ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް، މި ހިނގާ ޑިސެންބަރު މަހުގެ 6 ވަނަ ދުވަހުން 9 ވަނަ ދުވަހަށް ޗައިނާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި މިއަންނަ ބުދަ ދުވަހު ފުރާވަޑައިގަންނަވާނެކަން ރައީސް އޮފީހުން އިއުލާނު ކުރައްވައިފި އެވެ.
ރައީސް އޮފީހުން ހާމަކުރައްވާގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޗައިނާއަށް ކުރައްވާ މިދަތުރުފުޅަކީ އެޤައުމުގެ ރައީސް ޝީ ޖިންޕިންގގެ ދަޢުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ.
"ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ މި ދަތުރުފުޅުގައި، ދިވެހިރާއްޖެއާއި ޗައިނާގެ އިސްވެރިންގެ މެދުގައި މަޝްވަރާތައް ބޭއްވުމަށާއި، ދެ ޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމާބެހޭ އެއްބަސްވުންތަކެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ." ރައީސް އޮފީހުން ހާމަކުރައްވަ އެވެ.
އެ އޮފީހުން ހާމަކުރައްވާފައިވާގޮތުގައި މި އަހަރަކީ ދިވެހިރާއްޖެއާއި ޗައިނާއާއި ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރިތާ 45 އަހަރު ފުރޭ އަހަރެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގެ ސަބަބުން ދެޤައުމުގެ ދެމެދުގައިވާ ޒަމާންވީ އެކުވެރި ގުޅުން ދެޤައުމަށާއި، ދެޤައުމުގެ ރައްޔިތުންނަށް ފައިދާހުރިގޮތެއްގައި އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރެވެއެވެ.
ރައީސް ޔާމީންގެ މިދަތުރުފުޅަކީ އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމާއި ހަވާލުވެވަޑައިގަތުމަށްފަހު ޗައިނާއަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެއް ކަމާއި އެމަނިކުފާނު މީގެ ކުރިން ވަނީ 2014 ވަނަ އަހަރާއި، 2015 ވަނަ އަހަރު ޗައިނާއަށް ރަސްމީ ދަތުރުފުޅުތަކެއް ކުރައްވާފައި ކަމުގައި ރައީސް އޮފީހުން ފާހަގަ ކުރައްވާފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް