހުރި ކަން ވެސް ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ.

ޚުޠުބާގައި ބުނީ ކޮންމެ ފަރުދަކު ވެސް އެ މީހަކަށް ކުޅަދާނަވީ މިންވަރަކުން މުންކަރާތް މަނާކުރާން ޖެހޭ ކަމަށެވެ. ކީރިތި ރަސޫލާ ﷺ ގެ ޙަދީޘްފުޅަށް ޙަވާލާދީ ޚުޠުބާގައި ބުނީ، މުންކަރާތެއް ފެނިއްޖެ ނަމަ އަތުން މަނާކުރުމަށާއި، އެ ކަމުގެ ކުޅަދާނަކަން ނެތް ނަމަ ދުލުން މަނާކުރުމަށާއި، އެވެސް ނުވެއްޖެ ނަމަ ހިތުން އިންކާރުކުރުމަށެވެ. އެއީ އީމާންކަމުގެ އެންމެ ދަށު ދަރަޖަ ކަމަށް ވެސް ޚުޠުބާގައި ހަނދާންކޮށްދީފައިވެއެވެ.

މީގެ އިތުރުން، ނަވެއް ފޫވައްޓައިލުމުގެ މިސާލު ގެންނަވައި ޚުޠުބާގައި ބުނީ، ނުބައި ކަންކަން ހުއްޓުވައިގެން ނޫނީ މުޅި މުޖުތަމަޢު ސަލާމަތް ނުވާނެ ކަމަށެވެ. ރަށެއްގެ އަހުލުވެރީން އީމާންވެ ތަޤުވާވެރިވެއްޖެ ނަމަ، އުޑުންނާއި ބިމުން ބަރަކާތުގެ މަގުތައް ހުޅުއްވައިދެއްވާނެ ކަމަށް ވެސް ޤުރުއާނުގެ އާޔަތްތަކުން ދަލީލު ގެނެސް ބަޔާންކޮށްފައިވެއެވެ.

ޚުޠުބާ ނިންމައިލަމުން ގޮވައިލައިފައި ވަނީ ހަރުދަނާ އަޚުލާޤީ ޖީލެއް ބިނާކުރުމަށް ޓަކައި އެންމެން އަތުގުޅައިލުމަށެވެ. މައިންބަފައިން ދަރީން ހެޔޮ ގޮތުގައި ތަރުބިޔަތުކުރުމާއި، މުދައްރިސުން ނަމޫނާ ބަޔަކަށް ވުމާއި، ދީނީ ޢިލްމުވެރީން ހެޔޮ ނަސޭހަތް ދިނުމާއި، މަސްއޫލުވެރީން ޤައުމުގެ މަޞްލަޙަތު އިސްކުރުމަށް ވެސް ޚުޠުބާގައި އިލްތިމާސްކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް