ސިޓީ ކައުންސިލުތަކަށް އަލުން ބާރުތައް ދޭން ވަޒީރުންގެ މަޖިލީހުން ނިންމަވައިފި

ސިޓީ ކައުންސިލުގެ ބާރުތައް އަލުން އެ ކައުންސިލުތަކަށް ދިނުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ. ރައީސް އޮފީހުން ހާމަކުރައްވާފައިވާގޮތުގައި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞ...

04 Dec 2018 | 13:38

ސިޓީ ކައުންސިލުގެ ބާރުތައް އަލުން އެ ކައުންސިލުތަކަށް ދިނުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ.

ރައީސް އޮފީހުން ހާމަކުރައްވާފައިވާގޮތުގައި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން، ސިޓީ ކައުންސިލުގެ ބާރުތަކާއި، ސިޓީ ކައުންސިލުން ފޯރުކޮށްދޭ ޚިދުމަތްތައް ވަޒީރުންގެ މަޖިލީހުން އަލުން ވަނީ ކަނޑައަޅުއްވައިފިއެވެ. ވަޒީރުންގެ މަޖިލީހުން މިގޮތަށް މި ނިންމެވީ، މިއަދު ބޭއްވެވި އެ މަޖިލީހުގެ ޖަލްސާގައި މި ކަމާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ.

"މިގޮތުން، ސަރުކާރުގެ ވުޒާރާތަކަށް ބަދަލުކުރައްވާފައިވާ، ސިޓީ ކައުންސިލުގެ ބާރުތަކާއި، ސިޓީ ކައުންސިލުން ދޭ ޚިދުމަތްތައް، އަލުން ސިޓީ ކައުންސިލުތަކަށް ބަދަލުކުރުމުގައި، އެ ވުޒާރާއަކާއެކު ވެވޭ އެއްބަސްވުމެއްގެ ދަށުން ކުރިއަށް ގެންދެވުމަށްވެސް ވަނީ ނިންމަވާފައެވެ." ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ.

އެ އޮފީހުން ހާމަކުރައްވާފައިވާގޮތުގައި އަލުން ސިޓީ ކައުންސިލަށް ބަދަލުކުރުމަށް ނިންމެވި ބާރުތަކުގެ ތެރޭގައި، އަލަށް އުފަންވާ ކުދިންނާއި މަރުވާ މީހުންގެ ރެކޯޑު ބެލެހެއްޓުމާއި، ސަރުކާރުގެ ކަމާބެހޭ އިދާރާއިން އަންގާ ގޮތެއްގެމަތިން ތަފާސްހިސާބު ނަގައި ބެލެހެއްޓުމާއި، އެ ސިޓީއެއްގެ ރަޖިސްޓަރީގައި ރަށްވެހިވެފައިވާ މީސްމީހުންނާއި، ރަށްވެހިނުވެ ދިރިއުޅެމުން ގެންދާ މީހުންނާއި، އަދި އެސިޓީގައި ދިރިއުޅޭ ބިދޭސީންގެ ދަފްތަރު ލިޔެ ބެލެހެއްޓުމާއި، އެކަށީގެންވާ ރައްކާތެރި ގޮތެއްގައި ކުނި ނައްތާލުމާއި، ސިޓީއާއި ސިޓީގައި ހިމެނޭ އަވަށް އަވަށުގެ މަގާއި ޕާކުތަކާއި މައިދާން ފަދަ ތަންތަން ވަގުތީގޮތުން ނުވަތަ ދާއިމީގޮތުން ހުޅުވުމާއި ބަންދުކުރުމާއި، ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ފިހާރަތަކާއި ހޮޓާތަކާއި ރެސްޓޯރަންޓްތަކާއި ކެފޭތަކާއި ޢާންމު މާރުކޭޓުތަކުގެ ކަންކަން ހުރޭތޯ ބެލުން ފަދަ ކަންކަން ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް