އިޒާންގެ ނަޒަރުން:-
އާދައިގެ ގެސްޓް ހައުސްއެއްގެ ކޮޓަރިއެއްގެ ތެރޭގައި އަހަރެން މިއިންނަނީ ފިލަން ވަންނާނެ އިތުރު ތަނެއް ނެތިގެންނެވެ. އަމިއްލަ ގެ ވެސް އަހަރެންނަށް މިވަގުތު ރައްކާތެރިއެއް ނޫނެވެ. އަހަރެންގެ ހަށިގަނޑުން ފުރާނަ ވަކިކޮށްލަން ބަޔަކު ތިބީ އަތުކުރި އޮޅާލައިގެންނެވެ. އެމީހުންގެ އަތު ނުޖެހުނިއްޔާ ޔަގީނުންވެސް އަހަރެން ފުލުހުންގެ އަތް ދަށު ވާނެއެވެ. އެއްގޮތަކުންވެސް އަހަރެންނަށް ސަލާމަތެއް ނެތެވެ. ފަހަރެއްގައިވެސް އަހަރެން ބިރުގަންނަނީ އެމީހުން އަހަރެން މަރާލަފާނެތީއެއް ނޫނެވެ. އަހަރެންގެ މައިންބަފައިންނަށް ވެދާނެ ގޮތަކާމެދު ހިތަށް އަރާފައެވެ. މައިންބަފައިންނާ މެދު ފިކުރުކުރެވޭއިރު އެމީހުން ގަދަވެ ސަލާމަތުން ދުނިޔޭގައި ތިބިކަމެއްވެސް ނޭނގެއެވެ.
އެމީހުން އަހަރެން މަރާލާނެތީ ނުވަތަ މަރުވެދާނެތީ އަހަރެން ބިރެއް ނުގަނެއެވެ. އަހަރެންގެ އެބިރު ފަހަނައަޅައި ދިޔަތާ ކިތަންމެ ދުވަހެކެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. ބިރަށް ހޭނޭވަރުވަންދެން އެމީހުން އަހަރެން ބިރުގަންނަވައިފިއެވެ.
ކުރެވުނު ކަންތަކާ އަހަރެން ކުޑަކޮށްވެސް ދެރައެއް ނުވެއެވެ. ބަދަލުހިފުމުގެ ރޫހުގައި އަހަރެން ދިނީ އެމީހުންނަށް ހައްޤު އަދަބެކެވެ. އަހަރެންގެ އެންމެ ގާތް އެކުވެރިޔާ ޖިނާންއާއި އަހަރެންގެ ފުރާނަ ފަދައިން އެންމެ ލޯބިވާ ޒޭބާ މަރާލީ އަހަރެންގެ ކުރިމަތީގައެވެ. ޒޭބާ މަރައިލީ އެއްވެސް ރަހުމެއް ހަމްދަރުދީއެއް ނެތި އޭނާގެ އިއްފަތްތެރިކަން ނަގާލުމަށްފަހުގައެވެ. އަހަރެން ކުރި އާދޭހާއި ރުއި ރުއިމަށް އެމީހުން ކުޑަވެސް ސަމާލުކަމެއް ނުދިނެވެ. އަހަރެމެންނަށް ޙަމްދަރުދީގެ ލޮލަކުން ބަލައިލި އެކަކުވެސް އެތާކު ނެތެވެ. އެންމެންގެ ތުންފަތްމަތީގައިވީ މަލާމަތާއި ފަތަހައިގެ ހިނިތުންވުމެވެ. އެމީހުންނަށް ބޮޑު ކާމިޔާބީއެއް ހާސިލްވެގެން އުޅުނު ކަހަލައެވެ.
އަހަރެންގެ ހަޔާތަށް ވިހަލި މީހަކީ ނައުރާއެވެ. މައުސޫމު މޫނެއްގެ ފަހަތުގައި ފޮރުވިފައިވަނީ މަކަރުވެރި ހީލަތްތެރި މޫނެއްކަން އޭރު އަހަރެންނަށް އިހުސާސް ނުވީއެވެ. އޭނާގެ ހަޤީޤަތް އޭރު އެނގުނު ނަމަ އަހަރެންގެ ހަޔާތަށް ވައި އެޅުނަވެސް ނުދިނީމުހެވެ. ހުރިހާ ކަމެއްވެސް ވީ ނައުރާގެ ސަބަބުންނެވެ. އެންމެ ބޮޑު ކުށްވެރިއަކީ އެއީއެވެ. ވެގެން ދިޔަ ހުރިހާ ކަމެއްގެ ޒިންމާ ނަގަން ޖެހޭނެ މީހަކީ އެއީއެވެ. ކިޔައިދޭން މިއުޅޭ ވާހަކަ އަޑުއަހާށެވެ.
********************
އަހަރެންނަށް ކިޔަނީ އިޒާންއެވެ. އަހަރެންނަކީ ވަރަށް އާދައިގެ އާއިލާއަކަށް ނިސްބަތްވާ ހަތަރުކަށި މަތި މާލޭ މީހެކެވެ. މަންމަ އަދި ބައްޕަގެވެސް މާލޭގައި ގެދޮރު ހުރެއެވެ. މަންމަގެ ގެއިން މަންމައަށް ވީ ތަންކޮޅު ހުންނަނީ ކުއްޔަށް ދޫކޮށްފައެވެ. ދިރިއުޅުން ހަމަޖެހެނީ އެތަނުން ލިބޭ މަދު ލާރިކޮޅުންނެވެ. އަހަރެން ވަރަށް ކުޑައިރު ބައްޕައަށް ސްޓްރޯކެއް ޖެހި ބައްޕަ އޮންނަނީ އެނދުމަތިވެފައެވެ. ބައްޕަގެ ގެއިން ބައްޕައަށް ލިބުނީ އަލިފާން ފޮއްޓެއް ކަހަލަ ކޮޓަރި އެކެވެ. އެތަނުގައި އަހަރެމެން ތިން މީހުން ދިރުއުޅެމުން އައީ ވަރަށް ހާލުގައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.
ކިޔަވާ ނިމުމާއެކު އަހަރެންގެ އަޒުމަކަށް ވީ ރަނގަޅު ވަޒީފާއެއް ހޯދުމަށްފަހު ގެއިން މަންމައަށް ވީ ތަންކޮޅު ރަނގަޅަށް ފެންވަރުގައި ހަދާލުމަށެވެ. ބައްޕަ ގޮވައިގެން ބޭރަށް ގޮސް ރަނގަޅަށް ފަރުވާ ކުރާށެވެ. މުޅި އުމުރު މަންމަ ކުރި ބުރަ މަސައްކަތްތަކުން މަންމައަށް ޗުއްޓީ ދީ މަންމައާއި ބައްޕަ ގޮވައިގެން ހައްޖަށް ދާށެވެ. ނަމަވެސް އަހަރެންގެ ހުވަފެންތަކުގައި ކުލަ ޖެހުމުގެ ކުރިން ނައުރާއޭ ކިޔުނު ހަރުފަ އަހަރެންގެ ހަޔާތަށް ވިހަ ލައިފިއެވެ. އިހަށް އެހަރުފައިގެ ވާހަކަ ދައްކައިގެން އަހަރެން މޫޑު ހަރާބުވުމުގެ ކުރިން އަހަރެންގެ ލޯބިވާ ޒޭބާގެ ވާހަކަ ކިޔައިދޭނަމެވެ.
ޒޭބާއާއި އަހަރެން ދިމާވީ ސުކޫލުގައި ކިޔަވަން އުޅުނު ދުވަސްވަރުގައެވެ. ދެމީހުން ދޭތެރޭގައި ފުރަތަމަ އުފެދުނީ ގާތް އެކުވެރި ކަމެކެވެ. އަހަރެންނަށް ޒޭބާ ކަމުދާން ފެށީ ނުވެސް އެނގި ހުއްޓައެވެ. އަހަރެންގެ ހިތް އެންމެ ބޮޑަށް ލެނބުނީ ޒޭބާގެ ފަރާތުން ފެނުނު ރިވެތި އަޚްލާޤަށެވެ. ޒޭބާއަކީ ބަލާލަންވެސް ހަޑި ކުއްޖެއް ނޫނެވެ. އަލިކަޅު ހަންގަޑެއް ލިބިފައިވާ ރީތި ކުއްޖެކެވެ. އެންމެ އަޅައިގަންނަނީ ޒޭބާއަށް ލިބިފައިވާ ބޯ، ވަށް ތުންފަތެވެ. ޤުދުރަތީގޮތުން ތުންފަތުގެ ވަށައިގެން ލެވިފައިވާ ކަޅު ފަށަލަ އެރީތި ކަމަށް އިތުރު ފުރިހަމަ ކަމެއް ގެނެސް ދެއެވެ. މޭކަޕެއް ނުކުރިޔަސް ޒޭބާގެ ރީތިކަމަށް އެއްވެސް ބަދަލެއް ނާދެއެވެ. އެއީ ޤުދުރަތީ ރީތިކަމުގެ ފުރިހަމަ ނަމޫނާއެކެވެ.
ޒޭބާ އަހަރެންނާ މެދު ދެކެނީ ކޮންގޮތަކަށް ކަމެއް ނޭނގުނަސް އަހަރެން ޒޭބާއަށް ލޯބި ހުށައަޅަން ނިންމީމެވެ. ނުބުނެ ހުއްޓާ އަހަރެން އަތުން ޒޭބާ ގެއްލިދާނެތީ ބިރުންނެވެ. އެދުވަސް އަހަރެން ދުވަހަކުވެސް ހަނދާނެއް ނުނެތޭނެއެވެ. އެދުވަސް މަތިން ހަނދާންވުމުން މިހާރުވެސް އަހަރެންނަށް ހެވެއެވެ. ސްކޫލްގެ ދަންފަޅި ނިމުމާއެކު އަހަރެންނާއި ޖިނާން އަދި ޒޭބާ ގެއަށް ދާން ހިނގައިގަތީ އެކުއެކީގައެވެ.
ކުރަން އުޅޭ ކަންތައް އިރުއިރުކޮޅާ ޖިނާން އަހަރެންނަށް ހަނދާންކޮށްދެމުން ދިޔައީ ކޮނޑުގައި ޖެހިގަންނަމުންނެވެ. އޭނާގެ ގެއާ ހިސާބަށް އާދެވުމުން ޒޭބާއަށް ނޭނގޭ ގޮތަށް އަހަރެންނަށް ބޮޑުވައި އިނގިލި ދައްކައިލީ ގުޑް ލަކް ބުނެލުމުގެ ގޮތުންނެވެ. ޖިނާން ދިއުމުން އަހަރެން ޒޭބާއާ އެކު އޭނާގެ ގެއާ ދިމާލަށް ހިނގައިގަތީމެވެ. ޒޭބާ އެކި ވާހަކަ ދައްކަމުން ދިޔައިރުވެސް އަހަރެންނަށް އަނގައިން ބުނެވޭ ވަރު ނުވިއެވެ. އެންމެ ފަހުން ޒޭބާގެ ގެ ހުންނަ ގޯޅިއާ އަރާ ހަމަވީއިރުވެސް އަހަރެންނަށް އެކަމެއް ނުކުރެވުނެވެ. ފިނޑިމީހެއް ކަމަށް ބުނެ ނަފްސު އެއްޗެތި ގޮވައިގަތެވެ. އެހިނދު ދާން އުޅުނު ޒޭބާގެ އަތުގައި އަހަރެން ހިފާލީމެވެ. ޒޭބާ އެނބުރިލުމަށްފަހު ދެބުމަ އަރުވައިލީ ކިހިނެއްވީތޯ އަހައިލުމުގެ ގޮތުންނެވެ.
" ޒޭބާ!! އަހަރެން ބޭނުން ވާހަކައެއް ބުނަން... " ޒޭބާގެ އަތުން ދޫކޮށްލަމުން އަހަރެން ބުނީމެވެ. އަހަރެން ދެއަތާއި ދެފައި ގަނޑުފެންކޮޅެކޭ އެއްފަދައެވެ. މޫނުމަތިން ދާ ހިއްލާލާފައި ހުރިއިރު އަޑުގައިވެސް ތުރުތުރެއް ހުއްޓެވެ. ހިތުގެ ތެޅުން އިންތިހާއެވެ.
" ކިހިނެއްވީ ހާދަ ބިރުން ތިހިރީ... " ޒޭބާއަށް ފާހަގަވެގެން ބުނެލިއެވެ. އަހަރެންގެ ނޭވާ އިހުނަށްވުރެ އަވަސްވެލިއެވެ. ހިތްވަރުކޮށްލާފައި ޒޭބާއާ ހަތަރުކަޅި ހަމަކޮށްލީމެވެ. އެދެލޮލުގެ ފުންކަމުގެ ތެރެއަށް ގެނބިގެން ދިޔައީ އިޚްތިޔާރަކާ ނުލައެވެ. އެހިސާބުން އަހަރެން ގަނެފައިވާ ބިރު ފިލައިފިއެވެ. ޒޭބާއާ ކުޑަކޮށް ކައިރިއަށް ޖެހިލީމެވެ. ޒޭބާވެސް އޭނާގެ ނަޒަރު ތިރިކޮށްލާކަށް ނޫޅުނެވެ.
" ޒޭބާ!! އަހަރެންނާ މެދު ޒޭބާ ދެކެނީ ކޮން ގޮތަކަށް ކަމެއް އަހަރެންނަކަށް ނޭނގޭ.. އެކަމަކު އަހަރެންނަށް ޒޭބާ ދެކެ ވަރަށް ލޯބި ވެވިއްޖެ.. " އެދެލޮލުގައި ޖާދޫގައި ޖެހިފައިހުރެ އަހަރެން ބުނެލީމެވެ. ޒޭބާގެ ތުންފަތްމައްޗަށް ވެރިވީ ލަދުރަކި ހިނިތުންވުމެކެވެ. އޭނާ އިސްޖަހައިލަމުން ހީނލައިފިއެވެ. އަހަރެންވެސް ހީނލަމުން ބޯކަހައިލީމެވެ.
" އަހަރެންވެސް.......... " ޒޭބާ ބުނެލީ އެވަރަށެވެ. ޖުމްލަ ފުރިހަމަކުރަން އޭނާ ލަދުގަތީކަން އަހަރެންނަށް އެނގުނެވެ. ދެކޯތާފަތްމައްޗަށް އަރާފައިވާ ޖަންބުކުލައާއި ލަދުރަކި ހިނިތުންވުން އަހަރެންގެ ހިތުގެ އެންމެ ފުންމިނަށް އަސަރުކުރިވިއެވެ.
ހަމަ އެދުވަހު އަހަރެންގެ މަންމައާ ޒޭބާގެ ވާހަކަ ހިއްސާކުރީމެވެ. މަންމަ އެދުނީ ޒޭބާއާ ބައްދަލުކޮށްލަން ގެއަށް ގެނެސް ދިނުމަށެވެ. މަންމަ ބޭނުންވިހެން ޒޭބާއާއި މަންމަ ބައްދަލުކޮށްދިނީމެވެ. ހީކުރި ވަރަށް ވުރެ އަވަހަށް މަންމައާއި ޒޭބާއާ ދެމެދު ގާތް ގުޅުމެއް އުފެދުނެވެ. އަހަރެންނަށް އުނދަގޫވީ ޒޭބާގެ މައިންބަފައިންނާ ގުޅުމެއް އުފައްދާށެވެ. ސްކޫލް ދައުރުގައި ރައްޓެހިވެގެން އުޅުމަކީ އެމީހުންނަށް މާ ކަމުދާ ކަމަކަށް ނުވިއެވެ. އެހެންކަމުން އަހަރެންނާއި ޒޭބާ ސްކޫލް ނޫން ތަނަކުން ބައްދަލެއް ނުކުރަމެވެ.
ސްކޫލް ނިމުމާއެކު ޒޭބާގެ މައިންބަފައިން ކައިރިން ޒޭބާއާ ކައިވެނިކުރަން ބޭނުންވެގެން އެދުނީމެވެ. އެމީހުން އެއްބަސް ވިއެވެ. އެކަމަކު އެއީ ޒޭބާ މަތީ ތައުލީމު ހާސިލުކޮށްގެން އައުމަށްފަހުގައެވެ. އަދި އަހަރެންވެސް އާމްދަނީ ލިބޭ ރަނގަޅު ވަޒީފާއެއް ހޯދައިގެން ޒޭބާ ބެލެއްހެއްޓޭ ވަރުގެ ޤާބިލު މީހަކަށް ވުމަށްފަހުގައެވެ. އެމީހުން ބޭނުންވީ ޑޮކްޓްރީކަން ކިޔަވަން ޒޭބާ ރާއްޖެއިން ބޭރަށް ފުރުވާލުމަށެވެ. އެތައް ދުވަހަކަށް ޒޭބާ އަހަރެންނާ ދުރުވާން އުޅޭތީ އަހަރެން ދެރަވިއެވެ.
ފުރަން އޮތް ރޭ އަހަރެން ޒޭބާއާ ބައްދަލު ކުރީމެވެ. އޭނާގެ ގެއިންނެވެ. ޒޭބާ ފޮއްޓަށް އެއްޗެހި އަޅަމުން ދިޔައިރު އަހަރެން އޭނާގެ ހަރަކާތްތަކަށް ބަލަހައްޓައިގެން އިނީމެވެ. ދުވަސްކޮޅަކަށް ނަމަވެސް ޒޭބާ އަހަރެންނާ ދުރަށް ދާން އުޅޭތީ އަހަރެންގެ ހިތަށް އިންތިހާއަށް އަސަރު ކުރަމުން ދިޔައެވެ. ޒޭބާގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ މޮޅިވެރިކަމެވެ. ނަމަވެސް އޭނާ އަހަރެންނަށް ބަލައިލާ ކޮންމެ ފަހަރަކު ހިނިތުންވުމެއް ހަދިޔާކޮށްލައެވެ. ދެރަވާ ކަމަށް ނުހެދެން މަސައްކަތް ކުރަމުންނެވެ. އެނދުމަތީގައި ހުރި ފޮށި ނަގާ ތިރީގައި ބެހެއްޓުމަށްފަހު ޒޭބާ އައިސް އަހަރެން ކައިރީގައި އިށީނެވެ. އުނގުމަތީގައި އޮތް އަހަރެންގެ އަތުގެ އިނިގިލި ތަކުގެ ތެރެއަށް އޭނާގެ ހިމަ ހޯލި އިނގިލިތައް މަހައިލިއެވެ. އަހަރެން ޒޭބާއަށް ބަލައިލީ ލޯބިން ފުރިގެންވާ ބެލުމަކުންނެވެ. އަނެއް އަތުން އަހަރެން ޒޭބާ މޫނުމައްޗަށް ވެއްޓިފައިވާ ބައެއް އިސްތަށިތައް ކަންފަތް ދަށައް ލައްވާލަ ދިނީމެވެ.
" އަހަރެން ވަރަށް ވަރަށް މިސްވާނެ.. " އަހަރެން ބުނެލީމެވެ.
" އަހަރެންވެސް…. އެކަމަކު އިރާދަކުރެއްވިއްޔާ އަހަރެން ކޮންމެ ދުވަހަކުވެސް އިޒާންއަށް ގުޅާނަން.. " ޒޭބާ ބުންޏެވެ.
" ޒޭބާ ފްރީ ވާ ކޮންމެ ގަޑިއެއް އަހަރެންނަށް އަންގާލަ ދޭތި... ލިބޭ ކޮންމެ ހުސްވަގުތެއް އަހަރެން ބޭނުމީ ޒޭބާއާ އެކު ހޭދަކުރަން.. " އަހަރެންގެ އަތުތެރޭގައި އޮތް ޒޭބާގެ އަތްތިލައަށް ފިތައިލަމުން އަހަރެން ބުނީމެވެ.
" ދެން ކޮން ވަގުތެއް އިޒާން ކިޔެވުމުގަ ހޭދަކުރާނީ.. އަހަރެން އެނބުރި އަންނަންވާއިރަށް އިޒާންވެސް ކިޔަވައިގެން ރަނގަޅު ވަޒީފާއެއް ހޯދަބަލަ.. އޭރުން އަވަހަށް ކައިވެނި ކުރެވޭނީ.. " ޒޭބާ ބުންޏެވެ. އަހަރެން ބޯޖަހައިލީމެވެ. ދިގު އިންތިޒާރެއް ކުރަން ޖެހުނަސް އިންތިޒާރުގެ ނިމުން ފޮނިވާނޭ މީހުން ކިޔާ އަޑުއިވޭތީ އަހަރެން ހުރީ ހިތްހަމަޖައްސާލައިގެންނެވެ. ފަހުން ވެދާނެ ގޮތެއް ހިޔާލަކަށް ވިސްނުމަކަށްވެސް ނާދެއެވެ.
ޒޭބާ ފުރައިގެން ދިޔަތާ ހަފްތާއެއް ތެރޭގައި އަހަރެންވެސް މަތީ ތައުލީމް ހާސިލް ކުރަން ފެށީމެވެ. ޒޭބާ ވައުދުވިހެން ކޮންމެ ދުވަހަކުވެސް އޭނާ އަހަރެންނަށް ގުޅައެވެ. އެގޮތުގައި ހަތަރު އަހަރު ފާއިތުވެގެން ދިޔައިރު ޒޭބާ ކޮންމެ އަހަރަކުވެސް އެއްފަހަރު މާލެ އާދެއެވެ. ޒޭބާ މާލޭގައި ހުންނަ މަދު ދުވަސްކޮޅުގައި ވީހާވެސް ގިނައިން ވަގުތު ހޭދަކުރެވޭތޯ އަހަރުމެން ބެލީމެވެ. އެހަތަރު އަހަރު ދުވަހު ތެރޭގައި ދުވަހަކަށްވުރެ ދުވަހެއް އަހަރެމެންގެ މެދުގައި އޮތް ލޯބި ދިޔައީ އިތުރުވަމުންނެވެ. ޒޭބާއާ ވަކިން ނޫޅެވޭހާ މިންވަރަށް އަހަރެންގެ ހިތުގައި އެލޯބިވަނީ އަށަގަނެފައެވެ.
ޑިގްރީ ހަދަމުން އަހަރެން ވަޒީފާއަށް އެދި ތަންތަނަށް ސިޓީ ލާން ފެށީމެވެ. އެހުރިހާ ތަނަކަށް ލައިގެންވެސް އަހަރެންނަށް އިންޓަވިއުއަށް ކީ އެންމެ ތަނަކުންނެވެ. އިންޓަވިއުއަށް ކިޔައިދާނެ ކަމަށް އެންމެ ހީނުކުރާތަނުން ގުޚުމުން އަހަރެން ހައިރާންވި ނަމަވެސް އިންތިހާއަށް އުފާވިއެވެ. އެތަނަށް އިންޓަވިއުއަށް ދިޔައިރު އެއީ އަހަރެންގެ އުފާވެރި ހަޔާތް ނިމުމުގެ ފެށުން ކަމުގައި ފަހަރެއްގައިވެސް ހީނުކުރަމެވެ. ' ވަން ޑޮލަރ ' ކުންފުންޏަކީ ނާހިދު މުހައްމަދު ކިޔާ މީހަކު ފެށި ވިޔަފާރިއަކުން އުފެއްދި ކުންފުންޏެކެވެ. އެކުންފުންޏަށް އެނަން ދެވުނީ އޭނާ އެވިޔަފާރި ފެށީ އެންމެ ޑޮލަރަކުން ކަމަށްވާތީއޭ ކިޔާ އަޑު އެހީމެވެ. ދިހަ އަހަރު ކުރިން ކެންސަރު ބަލީގައި ނާހިދު މުހައްމަދު ނިޔާވި ފަހުން އެވިޔަފާރި ހިންގުމާ ހަވާލުވެ ހުރީ އޭނާގެ ހުރި ހަމައެކަނި ފިރިހެން ދަރި ނިމާލްއެވެ.
އިންޓަވިއު އަށް ދިޔަ ދުވަހު އަހަރެން ހުރީ ކޮންމެވެސް ވަރަކަށް ހާސްވެ ކަންބޮޑުވެފައެވެ. އިންޓަވިއުގައި ދޭނެ ޖަވާބުތައް ހިތުގައި ރާވާލަމުން އަހަރެން ގޮސް ރިސެޕްޝަނުގައި އިންޓަވިއުއަށް އައި ވާހަކަ ބުނެލީމެވެ. ރިސެޕްޝަނުގައި ހުރި އަންހެންމީހާ އަހަރެން ގޮވައިގެން ގޮސް ވެއިޓިން އޭރިއާ ގައި ބޭންދިއެވެ. އިރުކޮޅަކުން ގޮވާލާނެ ކަމުގައި ބުނަމުންނެވެ. އަހަރެން ފިޔަވާ އިތުރު މީހަކު އެތަނުގައި ނެތުމުން އަހަރެން ހައިރާންވިއެވެ. އިންޓަވިއުއަށް ކީ އަހަރެންނަށް އެކަނިބާއޭ ހިތަށް އެރިއެވެ. އެފަދަ ވިސްނުމެއްގައި އިންދާ ކޯޓެއް ލައިގެން ހުރި ފިރިހެނަކު އައިސް އަހަރެންނަށް ގޮވާލައިފިއެވެ. އޭނާ އެދުނީ އޭނާއާ އެކު އައުމަށެވެ. އޭނާ އަހަރެން ގޮވައިގެން ގޮސް ހުއްޓުނީ ސީ. އީ. އޯ ޖަހާފައި އިން ދޮރެއްގެ ކުރިމަތީގައެވެ. އަހަރެންނާ އިންޓަވިއު ކުރާނީ ސީދާ ސީ. އީ. އޯ ހޭ ހިތަށް އެރި ހިނދު އަހަރެން ފިނިވެލިއެވެ. އަހަރެން ކައިރީގައި ހުރި މީހާ ދޮރުގައި ޓަކި ޖަހާލުމާއެކު އެތެރެއިން ' ކަމް އިން ' އޭ ގޮވައިލީ އަންހެނެކެވެ. އެފިރިހެންމީހާ ދޮރު ހުޅުވާލުމަށްފަހު އިޝާރާތުން އެތެރެއަށް ވަނުމަށް އަހަރެން ކައިރީގައި ބުންޏެވެ. ޖެހިލުންވެ ހުރެ މަޑުމަޑުން އެތެރެއަށް އަހަރެން ވަނީމެވެ. ވަށްމޭޒުގައި ކައިރީގައި ބޮޑު ގޮނޑީގައި އިނީ ނިމާލްއެވެ. އަހަރެންނަށް އޭނާ އެހާ ފަސޭހައިން އެނގުނީ ނޫސް ތަކުންނާއި ޓީވީ އިން ފެންނާތީއެވެ. އޭނާގެ ފަހަތުގައި ބިއްލޫރި ކުޑަ ދޮރުން ބޭރު ބަހަލައްޓައިގެން އަންހެނަކު ހުއްޓެވެ. ފުރަގަހަށް ހުރުމުން އޭނާގެ މޫނެއް އަހަރެންނަކަށް ނުފެނެއެވެ. ފެނުނީ އޭނާގެ ދިގު ވަރުގަދަ ބުޅި އިސްތަށިގަނޑެވެ.
" ނައުރާ!! ހީ އިޒް ހިއަރ.. " އެ އަންހެން މީހާއަށް ބަލައިލަމުން ނިމާލް ބުނެލިއެވެ.
ނުނިމޭ.. ވާހަކައިގެ އާ ބައެއް، އިންޝާﷲ، 06 ޑިސެމްބަރ ވާ އަންގާރަދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް