އިޒާންގެ ނަޒަރުން:-
ވަށްމޭޒުގައި ކައިރީގައި ބޮޑު ގޮނޑީގައި އިނީ ނިމާލްއެވެ. އަހަރެންނަށް އޭނާ އެހާ ފަސޭހައިން އެނގުނީ ނޫސް ތަކުންނާއި ޓީވީ އިން ފެންނާތީއެވެ. އޭނާގެ ފަހަތުގައި ބިއްލޫރި ކުޑަ ދޮރުން ބޭރު ބަހަލައްޓައިގެން އަންހެނަކު ހުއްޓެވެ. ފުރަގަހަށް ހުރުމުން އޭނާގެ މޫނެއް އަހަރެންނަކަށް ނުފެނެއެވެ. ފެނުނީ އޭނާގެ ދިގު ވަރުގަދަ ބުޅި އިސްތަށިގަނޑެވެ.
"ނައުރާ!! ހީ އިޒް ހިއަރ.. " އެ އަންހެން މީހާއަށް ބަލައިލަމުން ނިމާލް ބުނެލިއެވެ. އެހިނދު ނައުރާ އެނބުރި ބަލާލައިފިއެވެ. އެދެލޮލުން ވިދުމެއް ފެންނަން ހުއްޓެވެ. މުށި ކުލައިން ފަވާލެވިފައިވާ ބޯ ތުންފަތުން ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ.
"ތެންކްސް ދޮންބޭ.. ނިންމާފައި ގުޅާނަން.. " ނިމާލްގެ ކޮނޑުމަތީގައި ޖަހައިލަމުން ނައުރާ ބުންޏެވެ.
"ބޭނުން ފުދުނީމަ އަހަރެން ފޮނުވާލަނީ ދޯ.. އޯކޭ އޯކޭ.. ވާގޮތެއް އަންގާލާތި.. " މޭޒުމަތީގައި އޮތް އަވި އައިނު ނަގަމުން ނިމާލް ތެދުވިއެވެ. އޭނަ އެބުނި ބަހުގެ މާނަ ދެނެގަންނާކަށް އަހަރެންނަކަށް ނޭނގުނެވެ. ދެމީހުންގެ ދޭތެރޭ ދެކެވުނު އަމިއްލަ ވާހަކައެއް ކަމަށް ބަލާފައި އަހަރެން އިތުރަށް އެކަމާ ނުވެސް ވިސްނަމެވެ. ނިމާލް ނިކުމެގެން ދިއުމާއެކު އޭނާ އިން ގޮނޑީގައި ނައުރާ އިށީނެވެ. އެހިސާބުން ނައުރާ އަކީ އެއޮފީހުގެ އާދައިގެ މީހެއް ނޫންކަން އަހަރެންނަށް އެނގުނެވެ. ނައުރާ އޭނާގެ އަތުގެ އިޝާރާތުން އަހަރެން ކައިރީ އިށީނުމަށް އެދުނެވެ. އަހަރެން އިށީނުމާއެކު އަހަރެންނާ އެކު އައިސް ހުރި މީހާ ކައިރީގައި ދިޔަސް އެންމެ ރަނގަޅު ކަމުގައި ބުންޏެވެ. އެމީހާ ދިއުމާއެކު ނައުރާ އަހަރެންނަށް ބަލާލާފައި ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ. އެހިނިތުންވުމުގައި ގާތް ކަމެއް ހުރިކަމުގައި އަހަރެންނަށް އިހުސާސްވިއެވެ. އަހަރެންވެސް ހިނިތުންވެލަމުން ސަލާމް ގޮވައިލީމެވެ.
"ކިހިނެއްތަ އިޒާން..؟ " ނައުރާ ކުރިން ސުވާލުން އަހަރެން ހައިރާނެއް ނުވެއެވެ. ހައިރާންވީ ސުވާލި ކޮށްލި ގޮތުންނެވެ. ހީވަނީ ގާތް ރަޙުމަތްތެރިއެއް ކައިރީ އަހައިލިހެންނެވެ. ވެރިއަކު ވަޒީފާއަށް އެދިގެން އިންޓަވިއުއަށް އައިސް އިންނަ މީހާ ކައިރީ ސުވާލު ކުރާނީ ވަރަށް ވެސް ޕްރޮފެޝަނަލް ކޮށެވެ.
"ވަރަށް ވެސް ރަނގަޅު އަލްހަމްދުލިﷲ... " އަހަރެން ބުނީމެވެ.
"އަލްހަމްދުލިﷲ... އަހަރެން ކިހިނެއްތޯ ނާހާނަންތަ އިޒާން..؟ " ނައުރާ ބުންޏެވެ. އަހަރެން ހައިރާންވިއެވެ. ނައުރާ އެހާ ގާތް ކޮށް އަހަރެންނާ ވާހަކަ އެދައްކަނީ ކީއްވެ ހެއްޔޭ ހިތަށް އެރިއެވެ. ޔަގީނުންވެސް ނައުރާ އަކީ އަހަރެން ދަންނަ މީހެއް ނޫނެވެ. އަހަރެންނަށް ޖަވާބެއް ނުދެވި ހައިރާންވެފައި އިނދެވުނީއެވެ. އެމަންޒަރު ފެނި ނައުރާ ހިތި ގޮތަކަށް ހީލިތަން އަހަރެންނަށް ފެނުނެވެ.
"ސޮރީ.. އަހަރެން ހަނދާން ނެތުނީ.. ބައެއް މީހުންނަށް އަހަރެންނަކީ އިންވިޒިބަލް މީހެއް. ޚާއްސަކޮށް ސްކޫލް ދައުރުގައި... " ނައުރާ ބުނެލިއެވެ. " އިޒާން ހަމަ ހަނދާނެއް ނުވޭދޯ! ހަތަރު އަހަރު ދުވަހު އެއް ކްލާހެއްގައި އުޅުނުއިރު ކުޑަކޮށްވެސް އަހަރެންގެ މޫނު ހަނދާނެއް ނުވޭތަ؟ "
އެހިސާބުން ނައުރާ އަކީ އަހަރެންގެ ކުލާސް ކުއްޖެއްކަން އަހަރެންނަށް އެނގުނެވެ. ނަމަވެސް އޭނާގެ މޫނު އަހަރެން ހަނދާން ނުވަނީ ކީއްވެ ހެއްޔެވެ؟ އެކަހަލަ ނަމެއް އަހަރެން ކުލާސް ތެރެއިން އަޑެއްވެސް ނާހަމެވެ. ނޫނީ އަހަރެންނަށް އެހާ ވަރަށް ސަމާލުކަމެއް ނުދެވުނީ ކަމުގައި ވެދާނެއެވެ.
"ތިހެން ބުނީމަ ކުޑަކޮށް ހަނދާންވެއްޖެ ކަންނޭނގެ.. ނައުރާ ކިހިނެއްތަ؟ " އަހަރެން ހެދީ ދޮގެކެވެ. ނޭނގޭ ކަމަށް ބުނެފިއްޔާ ފަހަރެއްގައި ވަޒީފާވެސް ނުދީފާނެތީއެވެ. ނައުރާ ހީނލިއެވެ.
"ނޭނގުނަސް އެއީ މައްސަލައެއް ނޫނޭ.. އަހަރެންނަކީ ކުލާގައި ވަރަށް މަޑުމަޑުން އިންނަ ކުއްޖެއް.. ޖިނާން އާއި އިޒާން ދުވެ ދުވެފަ އުޅޭ ގޮތަށް އުޅޭކަށް އަހަރެންނަކަށް ނުކެރޭ އުޅޭކަށް.. ދެން އިހަށް ޕާސަނަލް ވާހަކަތައް ބާއްވާފައި ހިނގާ ޖޮބްގެ ވާޙަކަ ދައްކަމާ.. " މޭޒުމަތީގައި އޮތް ނައުރާގެ ދެއަތް ގުޅުވައިލަމުން އޭނާ ބުންޏެވެ.
އިންޓަވިއު ކޮށް ނިންމާލުމާއެކީ އަހަރެންނަށް ވަޒީފާ ލިބިފައި އިން ވާހަކަ ބުނުމުން ހައިރާންވިއެވެ. ނަމަވެސް ލިބިފައިވާ އުފާވެރިކަމުގައި އިތުރު ސުވާލެއް ކުރާން އަހަރެން ބޭނުންނުވީއެވެ. އަހަރެން ބޭނުންވި ކަންތައް ވުމުން ހިތްހަމަޖެހިގެން ހުރެ އަހަރެން އެތަނުން ނިކުތީމެވެ. އެންމެ ފުރަތަމަވެސް ގެއަށް ގޮސް އަހަރެން ޙަބަރު ދިނީ މަންމައާއި ބައްޕައަށެވެ. އެއަށްފަހު ޒޭބާއަށް މެސެޖް ކުރީމެވެ. މަންމަވެސް ޒޭބާވެސް ކުރީ އެއް ސުވާލެކެވެ. އަހަރެންނަށް އެހާ ފަސޭހައިން ވަޒީފާ ލިބުނީ ކީއްވެބާއެވެ. ޒޭބާއަށް އަހަރެން ނައުރާ ގެ ވާހަކަ ކިޔައިދިނީމެވެ.
"އަހަރެމެން ކުލާހު އުޅުނު ނައުރާތަ؟ " ފަސޭހައިން ޒޭބާއަށް ނައުރާ އެނގިއްޖެއެވެ.
"ޒޭބާއަށް ނައުރާ އެނގޭތަ؟ " އަހަރެންނަށް އަހައިލެވުނެވެ.
"ހުމްމް ކީއްވެ ނޭނގެންވީ.. ކްލާހުގަ އަހަރެންނާ ޖެހިގެން އެއް ގޮނޑި ދޫކޮށްފަ އިންނާނީ ނައުރާ.. އިޒާންއަކަށް ނޭނގޭތަ؟ " ޒޭބާ އެހިއެވެ. ނައުރާ ނޭނގެނީ އަހަރެންނަށް އެކަންޏޭ ހީވިއެވެ. އެކަމަކު އެއީ ކީއްވެ ހެއްޔެވެ؟ ކުލާހުގެ ގިނަ ކުދިން އަހަރެންގެ ހަނދާނުގައި ހުއްޓެވެ. ވީއިރު ނައުރާ ހަނދާން ނުހުންނަނީ ކީއްވެބާއޭ ހިތަށް އެރިއެވެ.
***********
ޖިނާން އާ ބައްދަލުވީ އެރޭ ކޮފީއަކުންނެވެ. ވަޒީފާ ލިބުމުން އޭނާ އަހަރެންނަށް މަރުހަބާ ކިއެވެ. އޭނާވެސް ވަޒީފާއެއް ހޯދަން މަސައްކަތް ކުރަނީ ކަމުގައި ބުންޏެވެ.
"ޖިނާ ދަންނަންތަ އަހަރެމެން ކުލާހުގައި އުޅުނު ނައުރާ ކިޔާ ކުއްޖެއް..؟ " އަހަރެން އެހީމެވެ.
"އާނ ދަންނަން.. ސަޅި ބިޓެއް އެއީ.. ސްކޫލްގައި ވަރަށް ވާހަކަ ދައްކާލާ ހިތްވި ކުއްޖެއް.. އެކަމަކު އޭނަ އިންނާނީ ވަރަށް މަޑުމަޑުން.. އެހެންވެ ނުކެރޭ ގޮސް ވާހަކަ ދައްކާލާކަށް.. ކިހިނެއްވީ؟ " ޖިނާން އެހިއެވެ.
"އެހެންވީމަ އަހަރެންނަށް އެކަނި ދޯ އޭނަ ނޭނގެނީ.. އެނގޭތަ އެއީ އަހަރެންގެ ބޮސް.. " އަހަރެން އޮފީހުގެ އިންޓަވިއު ދިޔަ ގޮތް ޖިނާންއަށް ކިޔައިދިނީމެވެ. އެވާހަކަތައް އަޑުއަހާފައި ޖިނާން ޖަހައިލީ ހިނިގަނޑެކެވެ.
"އެކަމަކު ދޯ.. ނައުރާ ކިހާ ކަޑަވާނެ.. ކަލެއަށް އެހެން މީހަކު އެނގޭނީވެސް ކިހިނެއް؟ ޒޭބާ ނޫނީ އެހެން މީހަކު ކަލެއަކަށް ނުފެނޭ.. "
"ނައުރާ ވަރަށް ރަނގަޅު.. ވަގުތުން އަހަރެންނަށް ވަޒީފާވެސް ދީފި.. އަހަރެންވެސް ވަރަށް ކަޑަވި އޭނަ ނޭނގުނީމަ. " އަހަރެން ބުނީމެވެ.
"އަހަރެންނަށް ހީވާ އެއްޗެއް ބުނަންތަ؟ ނައުރާ އިޒާންއާ އަޅައިގަތީ ކަންނޭނގެ.. އެހެންނޫނީ އެހާ ފަސޭހައިން ވަޒީފާ ދޭނީ ކާކު.. " ޖިނާން ބުނެލިއެވެ. ނަމަވެސް އަހަރެން އެކަމާ ދެކޮޅު ހެދީމެވެ. ނައުރާ އަކީ ހިތްހެޔޮ ގާތް ރައްޓެއްސެއް ކަމުގައި ބުނީމެވެ. ޖިނާން ދެއްކި ވާހަކަ އޭރު އަހަރެންނަށް ޤަބޫލުކުރެވުނު ނަމައޭ މިހާރު އަހަރެންގެ ހިތަށް އަރައެވެ. އޭރުން މިހާރު ޖެހިފައި މިވާ ހާލު ނުޖެހުނީހެވެ.
***************
ވަޒީފާގެ ފުރަތަމަ ދުވަހު އޮފީސް ދޮރުމަތިން އަހަރެންނަށް އިސްތިޤުބާލް ކުރަން ހުރީ ހުދު ނައުރާއެވެ. އަހަރެންނަށްވުރެ ބޮޑަށް ނައުރާގެ މޫނުމަތިން އުފާވެރިކަން ފެންނަހެން އަހަރެންނަށް އިހުސާސްވިއެވެ. އެންމެ ހައިރާންވީ އަހަރެންނަށް ވަކިން ކެބިން އެއް ހުރުމުންނެވެ. އެންމެ ހައިރާންވީ މުޅި ކެބިން ފަރުމާކޮށްފައިވަނީ އަހަރެންނަށް އެންމެ ކަމުދާ ކުލަ ކުލައިންނާ ތަކެތިންނެވެ. ކެބިންގެ ފާރުތަކުގައި ވަނީ ހުދާއި މަޑު ފެއްސެވެ. މޭޒާއި ގޮނޑިތައް ވަނީ ކަޅުލުލައިންނެވެ. ގޮނޑީގެ ފަހަތުގައިވާ ފާރުގައި ހިއްޕާފައިވަނީ ޕެރިސްގެ އައިފަލް ޓަވަރ ދައްކުވައިދޭ ތަސްވީރެކެވެ. އެއީ ހަޔާތުގައި އެންމެ ފަހަރަކު ނަމަވެސް އަހަރެން އެންމެ ދާހިތްވާ ތަނެވެ. ކެބިންގައި ހިފާލާފައިވަނީ ލެވެންޑަރގެ މީރު ވަހެވެ. މޭޒުމަތީގައި ހުރި ވާސްގައި ވަނީ ތާޒާ ލެވެންޑަރ މާ ޖަހާފައެވެ.
ކެބިން އެހެން ހުރުމުން އޭރު އަހަރެން އެކަމާ މާބޮޑަށް ނުވިސްނަމެވެ. އިއްތިފާގަކަށް ވެދާނޭ ހިތަށް އަރާފައެވެ.
"ސޯ.. ކެބިން ކަމުދޭތަ؟ " ނައުރާ އެހިއެވެ.
"ލައްބަ މޭމް ތެންކްޔޫ " އަހަރެން ހިނިތުންވެލަމުން ބުނީމެވެ.
"ތިހާ ފޯމަލްކޮށް ވާހަކަ ނުދެއްކިޔަސް އޯކޭ ވާނޭ.. ކްލާސް މޭޓެއް ވީމަ އަހަރެން ދެކެނީ އިޒާން ތީ ގާތް ރަހުމަތްތެރިއެއް ގޮތުގައި.. އަހަރެންނަށް ނައުރާ އޭ ކިޔާ މުޚާތަބު ކުރޭ.. އޭރުން ވަރަށް އުފާވާނެ.. " ނައުރާ ބުންޏެވެ. އަހަރެން އެންމެ ރަނގަޅޭ ބުނަމުން ބޯޖަހައިލީމެވެ.
"ދެން އަވަހަށް ގޮނޑީގައި އިށީނދެބަލަ.. " ނައުރާ އަހަރެންގެ އަތުގައި ހިފައިގެން ގެންގޮސް ގޮނޑީގައި ބޭންދިއެވެ. އޭނާގެ ހިތްހެޔޮ ކަމުން އޭރު އަހަރެން ހުރީ ޝުކުރު އަދާކުރާނެ ގޮތެއް ނޭނގިފައެވެ. އޭނާގެ އަމިއްލަ އެދުމެއް އޮތީކަން އޭރު އަހަރެންނަށް ނުވިސްނުނީއެވެ.
އަހަރެން ގޮނޑީގައި ހަމަޖެހިލުމާއެކު ނައުރާ އޭނާގެ ފޯނުން އަހަރެންގެ ފޮޓޯއެއް ނަގައިފިއެވެ. އެހިނދު އަހަރެންނަށް ނައުރާއަށް ބަލައިލެވިއްޖެއެވެ.
"އޮފީސް ޤުރޫޕަށް ލާންވެގެން.. އައި ހޯޕް ޔޫ ޑޯންޓް މައިންޑް.. " ނައުރާ އަވަސް އަވަހަށް ބުނެލިއެވެ. އެއްވެސް ކަމެއް ނޫންކަމަށް ބުނެ އަހަރެން ހަމައެކަނި ހިނިތުންވުމެއް ހަދިޔާ ކޮށްލީމެވެ.
ވަގުތު ޖެހުމާއެކު އަހަރެން އަވަސްވެގަތީ ގެއަށް ދިއުމަށެވެ. ގެއަށް ގޮސް ހަމަޖެހިލައިގެން ޒޭބާއާ ވާހަކަ ދައްކާލުމަށް އަހަރެން ހުރީ ކެތްމަދުވެފައެވެ. އަހަރެންގެ ކެބިން އިން ނިކުތް ވަގުތު ނައުރާ އެދިމާލަށް ހިނގާފައި އަންނަތަން ފެނުނެވެ. އަހަރެން ކައިރިއަށް އައިސް ހުއްޓެމުން ނައުރާ އެދުނީ އޭނާއާ އެކު ކޮފީއެއް ބޯލުމަށް ދިއުމަށެވެ. ތަނުގެ ވެރިޔާއަށް ވުމާއެކު އަހަރެންނަށް ނައުރާ އަށް ނޫނެކޭ ބުނާކަށް ނުކެރުނެވެ. ހިތާ ދެކޮޅަށް ނަމަވެސް ނައުރާ އާ އެކީ އޮފީހުން ނިކުތުމަށް ހިނގައިގަތީމެވެ.
"އިޒާންގެ އާއިލާގެ ކޮންބައެއް ތިބެނީ؟ " ކޮފީތައްޓަށް އިންސާފު ކުރަމުން ނައުރާ އެހިއެވެ.
"މަންމައާއި ބައްޕަ.. ދެން އަހަރެން.. " ޖަވާބުގައި އަހަރެން ބުނީމެވެ.
"އޯހް.. ޖިނާން ކޮބާ މިހާރު... "
"އޭނަވެސް އެބައުޅޭ..! " އަހަރެން ބުނެލީމެވެ.
"އެއްޗެކޭ ހީނުކުރާ މަތިން ވާހަކައެއް އަހާލަންތަ؟ " އިރުކޮޅަކު ހިމޭނުން އިނދެލާފައި ނައުރާ އެހިއެވެ. އަހަރެން ހިނިތުންވެލަމުން ބޯޖަހައިލީމެވެ.
"އިޒާން މެރީ ކުރަން އެބަ ވިސްނަންތަ؟ " ނައުރާގެ ސުވާލުން އަހަރެންނަށް އޭނާއާ ދިމާލަށް ބަލައިލެވުނެވެ. އެހާ ޒާތީ ސުވާލެއް ކުރީތީ ކުޑަކޮށް ހައިރާންވެސް ވިއެވެ. ޒޭބާގެ ވާހަކަ ބުނަން ހިތަށް އެރިއެވެ. ނަމަވެސް އެހާ ގާތް ނޫން މީހަކާ އަދި ޒޭބާގެ ވާހަކަ ހިއްސާ ކުރަން އަހަރެންގެ ހިތް އެއްބަހެއް ނުވިއެވެ. އެދުވަހު އަހަރެންގެ އެނިންމުމާ މެދު މިހާރު އަހަރެން ހިތާމަ ކުރަމެވެ. އެދުވަހު ނައުރާ ކައިރީގައި ޒޭބާގެ ވާހަކަ ދެއްކުނު ނަމަ ފަހަރެއްގައި މިއަދު ޒޭބާ ހުރީހީ އަހަރެންގެ އަނތްބެއްގެ މަގާމުގައެވެ.
"ދެން ކޮންމެވެސް ދުވަހަކުން މީހަކާ އިންނަންވާނެތާ... މިހާރު ދެން ރަނގަޅު ވަޒީފާއެއް ލިބުނީ އެކަމާވެސް ވިސްނަންވީ.. " އަހަރެން ބުނީމެވެ. އެހިނދު ނައުރާގެ ތުންފަތްމަތިން ހިނިތުންވެލުމެއް ފާޅުވެލިއެވެ. އެހިނިތުންވުމުގެ ފަހަތުގައިވާ އަސްލު ސަބަބު ދެނެގަންނަން އޭރު އަހަރެންނަށް ނޭނގުނީއެވެ.
ނުނިމޭ... ވާހަކައިގެ އާ ބައެއް، އިންޝާﷲ، ޖެނުއަރީ އަށެއް ވާ އާދީއްތަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ....
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް