ޕެޓްރޯލާއި ޑީސަލް ވިއްކާ ޝެޑުތަކުން 24 ގަޑިއިރު ހިދުމަތް ދޭގޮތަށް ސަރުކާރުން ހަމަޖައްސައިފިއެވެ.
މިގޮތަށް ހަމަޖައްސާފައިވަނީ އިމްޕޯޓް މުދަލުގެ ވިޔަފާރި ކުރުމުގެ ގަވާއިދަށް މިއަދުން ފެށިގެން ގެނައި އިސްލާހަކުންނެވެ.
އެ އިސްލާހުގައި ބުނެފައިވަނީ މިއަދުން ފެށިގެން ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ޕެޓްރޯލާއި ޑީސަލް ވިއްކާ ތަންތަން 24 ގަޑިއިރު ހުޅުވާފައި ބެހެއްޓިދާނެ ކަމަށެވެ.
މި ގަވާއިދު މިއަދު ގެޒެޓުކޮށްފައިވާއިރު ވިޔަފާރި ހިދުމަތްދޭ ތަންތަން 24 ގަޑިއިރަށް ބަދަލުކުރުމަކީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ 100 ދުވަހުގެ އަމާޒުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ގަވާއިދަށް މި އިސްލާހު ގެނެސްފައިވާއިރު ޕެޓްރޯލު ޑީސަލް ޝެޑުތައް މިހާރު ހުޅުވަނީ ހެނދުނު 09:00 އިން ރޭގަނޑު 11:00 އާއި ހަމައަށެވެ. ގަވާއިދަށް ގެނައި މި އިސްލާހާއެކު ޕެޓްރޯލު ޝެޑުތަކުގައި އިތުރު ވަޒީފާ އުފެދި، އެސްޓީއޯ ފަދަ ކުންފުނިތަކުން މި ބަދަލާއެކު އަމަލު ކުރަން ފަށާނެ ކަމަށް ބެލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް