މިއީ މީގެ ތިން މަސްކުރިން ރާއްޖޭގެ ރަށެއްގައި ހިނގި ހާދިސާއެކެވެ. މި ވާހަކަ ކިޔައިދިން ފިރިހެން މީހާ އަހުމަދު (އަސްލު ނަމެއް ނޫން) މި ވާހަކަ ކިޔައިދިނީ ނުހަނު އަސަރާ އެކީގައެވެ.
ލޯބިވެރިޔާ އާއި އެކީ 5 އަހަރު ދުވަހު ރައްޓެހިވެގެން އުޅުމަށްފަހު ކައިވެނި ކުރީ މާރޗް މަހުގެ ތެރޭގައެވެ. ކައިވެނި ކުރީ ނުހަނު ފޮނި އުންމީދުތަކަކާއި އެކީގައެވެ. ހަޔާތުގައި އެންމެ ލޯބިވި މީހާ އާއި އެކީ އުފާވެރި ދިރިއުޅުމެއް ފެއްޓުމުގެ ގޮތުންނެވެ. ނަމަވެސް އަހުމަދުގެ ހުރިހާ ހުވަފެނެއް ފުނޑުފުނޑު ވެގެން ދިޔައީ ކައިވެނީގެ ފުރަތަމަ ރޭ ހިނގި އެ ހިތަމާވެރި އަދި އެހާމެ ބިރުވެރި ހާދިސާގެ ސަބަބުންނެވެ.
ލޯބިވެރިޔާ އާއި އަހުމަދުގެ ބައްޕަ އާއި ދެމެދު ގާތް ގުޅުމެއް އޮންނަކަން މާކުރިން ވެސް އިނގެއެވެ. ނަމަވެސް އަހުމަދަށް އެންމެ ކުރީއްސުރެ ވެސް ހީވެފައި ވަނީ އެ ގުޅުމަކީ ދަރިއަކާއި ބައްޕަ އަކާއި ދެމެދު އޮންނަ ކަހަލަ ގުޅުމެއް ކަމުގައެވެ.
އަހުމަދު ކިޔައިދިން ގޮތުގައި، އެގޭގައި ދިރިއުޅެނީ އޭނާ، ބައްޕަގެ އިތުން ކޮއްކޮ އެވެ. ކޮއްކޮ އަކީ ރިސޯޓެއްގައި މަސައްކަތް ކުރާ ކުއްޖެއް ކަމުން ރަށުގައި އުޅެނީ މަދު ދުވަހެއްގައެވެ. ދެން އިތުރަށް އަހުމަދު ފިޔަވައި އުޅޭނީ ބައްޕަ އެކަންޏެވެ. މަންމަ ވަނީ މީގެ އަހަރުތަކެއް ކުރިން އެހެން މީހަކާއި ކައިވެނިކޮށް ދިރިއުޅުމެއް ފަށާފައެވެ.
ލޯބިވެރިޔާ އެގެއަށް އަބަދުވެސް އާދެއެވެ. އިތުރު އަންހެނަކު ގޭގައި ނެތުމުން ގިނަފަހަރު ކައްކަނީ ވެސް ލޯބިވެރިޔާ ކަމުގައި އަހުމަދު ކިޔައިދިނެވެ. އަހުމަދު އޮފީހުން އަންނައިރު ބައްޕަ އާއި ލޯބިވެރިޔާ ވަރަަށް ގިނައިން ވާހަކަ ދައްކަން ތިބޭ ތަން ވެސް ފެނެއެވެ. ނަމަވެސް އެކަހަލަ ޝައްކެއް ދުވަހަކުވެސް ނުވެއެވެ.
ކައިވެނި ކުރީ ދެމީހުންވެސް ވަރަށް ރާވައިގެންނެވެ. ވަރަށް ގިނަ ދުވަހު ރައްޓެހިންނާއި އާއިލާގެ އިތުރު މީހުންގެ މަޝްވަރާ ހޯދައިގެންނެވެ. މާ ބޮޑު ޕާޓީ އެއް ނުބޭއްވި ނަމަވެސް އާއިލާ އާއި ރައްޓެހިންނަށް ގޭގައި ކުޑަ ވަލީމާއެއް ބޭއްވިއެވެ. ކައިވެނި ކުރެވި، ޕާޓީ ނިމި މީހުން ގެއިން ހުސްވި އިރު ދަން ވެއްޖެއެވެ. ގެއިން މީހުން އެކީ ހުސްވުމުން އަންހެނުން ކޮބައިތޯ ބަލައިލިއިރު ފެންނާކަށް ނެތެވެ. ކޮއްކާ އާއި އަހުމަދު މުޅި ގޭތެރެ ހޯދާ ބެލިއިރު ވެސް އަންހެނުންނެއް ނުފެނުނެވެ. ދެން އިތުރަށް ފާހަގަވި ކަމަކީ ބައްޕަ ވެސް ގޭތެރޭގައި ނެތް ކަމެވެ.
އަހުމަދާއި އޭނާގެ ކޮއްކޮ އާއިލާގެ މީހުންނަށާއި ރައްޓެހިންނަށް ގުޅައި އެމީހުން ވީތަނެއް އަހައި ބެލިއިރު އެއްވެސް މީހަކަށް އެމީހުން ވީ ތަނެއް ނޭންގުނެވެ.
އަހުމަދުގެ ރައްޓިއްސެއް ބުނިގޮތުގައި، ޕާޓީ ނިމުނު ފަހުން އަންހެނުން ބައްޕަގެ ކޮޓަރިން ނިކުންނަނިކޮށް ފެނުނެވެ. އޭގެ ފަހުން އެއްވެސް މީހަކަށް އަންހެނުންނެއް ނުފެނެއެވެ.
އޭގެ އަނެއް ދުވަހު ފޯނަށް އައީ މެސެޖެކެވެ. "އައިމް ސޮރީ" މި މެސުޖު ފެނުމުން ވީގޮތް ހިތައް ނަގައިގަނެވުނެވެ. މާޒީގައި ހިނގާފައިވާ ކުދި ކުދި ކަންތައްތައް ހިތައް ނަގައިގަނެވުނެވެ. އަހުމަދު ނޫޅޭ ގަޑި ގަޑީގައި ލޯބިވެރިޔާ ގެޔަށް އައިސް އުޅޭ އުޅުމާއި، ކޮއްކޮ އަށް ވުރެ ވެސް ބޮޑަށް ބައްޕަ އާއި ހީ ސަމާސާ ކުރުމާއި، ބައްޕަ ކޮޓަރީގެ ފާހާނާ ސާފުކުރުން ކަހަލަ ކަންކަން ހިތައް އައުމުން މިވީ ގޮތް ހަމަ ރަނގަޅަށް ވެސް ހިތައް ނަގައިގަނެވުނު ކަމަށް އަހުމަދު ބުނިއިރު ހުރީ ރޮވެން ކައިރިވެފައެވެ. އެހިސާބުން އެކީ މާޔޫސްވި ކަމަށް އަހުމަދު ބުންޏެވެ. ދުވަހަކުވެސް މީހަކު ކުރިމަތީގައި ނުރޯ އަހުމަދަށް އެދުވަހު ވަރަށް ރޮވުނު ކަމަށް ވެސް އަހުމަދު ވަރަށް އަސަރާއި އެކީ ބުނެލިއެވެ.
މިހާ ހިސާބުން އަހުމަދުގެ ވާހަކަ މަޑު ޖައްސައިލިއެވެ. އަދި ފުންނޭވާއެއް ދޫކޮށްލުމަށްފަހު އެމީހުން މިހާރު އުޅެނީ މާލޭގައި ކަމުގައި ބުންޏެވެ. އަދި ދެ މީހުން އެކީގައި މަގުމަތިން ދެތިން ރައްޓިއްސަކަށް ފެނިގެން ބުނި ކަމަށްވެސް ބުންޏެވެ. އަދި މީގެ ދުވަސްކޮޅެއް ކުރިން އަންހެނުންގެ ފޯނަށް ވަރިކުރި ކަމުގެ މެސެޖެއް ފޮނުވި ކަމަށްވެސް އޭނާ އިތުރަށް ބުންޏެވެ.
މައްސަލަ ކަމާ ބެހޭ ފަރާތައް ނުފޮނުވީ، އެ ދެމީހުންނަކީވެސް އަހުމަދު ވަރަށް ލޯބިވާ ދެމީހުންނަށް ވީމައެވެ. ބައްޕަ އާއި އަހުމަދުގެ ގުޅުން މިހާރު ވަނީ ކެނޑިފައެވެ.
މި ވާހަކަ އަހުމަދު ހިއްސާ ކުރީ ކީއްވެގެންތޯ ސުވާލުކޮށްލީމެވެ.
"އެއީ މިހުރިހާ ދުވަހު މިއުޅުނީ ވަރަށް ހިތާމައިގަ. ކޮންމެވެސް ގޮތަކުން އެމީހުންނަށް ވެސް އަންގަން ބޭނުން ކަންވީ ގޮތް އަހަރެންނަށް އިނގޭކަން އަދި ދުވަހަކުވެސް މައާފެއް ނުކުރާނަން އެމީހުންނަކަށް" ނިންމާލަމުން އަހުމަދު ބުންޏެވެ.
ދެފަރާތުގެ އާއިލާ އިން ވެސް ކަން ހިނގާ ދިޔަ ގޮތާއިމެދު ހިތާމަ ކުރެއެވެ. ފުރަތަމަ ދުވަސްކޮޅެ ރަށު އެންމެން އެވާހަކަ ދެއްކި ނަމަވެސް މިހާރު އެކަމުގެ އަޑު ވަނީ ކެނޑިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް