ރައީސް ޞާލިޙް އެކުލަވާލި ކެބިނެޓަށް މަޖިލީހުން ރުހުން ދީފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެކުލަވާލި ވަޒީރުންގެ މަޖިލީހުގައި ހިމެނޭ 19 ވަޒީރުންނަށާއި ދައުލަތުގެ ބަންޑާރަ ނައިބަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ. މިއަދުގެ ޖަލް...

04 Dec 2018 | 10:11

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެކުލަވާލި ވަޒީރުންގެ މަޖިލީހުގައި ހިމެނޭ 19 ވަޒީރުންނަށާއި ދައުލަތުގެ ބަންޑާރަ ނައިބަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.

މިއަދުގެ ޖަލްސާގައި ވަޒީރުންނަށް ރުހުން ދިނުމަށް އަހާފައިވަނީ ވަކިވަކީންނެވެ. ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތާއި މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސެސް އެންޑް އެގްރިކަލްޗާ ޒަހާ ވަހީދާއި މިނިސްޓަރ އޮފް ހައުސިންގް އެންޑް އާބަން ޕްލޭނިންގް އައިމިނަތު އާތިފާ ޝަކޫރާއި މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް އަހްމަދު މަހުލޫފަށް ރުހުން ދީފައިވަނީ 72 މެމްބަރުންގެ ވޯޓުންނެވެ.

މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް ފައްޔާޒް އިސްމާއީލަށް ރުހުން ދީފައިވަނީ ބައިވެރިވި 71 މެމްބަރުންގެ އިއްތިފާގުންނެވެ.

އިސްލާމިކް އެފެއާޒް މިނިސްޓަރ ޑރ. އަހްމަދު ޒާހިރު އަލީއަށް ރުހުން ދިނުމުގެ ވޯޓުގައި 72 މެމްބަރަކު ބައިވެރިވި ނަމަވެސް ރުހުން ނުދިނުމަށް އެއް މެމްބަރަކު ވޯޓު ދެއްވިއެވެ.

މީގެ އިތުރުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީއާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި ނޭޝަނަލް ޕްލޭނިންގް އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމާއި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަނާއި ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލާއި ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ އަދި ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އާއިޝަތު ނަހުލާ އަށް ރުހުން ދީފައިވަނީ ވޯޓުގައި ބައިވެރިވި 70 މެމްބަރުން އިއްތިފާގުންނެވެ.

ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދަށް ރުހުން ދިނުމުގެ ވޯޓުގައި 69 މެމްބަރުން ބައިވެރިވެ ވޯޓު ދީފައިވާއިރު މިނިސްޓަރ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫނަށް ރުހުން ދިނުމުގެ ވޯޓުގައި ބައިވެރިވެވަޑައިގަތީ 68 މެމްބަރުންނެވެ. އެ ދެ ވަޒީރުންނަށް އެ ދެ ވޯޓުގައި ބައިވެރިވި ހުރިހާ މެމްބަރުން ވޯޓު ދީފައިވެއެވެ.

މީގެ އިތުރުން މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން އަބްދުﷲ އަށް ރުހުން ދިނުމުގެ ވޯޓުގައި 69 މެމްބަރަކު ބައިވެރިވެވަޑައިގެންނެވި ނަމަވެސް އެއް މެމްބަރަކު ވަކި ގޮތަކަށް ވޯޓު ނުދެއްވައެވެ. އަދި  މިނިސްޓަރ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސެސް ޝިދާތާ ޝަރީފަށް ރުހުން ދިނުމުގެ ވޯޓުގައި 70 މެމްބަރަކު ބައިވެރިވެވަޑައިގެންނެވި އިރު، އެކަމަނާއަށް ރުހުން ދިނުމަށް 67 މެމްބަރުން ވޯޓު ދެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް