ވާހަކަ: ސިއްރު – ހަތްވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ... ލައިސަމްއަށް ސާރާއާއި އަފްޒަލް ހުރި ގާތްކަން ފެނި ރުޅިގަދަވިއެވެ. ލައިސަމް އެތެރެއަށް ވަދެ ލައިސަމްގެ އަތުގައި އޮތް ކޮތަޅު އެނދު ކައިރީގައި ހުރި މޭޒު މަތީގައި ބެހެއްޓިއެވެ. "މަ...

05 Jun 2024 | 06:42

ކުރީގެ އަދަދާއި ގުޅޭ...

ލައިސަމްއަށް ސާރާއާއި އަފްޒަލް ހުރި ގާތްކަން ފެނި ރުޅިގަދަވިއެވެ. ލައިސަމް އެތެރެއަށް ވަދެ ލައިސަމްގެ އަތުގައި އޮތް ކޮތަޅު އެނދު ކައިރީގައި ހުރި މޭޒު މަތީގައި ބެހެއްޓިއެވެ. "މަންމަ ދިން ކުރުނބާއެއް މީ...ވަގުތެއް ވެއްޖެއްޔާ ބޯލާތި!" ސާރާއާއި ދިމާލަށް ބަލާލާފައި ލައިސަމް އެހެން ބުނުމަށް ފަހު ވޯޑުން ނިކުމެގެން ދިޔައެވެ.

ލައިސަމް ފެނުމުން ސާރާގެ މޫނުމަތިން ފެނުނު ކުލަވަރު އަފްޒަލްއަށް ފެނުނެވެ. އަފްޒަލް ސާރާގެ މޫނަށް ބަލާލިއެވެ. އޭރު އެ މޫނުން ފެންނަމުންދިޔައީ ހާސްކަމެވެ. "ސާރާ ރިލެކްސް... ފުން ނޭވާއެއް ލާބަ...މީހާ ހަމަޖެހިބަ ފުރަތަމަ" އަފްޒަލް ސާރާގެ އަތުގައި ފިރުމާލަމުން ބުންޏެވެ. ސާރާ ހަމަޖެހުމަށް މަސައްކަތް ކުރިއެވެ. "އޮށޯވެލާބަ... ކުޑަކޮށް ރެސްޓް ކޮށްލީމަވެސް އޯކޭ ވެދާނެ" އަފްޒަލް ސާރާއަށް ނަސޭހަތް ދިނުމުގެގޮތުން ބުނެލިއެވެ. ސާރާ އެނދުގައި އޮށޯވެލިއެވެ. "މި އަންނަނީ ސިގިނރޭޓެއް ބޯލައިގެން" އަފްޒަލް ސާރާ ގާތު ބުނެލިއެވެ. ސާރާ އަފްޒަލްގެ އަތުގައި ހިފިއެވެ.

"ނުދޭބަ...ޕްލީޒް" ސާރާގެ ލޮލުން ކަރުނަތައް ފައިބާގަތެވެ. އަފްޒަލް ސާރާގެ އެދުމުގެ މަތިން މަޑުކޮށްލިއެވެ.

އޭގެ އިރުކޮޅެއް ފަހެވެ.

އަފްޒަލްއަށް ވެސް އިނީ ނިދިތާއްޔާ ޖެހިފައެވެ. ސާރާގެ ބައްޕަ އައިސް އަފްޒަލްގެ ކޮނޑުގައި އަތް ޖައްސާލިއެވެ. އަފްޒަލް ސިއްސައިގެން ގޮސް ބަލާލިއެވެ. "ކޮބާ އަފްޒަލް ދޭ ދެން އަރާމުކޮށްލަން އަހަރެން މިއައީ އަފްޒަލް ފޮނުވަން އިޝާ ނަމާދުކޮށްލައިގެން" ސާރާގެ ބައްޕަ ބުންޏެވެ. އަފްޒަލް ލޯ ކަހަމުން ތެދުވެ ސާރާއަށް ބަލާލާފައި އެތަނުން ނިކުތެވެ. ހޮސްޕިޓަލު ޕާކިން ޒޯން ސަރަހައްދުގައި އަފްޒަލް މަޑުކޮށްލީ ސިގިނރޭޓެއް ބޯށެވެ. އެ ސަރަހައްދު އަނދިރި ކަމުން ތަނެއް ދޮރެއް ވަކި ނުވެއެވެ. އެ ސަރަހައްދުގެ ހޮޅިދަނޑިތައް ހުރީ އަނދާފައެވެ. އަފްޒަލް ސިނގިރޭޓު ރޯކޮށްލުމަށް ފަހު ސައިކަލު މަތީގައި އިށީދެލިއެވެ. އެއް އަތުގައި ސިގިރޭޓް އޮތް އިރު އަފްޒަލް އިނީ އަނެއް އަތުން ފޯނާ ކުޅޭށެވެ.

ކުއްލިއަކަށް ސިއްސައިގެން ގޮސް ފަހަތް ބަލާލެވުނީ މީހެއްގެ ހިލަމެއް ވާހެން ހީވުމުންނެވެ. "ކާކު؟" އަފްޒަލް މުޅި ސަރަހައްދަށް ބަލާލަމުން ބުންޏެވެ.ސިނގިރޭޓު ނިއްވާލުމަށް ފަހު ސައިކަލަށް އަރައިގެން އަފްޒަލް ގެއާ ދިމާލަށް ދިޔައެވެ.

ދުވަސްތައް ވެއަތުވަމުން ގޮސް ސާރާވެސް ގަދަ ވެއްޖެއެވެ. ހޮސްޕިޓަލުން ޑިސްޗާޖު ކޮށްފިއެވެ. އެހެން ނަމަވެސް ކުޑަ އިރުކޮޅަކަށް ވެސް ސާރާއަށް އެކަނި ހުންނާކަށް ނުކެރެއެވެ. ސާރާގެ އެކަނިވެރިވިޔަނުދިނުމަށް އަފްޒަލްގެ ގިނަ ވަގުތު ހޭދަކުރަނީ ސާރާއާއި އެކުގައެވެ. ނޭނގި ތިއްބާ ދެމީހުންގެ މެދުގައި ލޯތްބެއް އުފެދިއްޖެ ކަމުގެ އިހުސާސް ދެމީހުންނަށް ވެސް ކުރެވުނެވެ. އެހެން ނަމަވެސް ދެމީހުންވެސް ތިބީ އެ ވާހަކަ ދައްކަން ބިރުންނެވެ. ވަގުތެއް ވެއްޖެނަމަ އަފްޒަލް އިންނަނީ ސާރާ ކައިރީގައެވެ. އެގޮތުން އާދައިގެ މަތިން މިއަދުވެސް އަފްޒަލް މެންދުރު ފަހުގެ ވަގުތެއްގައި އެގެއަށް ދިޔައެވެ. ސަލާން ގޮވާލުމަށް ފަހު އެތެރެއަށް ވަނެވެ. އޭރު ސާރާގެ ކޮއްކޮ ސާމާ އިނީ ސާރާ ކައިރީގައި ކޮޓަރީގައެވެ.

އަފްޒަލް ކޮޓަރިއަށް ވަދެ ކޮންމެވެސް މަޖާ ވާހަކައެއް ދައްކާނެއެވެ. އެންމެން މިހެން ސަކަރާތުގައި ތިއްބާ ލައިސަމް އިޝާ ގޮވައިގެން އައެވެ. އިޝާ ސާރާ ކައިރިއަށް ލުމަށް ފަހު ލައިސަމް މަޑުވެސް ނުކޮށްލާ ގޮސްފިއެވެ. އިޝާ އައިސް ސާރާގެ ގައިގައި ބައްދާލިއެވެ.ސާރާވެސް ލޯބިން އިޝާ ގައިގައި ބައްދާލުމަށް ފަހު ކޮލަށް ދޮނެއް ދިނެވެ. "މަންމި ހިނގާބަ އިޝޫ އާއި އެކީގަ ކުޅެން" އިޝާ ބުންޏެވެ. ސާރާއަށް ލިބުނީ ހައިރާން ކަމެކެވެ. ކިތަންމެ ކައިރިކޮށް ސާރާ އިޝާ އާއި އުޅުނަސް މީގެ ކުރިން ދުވަހަކުވެސް ސާރާއަކަށް އިޝާ މަންމައެއް ނުކިޔައެވެ. "މި އިޝޫގެ މަންމި ތަ؟" ސާމާ ސާރާގެ ގައިގައި އަތް ޖައްސާލާފައި ބުންޏެވެ. "ލައްބަ... ބައްޕި ބުނި މަންމި ވަރަށް އަވަހަށް އިޝޫ މެން ގެއަށް ގެންނާނަމޭ" އިޝާ ބުންޏެވެ. އިޝާ އެހެން ބުނުމާއި އެކު ސާރާ ކޮށި އެރިއެވެ. ކައިރީގައި އިން ފެން ފުޅި ނަގާ އަފްޒަލް ސާރާއަށް ދިއްކޮށްލިއެވެ."މަންމި އަންނާނަން ދޯ އިޝޫ ކައިރިއަށް" އިޝާ ތަކުރާރު ކޮށް ބުނެލިއެވެ.

ސާރާ ގަދަކަމުން ހިނިތުން ވެލިއެވެ. "ބޭބެ މިއުޅެނީ މަންމި ގެންދަން " އަފްޒަލް ހީލަމުން އިޝާ އާއި ދިމާކޮށްލިއެވެ.

އިޝާ އަފްޒަލް އެހެން ބުނުމާއި އެކު ބާރު ބާރަށް ރޯން ފެށިއެވެ. "ސާމާ ދޭބަ އިޝޫ އެގެއަށް ލާދޭން... ދޮންތި ވަރަށް ބޮލުގަ ރިއްސާތީ އަރާމުކޮށްލަން ބޭނުން" ސާރާ ބުނެލިއެވެ.

"އުހުން ސާމާ މަޑުކޮށްލާ ދޮންތި ކައިރީގަ... އަހަރެން އަންނާނަން އިޝޫ ގެއަށް ލާފަ...އިޝޫ ހިނގާދާން އައިސް ކްރީމް ބޯން" އަފްޒަލް އިޝާގެ ކޮލުގައި ހިފާލަމުން ބުންޏެވެ. އަފްޒަލް އިޝާ ހައްދާލައިގެން ސައިކަލުގައި އިޝާ އެގެއަށް ގެންދިޔުމަށް ނިކުތެވެ. ސައިކަލުގައި ގޮސް މަޑުކޮށްލެވުނީ ލައިސަމް ގެ ކުރިމައްޗަށެވެ."އަހަރެންގެ ދަރި ގޮވައިގެން އަފްޒަލް ނުޖެހޭނެ އަންނާކަށް!" ލައިސަމް ބާރު ބާރަށް ސައިކަލާ ދިމާލަށް ގޮސް އަފްޒަލް ކޮއްޕާލިއެވެ."އޭ ލައިސަމް ބްރޯ ހަމަޖެހިބަ! ސާރާ އަރާމުކޮށްލަން ބުނީމަ އަހަރެން މިއައީ އިޝާ ގޮވައިގެން" އަފްޒަލް ބުންޏެވެ.

"އަފްޒަލް ތީ ސާރާގެ ފިރިމީހާތަ ސާރާގެ ކަންކަން ބަލަން...ފެންވަރު އޮޅިގެން ނޫޅެބަލަ... ދެންވެސް އަހަރެންގެ ދަރި ގައިގަ އަތް ނުލައްޗޭ ! އޭރަށް މަ ވަރު ނުބައި މީހެއް ނުހުންނަ ކަން އަންގާލާނަން" ލައިސަމް އެހެން ބުނުމަށް ފަހު އިޝާ ގޮވައިގެން އެތެރެއަށް ވަނެވެ. އަފްޒަލް ދެކޮޅަށް ބޯ ހޫރުވާލާފައި އެތަނުން ދިޔައެވެ.

އަފްޒަލް ގެއަށް ދިޔުމަށް ފަހު ސާރާއަށް މެސެޖްކޮށްލިއެވެ."އެބަ އޮތް ވާހަކައެއް ބުނަން ވެފަ" މެސެޖުގައި ލިޔެލިއެވެ. މާ ލަސްތަކެއް ނުވަނީސް ސާރާ މެސެޖަށް ޖަވާބުދިނެވެ. " އަހަރެންވެސް" އަފްޒަލް ފުންމާލުމަށް ފަހު "ޔެސް" މިހެން ބުނެލިއެވެ. އަފްޒަލްގެ އުންމީދުތައް ހާސިލް ވާން އުޅޭ ކަމުގެ އިހުސާސް ކުރެވުމުންނެވެ. އެރޭ ތަންކޮޅެއް ލަސްވި ފަހުން އަފްޒަލް އެގެއަށް ދިޔުމަށް ތައްޔާރުވިއެވެ. ހުދު އަތް ކުރު ގަމީހެއް ލައިގެން މުޅި ގަޔަށް ސެންޓު ފުޅި އޮއްސާލިއެވެ. އެ މަންޒަރު ބަލަން އިން އަފްޒަލްގެ މަންމަ އަފްޒަލް އާ ދިމާކޮށްލިއެވެ. "ހާދަ ވަރަކަށް... ޖަވާހިރެއް ލިބުނީ ދޯ" އަފްޒަލްގެ މަންމަ ވަރަށް ނޫން ކަމަށް ބުނެލިއެވެ. އަފްޒަލް ގޮސް އަފްޒަލްގެ މަންމަގެ ކޮނޑުގައި ޖަހާލާފައި ބުންޏެވެ.

"އެއީ ޖަވާހިރެއް ނޫން... އެޔަށް ވުރެން މާ މާ އަގުބޮޑު އެއްޗެއް"އަފްޒަލް އެހެން ބުނުމަށް ފަހު ގެއިން ނިކުތެވެ.

އޭރު ހުރީ10 ޖަހާ ބޮޑުވެފައެވެ. އަފްޒަލް ނިކުމެ ސައިކަލު ސްޓާޓް ކުރަން އުޅެ އުޅެވެސް ސައިކަލު ސްޓާޓްއެއް ނުވިއެވެ. ސާރާ އިތުރަށް އިންތިޒާރުގައި ބަހައްޓަން ބޭނުން ނުވާތީ އަފްޒަލް އެގެއަށް ދިޔުމަށް ހިނގައިގަތެވެ. ފޮނި ހިޔާލުތަކަށް ހުރެ ގެއްލި ހުސްވެގެން އަފްޒަލް ހިނގަމުން ދިޔައީ މާ ގުލްޝަނެއްގެ ތެރެއަށް ވަދެގެން ދާ ހެންނެވެ. ދުވަހަކުވެސް ނުފެންނަ ވަރަށް އަފްޒަލްގެ މޫނުން ދިޔައީ ތާޒާކަން ފެންނަމުންނެވެ. ދެފަރާތް ނުބަލާ މަގު ހުރަސް ކޮށްލިތަނާ ކުއްލިއަކަށް މީހާ ސިހުނީ ކުރިމަތިން ބާރު ސްޕީޑުގައި އަފްޒަލްއާއި ދިމާލަށް އައި ޕިކަޕެއްގެ ސަބަބުންނެވެ.


ނުނިމޭ... ވާހަކައިގެ އާ ބައެއް، 10 ޖޫން، ހޯމަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް