ވާހަކަ: ސިއްރު – ހަވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ... ހަރަކާތެއް ނެތި ހުއްޓިފައިވާ ސާރާއަށް ރޮމުން، ހަފީޒާ ދިޔައީ ގޮވަމުންނެވެ. އޭރު ސާރާގެ ބައްޕަ އަވަސްވެގަތީ ސާރާ ގޮވައިގެން ހޮސްޕިޓަލަށް ދިޔުމަށެވެ. ފޯނު ނަގާ ސިއްހީ މަރުކަޒަށް އ...

03 Jun 2024 | 04:12

ކުރީގެ އަދަދާއި ގުޅޭ...

ހަރަކާތެއް ނެތި ހުއްޓިފައިވާ ސާރާއަށް ރޮމުން، ހަފީޒާ ދިޔައީ ގޮވަމުންނެވެ. އޭރު ސާރާގެ ބައްޕަ އަވަސްވެގަތީ ސާރާ ގޮވައިގެން ހޮސްޕިޓަލަށް ދިޔުމަށެވެ. ފޯނު ނަގާ ސިއްހީ މަރުކަޒަށް އެންގުމަށް ސާރާގެ ބައްޕަ އަވަސްވެގަތެވެ. ހަފީޒާ ރޯ އަޑަށް ކައިރި ގޭގޭގެ މީހުން އެތަނަށް އެއްވާން ފެށިއެވެ. މުޅި މާހައުލު ފުރާލީ އެކި އެކި ހަގީގަތެއް ނެތް ވާހަކަތަކުންނެވެ. އަންހެން ވެރިން އެއް އަޑަކަށް ކިޔަން ފެށީ ސާރާ އަމިއްލައަށް މަރުވީ ކަމަށެވެ. ހަފީޒާ އިތުރަށް ދިޔައީ ހާސްވަމުންނެވެ. އެމްބިއުލާންސް އައިސް ސާރާ ގެންދިޔައީ  ދިހަ ވަރަކަށް މިނެޓު ފަހުންނެވެ. ރަށު ތެރޭގައި ވާހަކަ ފެތުރެމުން އައީ އެކި ގޮތް ގޮތަށެވެ. އެމަޖެންސީގައި ސާރާ ގެންގޮސް ވަގުތުން ވެއްދީ އައިސީޔޫއަށެވެ.

އޭރު ހޮސްޕިޓަލް ބޭރުގައި މީހުންތައް އޮތީ އެއްވެފައެވެ. ލައިސަމްއަށް ޚަބަރު ލިބިގެން ތެޅެމުން ފޮޅެމުން އައިސް ހޮސްޕިޓަލަށް ވަނެވެ. ގޮނޑި ސީޓުގައި ރޯން އިން ހަފީޒާއާއި ދިމާލަށް ގޮސް ލައިސަމް އެކި ދިމާލަށް ބަލާލިއެވެ.

"ކޮބާ ސާރާ....ކިހިނެއް ވެގެން މިއުޅެނީ؟" ލައިސަމް ހާސްކަމެއް ތެރޭގައި ހުރެފައި އަހާލިއެވެ.

"ސާ...ސާރާ ބޭސް ތަކެއް ކާލީ...ނޭނގެ.. މުޅި މީހާ ހުއްޓިފަ އޮތީ... ސާ..ސާރާ" ހަފީޒާ ރޮމުން ލައިސަމްއަށް ކިޔައިދޭން މަސައްކަތް ކުރިއެވެ. ލައިސަމް ހާސްވާން ފެށިއެވެ. މިކަން މިހެން މި ދިމާވީ ލައިސަމްގެ ސަބަބުން ކަން ލައިސަމްއަށް ވިސްނުނެވެ. ކުރެވުނު ކަންތަކުގެ ނަތީޖާގެ ހިތި ރަހަ ލައިސަމްގެ އަރުތެރޭގައި ލާން ފެށިއެވެ.

"ކޮބާ ސާރާ...ކިހިނެއް ވެގެން މިއުޅެނީ...ހޮޓަލުގައި އިންދާ ހޮޓާ ތެރޭގައި މިވާހަކަ ކިޔާތީ އަހަރެންވެސް އަވަހަށް މި އައީ" އަފްޒަލް އައިސް ސުވާލުކޮށްލިއެވެ.

"އެތެރެއަށް ވައްދާފަވީ...އަދި ވަކި އެއްޗެއް ނުބުނޭ.." ހަފީޒާ އަފްޒަލްއަށް ޖަވާބުދިނެވެ.

އޭރު ލައިސަމްގެ ކަޅި ހުއްޓިފައި ހުރީ އަފްޒަލްއާއި ދިމާލަށެވެ. އަފްޒަލް ސާރާ ލައިސަމް އަތުން ފޭރިގަނެދާނެ ކަމުގެ ބިރުން ލައިސަމްގެ ހިތް ދިޔައީ ފުރެމުންނެވެ.

"މި ބޭސް ފާމަސީ އިން ގެނެސްދީ" ނަރުހެއް ނިކުމެލާފައި އަފްޒަލްގެ އަތަށް ބޭސް ސިޓީ ދިއްކޮށްލިއެވެ. އަފްޒަލްއާއި ތިން ފޫޓެއްހާ ދުރުގައި ހުރި ލައިސަމް ކައިރިވެލާފައި ބޭސް ސިޓީ އަފްޒަލް އަތުން އަތުލިއެވެ. އަފްޒަލްއަށް ލޯ އަޅާލުމަށް ފަހު ލައިސަމް ބޭސް ނެގުމަށް ދިޔައެވެ. އަފްޒަލް ވެސް ލައިސަމްއަށް ވާނުވާގައި ހުރެފައި ބަލާލިއެވެ. އިރުކޮޅެއް ފަހުން ޑޮކްޓަރ ނިކުތެވެ. އަދި ސާރާގެ ހާލު ރަގަނޅު ކަމުގައި ބުންޏެވެ. ސާރާ ހުރީ ވަރަށް ބޮޑަށް ހާސްވެ ނަފްސާނީ ވެފައި ކަމަށް ޑޮކްޓަރު ބުންޏެވެ. ހަފީޒާ ދެ އަތް މައްޗަށް ނެގުމަށް ފަހު އަލްހަމްދުﷲ އޭ ބުނެލިއެވެ. ލައިސަމް ބޭސް ކޮތަޅު ހިފައިގެން އައެވެ.

"ސާރާގެ ހާލު ރަގަނޅު..ޑޮކްޓަރު ބުނެފި އެހެން... އިރުކޮޅެއް ފަހުން އަހަރުމެންނަށް ވަދެވޭނެ" ހަފީޒާ ލައިސަމް ކައިރީގައި ކިޔައިދިނެވެ. ލައިސަމް ފުންނޭވާއެއް ލިއެވެ. ސާރާއަށް ދެރަގޮތެއް ނުވިކަން އެއީ ލައިސަމްގެ ނަސީބުކަމަށް ބަލާ ލައިސަމް ހިތުން އެކަމުގެ އުފާ ފާޅުކުރިއެވެ. ސާރާއަށް ލައިސަމްގެ ހިތުގައި އޮންނަ ލޯބި އެހެން މީހުންގެ ކުރިމަތީގައި ލައިސަމް ދައްކަން ބޭނުމެއް ނުވިއެވެ. ވަކިން ހާއްސަކޮށް އަފްޒަލްގެ ކުރިމަތީއެވެ.ސާރާ ހާސްވެ ކަންބޮޑުވާ ކަހަލަ ސުވާލު ނުކުރުމަށް އެދި ޑޮކްޓަރ ސާރާ ކައިރިއަށް ވަންނަން ހުއްދަ ދިނެވެ. އޭރު ސާރާ އޮތީ ވޯޑަށް ބަދަލުކޮށްފައެވެ. މަޑު މަޑުން ހޮސްޕިޓަލު ތެރޭން މީހުން މަދުވާން ފެށިއެވެ. ހަފީޒާމެންގެ ފަހަތުން އަފްޒަލްވެސް ވޯޑަށް ވަނެވެ. އެންމެން ސާރާ އުފާ ކުރުމަށް އެކި އެކި ވާހަކަތައް ފެށިއެވެ. ލައިސަމް ވޯޑުގެ ދޮރުމަތީގައި ހުރީ އެތެރެއަށް ވަންނަން ޖެހިލުންވެ ހުރެއެވެ. ދެފަރާތަށް ދޮރު މަތީގައި އެނބުރި އެނބުރި ހުރި ސާރާއަށް ލައިސަމް ފެނުނީމަ ވާނެ ގޮތަކާއި މެދު ވިސްނަ ވިސްނައެވެ.

ހަފީޒާ ލައިސަމްއަށް ގޮވާލިއެވެ. "ލައިސަމް އާދޭ އެތެރެއަށް".

ސާރާގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. ލައިސަމް އައިސް ސާރާގެ ކައިރީގައި ހުއްޓިލިއެވެ.

"ސާރާ...ސާރާ ކިހިނެއްތަ؟"ލައިސަމް އަހާލިއެވެ.

"ވަރަށް ވަރުބަލި..ނިދާލަން ބޭނުމީ" ސާރާ ހަފީޒާ ކައިރީގައި އެހެން ބުނުމަށް ފަހު އެނދުގަ އޮށޯވެލާފައި ލޯ މެރިއެވެ.

"އެއް ބޭފުޅަކު މަޑުކޮށްލާފައި ދެން ތިބި ބޭފުޅުން ގޮސްލާ މިވަގުތު" ނަރުސް ކުއްޖާ ބުންޏެވެ.

"ސާރާ ދޫކޮށްލާނެ ވަގުތެއް ނޭގޭނުން... އަހަރެން މަޑުކޮށްލާނަން...ހަފީޒާތަ މެން އިހަށް ގޮސްލާ ގެޔަށް" އަފްޒަލް ބުންޏެވެ.

ލައިސަމް އަފްޒަލް އާއި ދިމާލަށް ބަލާލީ ނަފްރަތުގެ ނަޒަރަކުންނެވެ.

"އަހަރެން މަޑުކުރާނަން...އެންމެން ދޭ" ލައިސަމް ބުންޏެވެ.

ލައިސަމް އެހެން ބުނުމަށް ފަހު ސާރާގެ އެނދު ކައިރީގައި އިން ގޮނޑީގައި އިށީނެވެ.

"އަފްޒަލް ބައިންދާފަ އަހަރުމެން ހިނގާ ދާން ...ލައިސަމްވެސް އިޝާ އެކަންޏެއްނު ގޭގައި ހުންނާނީ ... އާދޭ ދާން" ހަފީޒާ ބުންޏެވެ.

ލައިސަމްގެ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. ކިތަންމެ މަޑުކުރަން ބޭނުން ނަމަވެސް ހަފީޒާ އެހެން ބުނުމުން އިތުރަށް މަޑު ކުރާކަށް ލައިސަމް އަކަށް ނުކެރުނެވެ.

އެންމެން ދިޔުމުން ސާރާ ލޯ ހުޅުވިއެވެ. އަދި އަފްޒަލްއާއި ދިމާލަށް ބަލާލިއެވެ.

"ކަމެއް ބޭނުންވީތަ؟ ގޮވާލަންތަ ނަރުސް ކުއްޖާއަށް" އަފްޒަލް ބުންޏެވެ.

ސާރާ ބޮލުން ނޫނެކޭ ބުނެލިއެވެ. އިރުކޮޅެއް ފަހުން އަފްޒަލްއަށް ފެނުނީ ސާރާގެ ލޮލުން ފައިބަމުން ދިޔައި ކަރުނައެވެ. ސިއްރު ސިއްރުން އޮވެ ސާރާ ރޮނީއެވެ.

"ސާރާ...ތަނަކަށް ތަދުވަނީތަ؟" އަފްޒަލް އަނެއްކާވެސް ސާރާއާއި ސުވާލުކޮށްލިއެވެ.

ސާރާ އަނގައިން ނުބުނެ މިފަހަރުވެސް ހޫރުވާލީ ބޮލެވެ.

"ސާރާ އަހަންނަށް އިނގޭ ސާރާ ކަމަކާ އެބަ ވިސްނާކަން... އަހަރެން ކައިރީގަ ނުބުންޏަސް އޯކޭ...ސާރާ ވާހަކަ ހިއްސާ ކުރަން ބޭނުން ވެއްޖެނަމަ އަހަރެން ހުންނާނެ ކަން ހަނދާން ކުރައްޗޭ އަބަދުވެސް" އަފްޒަލް ސާރާގެ ބޮލުގައި އޯގާތެރިކޮށް ފިރުމާލަމުން ބުންޏެވެ. ސާރާގެ ބަޑި ފަޅައިގެން ދިޔައެވެ.ސާރާ ހިތް ފުރެން ދެން ރޯލަން އަފްޒަލް ސާރާއަށް ފުރުސަތު ދިނެވެ. އަފްޒަލްގެ އަތުން ސާރާގެ ބޮލުގައި ފިރުމަމުން ދިޔައެވެ.

"އަހަރެން މީ ކިހާ ބަދު ނަސީބު މީހެއް" ސާރާ ބުންޏެވެ.

"ސާރާ އަކީ ވަރަށް ނަސީބު ގަދަ މީހެއް... ލޯބި ލޯބި ސިޔާރާއަކާ ލޯބި ލޯބި ހިތެއްގެ ވެރިއެއް ތީ...އެއީ ކިހާ ބޮޑު ނިއުމަތެއް" އަފްޒަލް ސާރާއަށް ހިތް ވަރު ދިނުމުގެ ގޮތުން ބުންޏެވެ.

"ހިތް ކިތަންމެ ލޯތްބަސް އަހަރެންގެ ހިތަކީ ކިހާ ފަޅުތަނެއް..." ސާރާ ބުންޏެވެ.

އަފްޒަލް ސާރާ ހަމައަކަށް އެޅުވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ.

"ސާރާ ބުނެބަ ކޮން ކަމަކާ ހުރެ ސާރާގެ ހިތް ނުތަނަވަސް ވެގެން ތިއުޅެނީ" އަފްޒަލް އަހާލިއެވެ.

ސާރާ ދެލޯ މަރާލިއެވެ. ލައިސަމްގެ ވާހަކަތައް އަފްޒަލްއަށް ކިޔައިދޭން ސާރާ ވަރަށް ބޭނުން ވިއެވެ. ނަމަވެސް އެ ވާހަކަތައް ކިޔައިދީފި ނަމަ ދެން ކަންތައް ވާނެ ގޮތަކާ މެދު ވިސްނާ ސާރަގެ ހިތް ބިރުގަންނަން ފެށިއެވެ.

"ސާރާ؟.." އަފްޒަލް ސާރާއަށް ގޮވާލިއެވެ.

ސާރާގެ ލޯ ހުޅުވާލައި އަފްޒަލްއާއި ދިމާލަށް ބަލާލިއެވެ. އޭރު އެ ދެލޯ ހުރީ ރަތް ވެފައެވެ. ކަރުނަ ހުއްޓުމެއް ނެތި ފައިބަމުން ދިޔައެވެ.

"ލައި...ލައިސަމް..ލައިސަމް" ސާރާ އެހެން ބުނީ ގިސްލަމުންނެވެ.

"ލައިސަމް؟ ކިހިނެއް ވީ؟ ބުނެބަ؟" އަފްޒަލް ސާރާއާއި ވާހަކަ ދެއްކުމަށް މަސައްކަތް ކުރަމުން ދިޔައެވެ.

"ލައިސަމް..ލައިސަމް އަހަރެންގެ" އެވަގުތަށް ވޯޑު ދޮރު މީހަކު ހުޅުވާލިއެވެ.

ސާރާއާއި އަފްޒަލް އެކީ ދޮރާ ދިމާލަށް ބަލާލިއެވެ.

ދޮރުމަތީގައި ހުރީ ލައިސަމްއެވެ.


ނުނިމޭ... ވާހަކައިގެ އާ ބައެއް، 05 ޖޫން، ބުދަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް