ލިއޮނަލް މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯގެ ރަސްކަމަށް ނިމުމެއް ގެނެސް، ރެއާލް މެޑްރިޑާއި ކްރޮއޭޝިއާގެ މިޑްފީލްޑަރ ލޫކާ މޮޑްރިޗް ބެލޮންޑިއޯ އެވޯޑް ކާމިޔާބު ކޮށްފިއެވެ. މިއާއެކު ފާއިތުވި 10 އަހަރު މެސީ އާއި ރޮނާލްޑޯ ފިޔަވާ އެހެން ކުޅުންތެރިއަކަށް މި އެވޯޑް ނުލިބި އޮތް އޮތުން މި ވަނީ ނިމުމަކަށް އަހިސްފައެވެ.
ފްރާންސް ފުޓްބޯލް ނޫހުން އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ހޮވުމަށް ދޭ އެވޯޑް ލޫކާ މޮޑްރިޗް ހޯދިއިރު، އޭނާ ވަނީ މި އަހަރު ފީފާ ބެސްޓް އެވޯޑާއި ޔޫރަޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ވެސް ހޯދާފައެވެ. މި އަހަރު ރަޝިޔާގައި އޮތް ފީފާ ވޯލްޑް ކަޕްގެ އެންމެ މޮޅު ކުޅުންތެރިޔަކީ ވެސް މޮޑްރިޗެވެ. މިއީ ކްރޮއޭޝިޔާގެ ކުޅުންތެރިއަކަށް ބެލޮންޑިއޯ ލިބުނު ފުރަތަމަ ފަހަރެވެ.
މި އަހަރު ރެއާލް މެޑްރިޑުން ޖެހިޖެހިގެން 3 ވަނަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމުގައި މުހިންމު ދައުރެއް މޮޑްރިޗް އަދާކުރިއިރު، ވޯލްޑް ކަޕްގެ ފައިނަލަށް ފުރަތަމަ ފަހަރަށް ކްރޮއޭޝިއާ ދަތުރުކުރުމުގެ އެންމެ ބޮޑު ޝުކުރެއް ޙައްޤު އެއް ކުޅުންތެރިޔަކީ ވެސް އޭނާއެވެ.
ފުޓްބޯޅަ ނޫސްވެރިންގެ ވޯޓުން ހޮވާ ބެލޮންޑިއޯ އެވޯޑް މޮޑްރިޗް ހޯދިއިރު، ދެ ވަނަ މަގާމް ލިބުނީ ކްރިސްޓިއާނޯ ރޮނާލްޑޯ އަށެވެ. 3 ވަނަ އަށް ދިޔައީ އެންޓޮއިން ގްރީޒްމަން އެވެ. މިއީ 2007 ގެ ފަހުން ލިއޮނަލް މެސީ ގަދަ 3 ގައި ނުހިމެނުނު ފުރަތަމަ ފަހަރެވެ.
ފްރާންސް ފުޓްބޯޅަ ނޫހުން ހޮވި އަހަރުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމް ހޯދީ ފްރާންސް އަދި ޕީއެސްޖީގެ ފޯވާޑް ކިލިއަން އެމްބާޕޭއެވެ. ޓްރޮފީ ކޮޕާގެ ނަމުގައި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާއަށް ފްރާންސް ނޫހުން އެވޯޑެއް ތަޢާރަފުކުރި މިއީ އަލަތު ފަހަރެވެ. އެމްބާޕޭ މި އެވޯޑް ހާސިލްކުރީ 55 އިންސައްތަ ވޯޓާއެކުގައެވެ.
ފްރާންސް އާއެކު އުމުރުން އެންމެ ނަވާރަ އަހަރުގައި ވޯލްޑް ކަޕް ކާމިޔާބު ކުރިއިރު، އެމްބާޕޭ ވަނީ ޕީއެސްޖީއާއެކު ފްރާންސް ލީގު ވެސް ކާމިޔާބު ކޮށްފައެވެ. އަދި ފީފާ އިން ހޮވި އަހަރުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑް ވެސް އެމްބާޕޭ ވަނީ ހޯދާފައެވެ.
ފްރާންސަށް ވޯލްޑް ކަޕް ކާމިޔާބު ވުމުގެ އުފާފާޅުކުރުންތަކާއެކު މިރޭ ކުރިއަށް ދިޔަ ކުލަގަދަ ރަސްމިއްޔާތުގައި އަހަރުގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ ގޮތުގައި ބެލޮންޑިއޯ ހޯދީ ނޯވޭ އާއި ލިއޯންގެ ތަރި އާދާ ހެގަބާގް އެވެ. މިއީ ބެލޮންޑިއޯ އެވޯޑްގައި އެންމެ މޮޅު އަންހެން ކުޅުންތެރިޔާ ހޮވި ފުރަތަމަ ފަހަރެވެ.
ބެލޮންޑިއޯ ގަދަ 10:
- ލޫކާ މޮޑްރިޑް
- ކްރިސްޓިއާނޯ ރޮނާލްޑޯ
- އެންޓޮއިން ގްރީޒްމަން
- ކިލިއަން އެމްބާޕޭ
- ލިއޮނަލް މެސީ
- މުޙައްމަދު ސަލާހް
- ރަފައެލް ވެރާން
- އެޑެން ހަޒާޑް
- ކެވިން ޑި ބްރޭނާ
- ހެރީ ކޭން
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް