މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތަރައްގީ ކުރި ސީޕްލޭން ޓާމިނަލް ޓީއެމްއޭއަށް ދޭން ސަރުކާރުން ނިންމައިފި އެވެ.
ސަރުކާރުން ނިންމާފައިވަނީ ކުރިޔަށް އޮތް ދެ އަހަރަށް އާ ޓާމިނަލްގެ ހިންގުން އެ ކުންފުންޏާއި ހަވާލު ކުރުމަށެވެ.
އެގޮތަށް ނިންމިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އާ ޓާމިނަލް ކުޑަ އަގެއްގައި ޓީއެމްއޭއަށް ދެނީ އިންވެސްޓަރުންގެ ހިމާޔަތުގައި ކަމަށެވެ. ފިނޭންސުން ބުނެފައިވާގޮތުގައި އާ ޓާމިނަލް ޓީއެމްއޭއަށް ދޭނީ މިހާރުވެސް އެކުންފުނިން ސީޕްލޭން ޓާމިނަލްއަށް ދައްކަމުންދާ އަގުގައި އެވެ.
އާ ޓާމިނަލް އަކީ55 މިލިއަން ހަރަދުކޮށްގެން ހަދާފައިވާ ޓާމިނަލް އެކެވެ. އެ ޓާމިނަލްގައި28،000 އަކަމީޓަރު ހުރެ އެވެ. ޓީއެމްއޭއިން އަމިއްލއަށް ތަރައްގީ ކުރި ސީޕްލޭން ޓާމިނަލްގައި ހުންނަނީ16،222 އަކަމީޓަރެވެ. އެކުންފުނިން އަކަމީޓަރަކަށް އެމްއޭސީއެލްއަށް ދައްކަން ޖެހެނީ10.35 ޑޮލަރެވެ.
ފިނޭންސް މިނިސްޓްރީން ބުނީ ސަރުކާރުން މިގޮތަށް ނިންމުމުގައި ބަލާފައި ވާނީ އެމްއޭސީއެލް އަށް ލިބެން އޮތް އާމްދަނީ އިތުރުކުރެވޭނެ ގޮތަކަށް އަމަލްކުރުމަށް ކަމަށެވެ. އަދި ފަތުރުވެރިކަމުގެ ސިނާއަތުގެ ކުރިއެރުމަށް ސީޕްލޭން އޮޕަރޭޓަރުން މިހާރު ވެސް ކުރަމުން ގެންދާ މަސައްކަތަށް މަގުފަހިވަނެ ގޮތަކަށް އަމަލްކުރުމަށް ކަމަށެވެ.
އަލަށް ހަދާފައިވާ ސީޕްލޭން ޓާމިނަލްއިން ޖާގަދީފައިވާ ގޮތާއި ގުޅޭގޮތުން ފިނޭންސުން ބުނެފައިވަނީ ޓީއެމްއޭއާއި މަންޓާ އެއާއަށް ޖާގަ ދީފައިވާނީ އެއްވަރަކަށް ހަމަ ދެ އަހަރު ދުވަހުގެ މުއްދަތައް ކަމަށެވެ. އަދި ކުރިޔަށް އޮތްތާ މޯލްޑިވިއަން އިން ސީޕްލޭން އޮޕަރޭޓް ކުރާނީ މިހާރުވެސް ބޭނުން ކުރަމުން އަންނަ ޓާމިނަލް ގައި ކަމަށެވެ.
އެ މިނިސްޓްރީން ބުނީ އާ ޓާމިނަލްގެ ހިންގުން ދެ އަހަރު ތެރޭގައި އެމްއޭސީއެލްއަށް ލިބޭނެ ކަމަށެވެ.
ޓީއެމްއޭއަކީ މިހާރު ބޭރުގެ ދެ ކުންފުންޏަކުން ކޮންޓްރޯލްކުރާ އެއާލައިނެކެވެ.
ޓީއެމްއޭއަށް އާ ސީޕްލޭން ޓާމިނަލް ހިންގަން ހަވާލުކޮށްފައި މިވަނީ އެގޮތަށް ނިންމައިފި ނަމަ އެކަން ކުރި ބަޔަކު މަޖިލީހުގެ އިގްތިސާދީ ކޮމިޓީއަށް ހާޒިރުކޮށް ޖަވާބުދާރީ ކުރުވާނެ ކަމަށް އެމްޑީޕީގެ ދާންދޫ ދާއިރާގެ މެންބަރު ވިދާޅުވެފައި ވަނިކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް