ނައިބު ރައީސް އެޗްއައިވީއަށް ޓެސްޓު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އެޗްއައިވީ އަށް މިއަދު ޓެސްޓު ކުރައްވައިފިއެވެ. ނައިބު ރައީސް އެޗްއައިވީއަށް ޓެސްޓު ކޮށްފައިވަނީ އެއިޑްސް ދުވަހާއި ގުޅިގެން މުޅި ދުނިޔޭގައި ހިންގަމުން އަނ...

04 Dec 2018 | 09:33

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އެޗްއައިވީ އަށް މިއަދު ޓެސްޓު ކުރައްވައިފިއެވެ.

ނައިބު ރައީސް އެޗްއައިވީއަށް ޓެސްޓު ކޮށްފައިވަނީ އެއިޑްސް ދުވަހާއި ގުޅިގެން މުޅި ދުނިޔޭގައި ހިންގަމުން އަންނަ "ނޯ ޔުއަރ ސްޓޭޓަސް" ކެމްޕޭން މިއަދު ރާއްޖޭގައި ފައްޓަވައިދެއްވުމަށްފަހުގައެވެ.

މިއަދު ހެނދުނު އޮތް މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އެއިޑްސް ބަލިން ރައްކާތެރިވުމަށް ބާރުއެޅުމުގެ ގޮތުން ހުރިހާ ދާއިރާއެއް ހިމޭގޮތަށް ހިންގާ އެކި އެކި ޕްރޮގްރާމްތައް ބެލުމާއި ހިންގުމަށް ހަރުދަނާ ނިޒާމެއް ޤާއިމުކުރުމަށް ސަރުކާރުން ނިންމަވާފައިވާކަން ހާމަކުރައްވައިފައެވެ. އަދި، މި ނިޒާމު ޤާއިމުކުރެވިގެންދިޔުމަކީ ޚަރަދުކުޑަވެ، ފަސޭހައިން މިފަދަ ޕްރޮގްރާމްތައް ހިންގުމަށް މަގުފަހިވާނެކަމެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ރާއްޖޭގައި އެއިޑްސް ޖެހޭ މީހުންގެ މިންވަރު އިތުރުނުވެ ހިފެހެއްޓިފައިވުމީ ވަރަށް ބޮޑު ކާމިޔާބީއެއްކަން ފާހަގަކުރައްވައި،  މިފަދަ ކާމިޔާބީއެއް ހާސިލްކުރުމުގައި އެއިޑްސްއަށް ޓެސްޓުކޮށް އެމީހެއްގެ ހާލަތު ދެނެގަނެވިފައި އޮތުމަކީ މިބަލިން ރައްކާތެރިވުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަން ފާހަގަކުރައްވައިފައެވެ.

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، އެއިޑްސް ބަލިން ރައްކާތެރިވުމަށް މަސައްކަތްކުރާ ޖަމުޢިއްޔާ، ޖަމާޢަތްތަކުގެ މަސައްކަތް ފާހަގަކުރައްވައި މިފަދަ ތަންތަނަށްދެވޭ މާލީ އެހީތެރިކަން އިތުރުކުރުމަށް ބާރުއެޅުއްވިއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުވަނީ ވީހާވެސް ގިނަ މީހުން އެއިޑްސް ބައްޔަށް ޓެސްޓްކުރުމަށް ގޮވާލައްވައިފައެވެ. އަދި ވަކިން ޚާއްޞަކޮށް ވީހާވެސް ގިނަ ޒުވާނުން އެއިޑްސް ބައްޔަށް ޓެސްޓުކޮށް އަމިއްލަ ހާލަތު ދެނެގަނެ، މި ބަލިން ރައްކާތެރިވުމަށް އެޅޭނެ ފިޔަވަޅުތަކާއިމެދު ހޭލުންތެރިވެ އެވާހަކަތަށް ދެއްކުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ގޮވައިލެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް